ޚަބަރު

"އަމީން އެވެނިއު" ގެ މަސައްކަތް އަންނަ އަހަރު މެދުތެރޭ ނިންމަނީ


އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުޅުމާލޭގައި ޢިމާރާތްކުރާ 270 އެޕާޓްމަންޓް ހިމެނޭ "އަމީން އެވެނިއު" ގެ މަސައްކަތް ނިންމައި، އެޕާޓްމަންޓްތައް ގަނެފައިވާ ފަރާތްތަކަށް އަންނަ އަހަރުގެ މެދެއްހާތާނގައި، ޙަވާލުކުރެވޭނެކަމަށް އެކުންފުނިން ބުނެފިއެވެ. ލަގްޒަރީ ފެންވަރުގައި ތަރައްޤީކުރާ މި އެޕާޓްމަންޓްތައް ގަންނަން ބޭނުންވާ ފަރާތްތަކަށް މިހާރުވެސް އެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުޅުމާލޭގައި ލަގްޒަރީ ފެންވަރުގައި އިމާރާތްކުރާ "އަމީން އެވެނިއު" އެކުލެވިގެންވަނީ 14 ބުރީގެ 3 ބްލޮކެއްގެ މައްޗަށެވެ. މިއިން ކޮންމެ ބްލޮކެއްގައި 93 އެޕާޓްމަންޓް ހުރެއެވެ. އެކުންފުނީގެ ފަރާތުން މި އެޕާޓްމަންޓްތައް ތަރައްޤީކުރަނީ 4 ކެޓެގްރީއަކަށް ބަހާލައިގެންނެވެ. އެގޮތުން މިތަނުގައި ބޭސިކް، ބޭސިކް ޕްލަސް، ލަގްޒަރީ އަދި ޕެންޓަގަންގެ ފެންވަރުގެ އެޕާޓްމަންޓްތައް ހިމެނިފައިވާނެކަމަށާއި، މިއިން ކޮންމެ ކެޓެގްރީއަކަށްވެސް ޚާއްޞަ ކަންތައްތަކެއް އެކުލެވިގެންވާނެ ކަމަށް އަމިން ކޮންސްޓްރަކްޝަންގެ ފަރާތުން މައުލޫމާތުދެއްވައެވެ. img:http://s3.psmnews.mv/images/660x400/14581472283642.jpg|"އަމީން އެވެނިއު" ގެ މަސައްކަތް ކުރިއަށްދާ ސަރަހައްދު- ފޮޓޯ: ޕީއެސްއެމް "އަމީން އެވެނިއު"ގެ މަސައްކަތްތައް ކުރިއަށްދާގޮތާ ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން އަމީން ކޮންސްޓްރަކްޝަންގެ ސޭލްސް އެންޑް މާކެޓިންގެ މެނޭޖަރ އަޙުމަދު ނަޒީމް މުޙައްމަދު ވިދާޅުވީ، އެކުންފުނިން ކަނޑައަޅާފައިވާ ޝެޑިއުލާ އެއްގޮތަށް މިތަނުގެ ހުރިހާ މަސައްކަތްތަކެއް ކުރިއަށްދާކަމަށެވެ. އަދި މިހާރު މަސައްކަތް ކުރިއަށްދާ ދުވެއްޔަށް ބަލާނަމަ، "އަމީން އެވެނިއު"ގެ ބްލޮކް A، އަދި Bގެ މަސައްކަތް އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިމިގެންދާނެކަމާއި، އަދި ބޮލޮކްގެ މަސައްކަތް އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ނިމިގެންދާނެކަމަށް ނަޒީމް ވިދާޅުވިއެވެ. ނަޒީމް ވިދާޅުވީ މި އެޕާޓްމަންޓްތައް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރުވެސް އެފުރުޞަތު ހުޅުވާލެވިފައިވާކަމަށެވެ. އަމީން އެވެނިއުގެ އެޕާޓްމަންޓްތައްވެސް ތަރައްޤީކުރަނީ ބޭރު ޤައުމުތަކުގައިވެސް ލަގްޒަރީ ފެންވަރުގެ އެޕާޓްމަންޓްތައް ތަރައްޤީކުރާ އުޞޫލުންކަމަށާއި، ލަގްޒަރީ ފެންވަރުގެ އެޕާޓްމަންޓްތަކަށް ބޭނުންވާ ގިނަ ޚިދުމަތްތަކެއް މިތަނުންވެސް ލިބިގެންދާނެކަމަށް އަމިން ކޮންސްޓްރަކްޝަންގެ ސޭލްސް އެންޑް މާރކެޓިންގ މެނޭޖަރ، ސިޒާޖް މުޞްޠަފާ ވިދާޅުވިއެވެ. އެގޮތުން މެއިންޓެނަސްގެ ޚިދުމަތްތަކާއި، ސުވިމިންގ ޕޫލާއި، ފިޓްނަސް ސެންޓަރ ފަދަ ޚިދުމަތްތައް ލިބިގެންދާނެކަން ސިޒާޖް ފާހަގަކުރެއްވިއެވެ. img:http://s1.psmnews.mv/images/660x400/14581472433235.jpg|"އަމީން އެވެނިއު" ގެ މަސައްކަތް ކުރިއަށްދާ ސަރަހައްދު- ފޮޓޯ: ޕީއެސްއެމް "އަމީން އެވެނިއު" އެޕާޓްމަންޓްތަކުގެ އަގުތަށް ކަނޑައާޅާފައިވަނީ 2.2 މިލިއަން ރުފިޔާއިން ފެށިގެން 8 މިލިއަން ރުފިޔާއާ ހަމައަށެވެ. އެގޮތުން މިތަނުގެ އެޕާޓްމަންޓް ގަންނަން ބޭނުންވާ ފަރާތްތަކުން އެޕާޓްމަންޓްގެ ޖުމްލަ އަގުގެ %20 ޑައުންޕޭމަންޓްގެ ގޮތުގައި ދެއްކުމަށްފަހު، އެޗް.ޑީ.އެފް.ސީ މެދުވެރިކޮށް ބާކީ %80 އިންސައްތަ، އިންސްޓޯލްމަންޓް އުޞޫލުން ދެއްކުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އަމިން ކޮންސްޓްރަކްޝަނުން ވިދާޅުވެއެވެ.