ކުޅިވަރު

ކެރަމް މުބާރާތުގެ އެންމެ މޮޅު ސްކޫލަކަށް ތާޖުއްދީން ސްކޫލް


18ވަނަ އިންޓަރސްކޫލް ކެރަމް މުބާރާތުގެ އެންމެ ކާމިޔާބު ސްކޫލަކަށް ތާޖުއްދީން ސްކޫލް ހޮވިއްޖެއެވެ. 

ތާޖުއްދީން ސްކޫލްވަނީ މުބާރާތުގެ ޖޫނިއަރ އުމުރުފުރާތަކުގެ ސިންގަލްސް ޑަބަލްސް އަދި ޓީމް އިވެންޓްގެ ގިނަ ބަޔަކުން ޗެމްޕިއަންކަން ހޯދާފައެވެ. 

މި މަހުގެ ފަސްވަނަ ދުވަހު ފެށި މި މުބާރާތުގެ 12 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެންޕިއަންކަން ހޯދާފައިވަނީ ޖަމާލުއްދީން ސްކޫލް އަދި މި އުމުރުފުރާގެ އަންބައިގެ ޗެންޕިއަންކަން ހޯދާފައިވަނީ ތާޖުއްދީން ސްކޫލެވެ. 14 އަހަރުން ދަށުގެ އުމުރުފުރާގެ ފިރިހެން އަދި އަންހެން ޓީމް އިވެންޓްގެ ޗެމްޕިއަންކަންވެސް ހޯދީ ތާޖުއްދީން ސްކޫލެވެ. 

16 އަހަރުންދަށުގެ ފިރިހެންބައިގެ ޗެންޕިއަންކަން ހޯދާފައިވަނީ އަރަބިއްޔާ ސްކޫލް، އަދި މި އުމުރުފުރާގެ އަންހެންބައިގެ ޗެންޕިއަންކަން ހޯދާފައިވަނީ އިމާދުއްދީން ސްކޫލެވެ. ނާވާރަ އަހަރުންދަށުގެ ފިރިހެންބައިގެ ޗެންޕިއަންކަން ހޯދާފައިވަނީ މަޖީދިއްޔާ ސްކޫލެވެ. އަންހެންބައިގެ ޗެންޕިއަންކަން ހޯދާފައިވަނީ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަންއެވެ.

މުބާރާތުގެ ސިންގަލްސް އިވެންޓަށް ބަލާލާއިރު 12 އަހަރުން ދަށުގެ އުމުރުފުރާގެ ފިރިހެން ޗެމްޕިއަންކަން ހޯދީ ތާޖުއްދީން ސްކޫލްގެ ހަސަން ޔޫންއެވެ. މި އުމުރުފުރާގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ތާޖުއްދީން ސްކޫލްގެ އާމިނަތު މިޝްފާ މުސްތަފާއެވެ. މުބާރާތުގެ 14 އަހަރުން ދަށުގެ އުމުރުފުރާގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ޖަމާލުއްދީން ސްކޫލްގެ ނައުފަލް ޝަރީފް ހޯދިއިރު އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ތާޖުއްދީން ސްކޫލްގެ ފާތިމަތު އިރާޝާއެވެ. 

16 އަހަރުން ދަށުގެ އުމުރުފުރާގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އަރަބިއްޔާ ސްކޫލްގެ ޚާތިމް ޚަލީލެވެ. އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އިމާދުއްދީން ސްކޫލްގެ އާމިނަތު އަޖުފާން އަޙުމަދެވެ. 19 އަހަރުން ދަށުގެ އުމުރުފުރާގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ މަޖީދިއްޔާ ސްކޫލްގެ ހަމީޝް ހަމްޒާއެވެ. މި އުމުރުފުރާގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ހިރިޔާ ސްކޫލްގެ އައިޝަތު ނަހުފާއެވެ. 

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ތާޖުއްދީން ސްކޫލްގެ ކޯޗް އަޙުމަދު ހާމިދެވެ.

18ވަނަ އިންޓާރ ސްކޫލް ކެރަމް މުބާރާތުގައި ޓީމް އިވެންޓާއި ސިންގަލްސް އިވެންޓްގެ އިތުރުން ޑަބަލްސް އިވެންޓްވެސްވަނީ ކުރިއަށްގެންގޮސްފައެވެ.

ޖުމްލަ 9 ސްކޫލަކުން 250 ވުރެ ގިނަ ދަރިވަރުން މިމުބާރަތުގައި ބައިވެރިވެފައިވާއިރު، 800 އަށްވުރެން ގިނަ މެޗް މި މުބާރާތުގައިވަނީ ކުޅެފައެވެ.