ޚަބަރު

މިއަހަރު އެންމެ ހޫނު ވާނީ އެޕްރީލް މަހު - މެޓް އޮފީސް


އަންނަ އެޕްރީލް މަހަކީ، ރާއްޖެއަށް މިއަހަރުގެ އެންމެ ހޫނު ދުވަސްތަކަށް ވެގެންދާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައިފިއެވެ.

ފާއިތުވި 5 އަހަރުވެސް ރާއްޖެއަށް އެންމެ ހޫނު ކަމަށް ރެކޯޑް ކުރެވިފައިވަނީ އެޕްރީލް މަހު ކަމަށް އެއިދާރާއިން ވިދާޅުވެއެވެ. 

2015 ވަނަ އަހަރުގެ ފެރުއަރީ މަހަށް ވުރެ، 0.5 ޑިގްރީ ސެލްސިއަސް އާއި، 1 ޑިގްރީ ސެލްސިއަސްގެ އިތުރުވުމެއް މިއަހަރު ފެބްރުއަރީ މަހު ފާހަގަ ކުރެވިފައިވެއެވެ. 

މޫސުމާބެހޭ ޤައުމީ އިދާރާގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޢަލީ ޝަރީފް ވިދާޅުވީ، މިއަހަރުވެސް އެންމެ ހޫނު ދުވަސްތައް އަންނާނެކަމަށް ލަފާ ކުރެއްވެނީ އެޕްރީލް މަހުގައި ކަމަށެވެ. އަދި ރާއްޖެ ހިމެނޭ ސަރަޙައްދަށް އެލް ނީނޯގެ އަސަރުކުރަމުން ދިއުމާއެކު ހޫނު މޫސުން، ޖޫންމަހާ ހަމައަށް ދިގުދެމިގެންދާނެކަމަށް ލަފާކުރެވޭކަމަށް ވިދާޅުވިއެވެ. އެލް ނީނޯ އަކީ ޕެސިފިކް ކަނޑުގައި އުފެދޭ ހޫނު އޮއިވަރެއްގެ ސަބަބުން ދިމާވާ މައްސަލައެކެވެ. މީގެ ސަބަބުން ދުނިޔެ ހޫނުވެ، ގަދުރަތީ އެކި މައްސަލަތައް ކުރިމަތިވެއެވެ.

މިދުވަސްވަރު ވާރޭވެހޭ މިންވަރު މަދުނަމަވެސް، ޖުމްލަކޮށް މުޅި އަހަރަށް ބަލާއިރު ވާރޭވެހޭ މިންވަރު ދަށްނުވާ ކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ. 

ހޫނު މޫސުމުގެ ދުވަސްވަރު ރާއްޖެއަށް ކުރިމަތިވާ އެންމެ ބޮޑު މައްސަލައަކީ، ރާއްޖޭގެ ބައެއް ރަށްތައް ފެނަށް ޖެހުމުގެ މައްސަލައެވެ. އެގޮތުން ފެބްރުއަރީ މަހުން ފެށިގެން މާޗް މަހުގެ 15 ގެ ނިޔަލަށް 24 ރަށަކުން ބޯފެން ހުސްވެގެން ސަރުކާރުން އެ ރަށްތަކަށް ބޯފެން ފޯރުކޮށްދެއްވާފައިވެއެވެ. އަދި އެލް ނީނޯގެ ސަބަބުން ކަނޑުގެ ލޮނުގަނޑު ހޫނުވެސް މަސްވެރިކަމަށްވެސް އަސަރުކުރެއެވެ. އަދި ދަނޑުވެރިކަމަށްވެސް އަސަރުތަކެއް ކުރެއެވެ.