ޝަހީދު ޙުޞައިން ޢާދަމްގެ ބައްފާފުޅު ނިޔާވުމާއި ގުޅިގެން، އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު ތަޢުޒިޔާ ފޮނުއްވައިފިއެވެ.
މި ތަޢުޒިޔާގައި އެމަނުކުފާނު ވިދާޅުވީ ދިވެހިން އެބޭފުޅަކަށްޓަކައި ފަޚުރުވެރިގާ ޝަހީދު ޙުޞައިން އާދަމްގެ ބައްޕާފުޅު ހދ. ކުޅުދުއްފުށީ މާވާގެ އާދަމް މުޙައްމަދު ނިޔާވި ޚަބަރު އެއީ ފުންހިތާމައާއެކުކަމަށެވެ. އަދި މަރުޙޫމުގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ، މަރުޚޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުމަށް އެދި ދުޢާ ކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޓްވީޓްގައި ވިދާޅުވިއެވެ.
ދިވެހިން އެބޭފުޅަކަށްޓަކައި ފަޚުރުވެރިވާ ޝަހީދު ޙުޞައިން އާދަމްގެ ބައްޕާފުޅު ހދ. ކުޅުދުއްފުށީ މާވާގެ އާދަމް މުޙައްމަދު ނިޔާވި ޚަބަރު އެހީ ފުންހިތާމައާއެކު. މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވަން. އަދި މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި - އާމީން.
— Ibrahim Mohamed Solih (@ibusolih) August 28, 2023
ޝަހީދު ޙުސައިން އާދަމްގެ ބައްޕާފުޅު ނިޔާވީ ހާލުު ދެރަވެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިއަދު މެންދުރުފަހު 1:40 ހާއިރުއެވެ.
ޢާދަމް މުޙައްމަދު ނިޔާވިއިރު އުމުރުފުޅަކީ 89 އަހަރުއެވެ. އަވަހާރަވީ އާލާސްކަންފުޅާ ދިގުމުއްތަކަށް އުޅުއްވުމަށްފަހުގައެވެ.
އާދަމް މުޙައްމަދުގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ އިޝާ ނަމާދަށްފަހުގައެވެ. ކަށުނަމާދުކުރުން އޮންނާނީ މަސްޖިދުލް ޙަޟާރާތުގައެވެ.
އާދަމް މުޙައްމަދުގެ ދަރިފުޅު ޙުސައިން އާދަމަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދިން އެންމެ ނުރައްކާތެރި ޢުދުވާނީ ހަމަލާގައި ޝަހީދުވި 19 ދިވެހިންގެ ތެރެއިން އެކަކެވެ. އަދި 3 ނޮވެންބަރުގައި ޙަމަލާ ދިން ވަގުތު، ސިފައިންގެ ދޮރުވާނެއްގެ ގޮތުގައި ޑިޔުޓީގައި ހުންނެވީވެސް ޙުސައިން އާދަމެވެ. ސިފައިންގެއަށް އަމާޒުކޮށް ޙަމަލާ ދިންވަގުތު، ދުޝްމިނުންނަށް އެއްވެސް ދޫ ދިނުމެއްނެތި ރައްދު ޙަމަލާ ޙުސައިން އާދަމް ދެއްވަމުން ގެންދެވިއެވެ. ޝަހީދުވީ ވަޒަން ހުސްވެ، އެތައް އުންޑައެއް ގަޔަށް އެރިފަހުން ކަމަށް، އެ ދުވަހުގެ މަޢުލޫމާތު ދެއްވާ ބޭފުޅުން ވިދާޅުވެއެވެ.