ދެކުނުގެ އެފްރިކާގެ އެންމެ ބޮޑު ރަށް ކަމުގައިވާ ޖޮހެނެސްބަރގުގައި ހުންނަ ފަސް ބުރިއަށް ޢިމާރާތްކޮށްފައިވާ އެޕާޓްމަންޓް ޢިމާރާތެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 74 މީހުން މަރުވެ، ގިނަ ޢަދަދެއްގެ ބަޔަކު ފިހިއްޖެއެވެ. ޢިމާރާތުގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ރޭގަނޑުގެ ވަގުތުގައެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި 12 ކުޑަކުދިން ހިމެނެއެވެ.
އަލިފާނުގެ ހާދިސާ ހިނގާފައިވާ ޢިމާރާތަކީ ގެދޮރު ނެތް މީހުން ދިރިއުޅޭ ޢިމާރާތެއް ކަމުގައި ޖޮހެނެސްބަރގުގެ އޮފިޝަލުން ވިދާޅުވިއެވެ. މި ހާދިސާގައި މަރުވި މީހުންގެ ޢަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމުގައި އޮފިޝަލުން ވިދާޅުވާއިރު، އެ ތަނުގައި ރޯވި އަލިފާންގަނޑުން ސަލާމަތްވުމަށް ކުޑަދޮރުތަކުން ބޭރަށް ފުންމައިލުމުގެ ސަބަބުން ބައެއް މީހުން މަރުވިއެވެ.
ޢިމާރާތުން ފުންމައިލި މީހުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކަށް އަނިޔާވެފައިވާއިރު، އޭގެ ތެރޭގައި ހަތް ކުޑަކުދިން ހިމެނޭ ކަމުގައި އޮފިޝަލުން ވިދާޅުވިއެވެ. ޢިމާރާތުން ބޭރަށް ފުންމައިލުމުގެ ސަބަބުން ޒަޚަމުވި އެންމެ ތުއްތު ކުއްޖާގެ އުމުރަކީ އެއް އަހަރެވެ. އަލިފާނުގެ ހާދިސާ ހިނގި ޢިމާރާތް ހުންނަނީ ޖޮހެނެސްބަރގުގެ ވިޔަފާރީގެ މަރުކަޒީ ސަރަޙައްދުގައެވެ.
އަލިފާނުގެ ހާދިސާ ހިނގި ވަގުތު ޢިމާރާތުގެ ތެރޭގައި 200 އަށްވުރެ ގިނަ މީހުން ދިރިއުޅެމުން ދިޔަ ކަމުގައި އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން ބުނެއެވެ. ޢިމާރާތުގައި ރޯވި އަލިފާންގަނޑު މިހާރު ނިއްވައިލާފައިވާއިރު، އެ ތަނުގެ ތެރެއިން 74 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމުގައި ޖޮހެނެސްބަރގު އޮންނަ ހައުތެންގް ޕުރޮވިންސުގެ އޮފިޝަލެއް ކަމުގައިވާ ތެމްބަލެތޫ މްޕަލާޒާ ވިދާޅުވިއެވެ.
ޢިމާރާތުގެ ތެރެއިން އިތުރު މީހެއްގެ ހަށިގަނޑު ފެނޭތޯ ބެލުމަށް އޮފިޝަލުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. މި ހާދިސާގައި ޒަޚަމުވެފައިވާ މީހުންގެ ޢަދަދު 52 އަށް އަރާ ކަމުގައި ޖޮހެނެސްބަރގުގެ އެމަޖެންސީ މެނޭޖްމަންޓް ސަރވިސަސް (އީ.އެމް.އެސް)ގެ ތަރުޖަމާނު ރޮބަރޓް މުލައުޑްޒީ ވިދާޅުވިއެވެ. ޢިމާރާތުގައި ރޯވި އަލިފާންގަނޑު ނިއްވައިލެވުނީ ތިން ގަޑިއިރުގެ މަސައްކަތުންނެވެ.