ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، 45 މޭލަށް ވައިގަދަވާނެތީ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާ ރީނދޫ އެލާޓް ނެރެފިއެވެ.
އެއިދާރާއިން ވިދާޅުވީ، މިއަދާއި މާދަމާވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށެވެ. އަދި މިހާރު ރާއްޖެއަށް ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށްވެސް މުސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ ހިސާބާބެއްގެ ކަނޑުތައްވެސް މިއަދާއި މާދަމާ ގަދަވާނެކަމަށް އެއޮފީހުން ވިދާޅުވެއެވެ. އަދި ވިލާގަނޑުގައި އިތުރަށް ކަނޑުތައް ގަދަވާނެކަން ފާހަގަކުރައްވާ މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލާއި 45 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށެވެ. އެ އިދާރާއިން ވަނީ ބޯކޮށް ވާރޭވެހި ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތަށް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ށ.އަތޮޅުން ފެށިގެން ލ.އަތޮޅާއި ހަމައަށް ރީނދޫ އެލާޓް ނެރެފައެވެ. އަދި އެ ވަގުތުތަކުގައި ސަލާމަތީ ހިދުމަތްދޭ ފަރާތްތަކެއްގެ އުޅަނދު ފިޔަވައި އެހެން އުޅަނދުތަކުގައި ކަނޑުދަތުރުފަތުރު ނުކުރުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ. ރީނދޫ އެލާޓުގެ ވަގުތުގައި ނުވަ މީޓަރަށްވުރެ ކުދި އުޅަނދުފަހަރުގައި ކަނޑުމައްޗަށް ނުނިކުތުމަކީ މަނާކަމެކެވެ.
Torrential rain expected pic.twitter.com/3HaqDZ8G7G
— Maldives Meteorology (@MetMaldives) September 1, 2023
އެހެންކަމުން ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކަށް މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
އެ އިދާރާއިން ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރަ ހޯމަ ދުވަހާއި ހަމައަށް ދިގުދެމިގެންދާނެކަމަށެވެ. އަދި ރާއްޖޭގެ އެހި ހިސާބަށްވެސް އެކި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހޭނެކަމަށްވެސް ވިދާޅުވިއެވެ.
ވިއްސާރަވެހި ފެންބޮޑުވެދާނެތީ މުދަލަށް ރައްކާތެރިވުމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ.