"އަޅުގަނޑުގެ ރިޔާސީ މި ދައުރު ނިންމާނީ، އެންމެ ބޭނުންޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިންވަކިކޮށް ރޯނުދަމާ، ބިންކަނޑާ، ގޯތީގެ ފަތް ދިނުމަށްފަހު." މިއީ މިދިޔަ އަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދެއްކެވި ވާހަކަފުޅުގެ ތެރެއިން މާލެގެ ރައްޔިތުންނަށް އެންމެ ބޮޑު އުއްމީދަކާއި އުފާވެރިކަމެއް ގެނުވި ވާހަކަފުޅެވެ.
ގޯތި ދެއްވުމުގެ ވައުދަކީ ކޮށްދެވޭނެކަމެއް ނޫންކަމަށް ސަރުކާރަށް ފާޑު ކިޔާ ފަރާތްތަކުން ތަކުރާރުކޮށް ބުނަމުންދިޔަނަމަވެސް، ރައީސް ސާލިހުގެ ސަރުކާރުން ގެންދިޔައީ ފާޑުކިޔުންތަކަށް ބެއްލެވުމެއް ނެތި މާލޭގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދު ފުއްދެވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވަމުންނެވެ.
ގޯތި ދެއްވުމަށް ވެވަޑައިގެންނެވި ވައުދާއި އެއްގޮތަށް ފުރަތަމަ ކުރެވުނު މަސައްކަތަކީ ގޯތި ލިބޭނެ ފަރާތްތައް ކަނޑައެޅުއްވުމެވެ. އެ މަސައްކަތުގެ ތެރެއިން ސަރުކާރަށް ފެނުނީ އެތައް ބަޔަކު ބޯހިޔާވަހިކަމަށް އެދިއެދި ތިބި މަންޒަރެވެ. އެހެންކަމުން އެއްވެސް ރައްޔިތެއްގެ އުއްމީދު ފަނޑުވިޔަނުދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނިންމެވީ ގޯއްޗަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ މީހުންނަށް ގޯތި ދެއްވުމަށެވެ. އަދި އެކަމަށް އިތުރު ބޭނުންވާ ބިން ހިއްކެވުމުގެ މަސައްކަތް ސަރުކާރުން ވަނީ ފައްޓާވާފައެވެ.
މިއަދަކީ ރައީސުލްޖުމްހޫރިއްޔާ މާލެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދު ރަނުން ރަނަށް ފުއްދެވި ދުވަހެވެ. އިންވަކިކޮށް ރޯނުދަމާ، ބިންކަނޑާ، ގޯތީގެ ފަތް އެ ދަނީ ހަވާލު ކުރައްވަމުންނެވެ.
ރައީސް ސާލިހުގެ ސަރުކާރުން ކުރިއަށްގެންދިޔަ ބިންވެރިޔާ ސްކީމްގެ ދަށުން ލިބުނު ގޯއްޗާއި ހަވާލުވުމަށް ދިޔަ މީހަކު ބުނީ މިއީ އޭނާއަށް ވަރަށް އުފާވެރި ދުވަހެއްކަމަށެވެ. އަދި މީގެކުރިން އެތައް ސަރުކާރެއް ވެރިކަންކުރިނަމަވެސް މާލޭގެ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ގޯތި ދީފައިވާ މަންޒަރު ފެނިފައި ނުވާކަމަށެވެ. ނަމަވެސް ރައީސް ސާލިހުގެ ސަރުކާރުން އެކަން ކޮށްދިނުމަކީ އެ މީހުން ދުވަހަކުވެސް ހިތަށް އެރިކަމެއް ނޫންކަންވެސް ގޯތި ލިބުނު މީހުން ފާހަގަކުރިއެވެ.
"ވަރަށް ގިނަ ސަރުކާރުތައް އައިސް ގޮއްސި. އެކަމަކު މާލޭގެ ރައްޔިތަކަށް ގޯތި ލިބުނު ތަނެއް ނުފެނޭ." ގޯތި ލިބުނު މީހަކު ބުންޏެވެ.
ގޯތި ލިބުނު އެހެން މީހަކު ބުނީ ކުޑަ ތަންކޮޅެއްގައި އުޅެން ޖެހިފައި ވުމުގެ ސަބަބުން ދަރިން ބޮޑެތިވެ އެކުދިން އުޅޭނެ ޖާގައެއްވެސް ނެތްކަމަށެވެ. ނަމަވެސް އެ އާއިލާއަށް ދިމާވެފައިވާ ބޮޑު މައްސަލައަކަށް ގޯއްޗާއެކު ހައްލު ލިބިފައިވާކަން އޭނާ ފާހަގަކުރިއެވެ.
“ދަރިން ބޮޑެތި ވެގެން އަންނައިރުގައި މިހާރު އުޅޭތަނުގައި އުޅެންޏާ އެކުދިން އުޅޭނެ ތަނެއް ނެތް. ކުރިއަށް އެކުދިންގެ މުސްތަގުބަލަށް ލިބޭ ވަރަށް ބޮޑު އުފަލެއް މިއީ.” ގޯތި ލިބުނު މީހަކު ބުންޏެވެ.
ރައީސް ސާލިހުގެ ގޯތީގެ ވައުދަކީ ގިނަ ބަޔަކު އެތައް ޒަމާނެއްވަންދެން ކުރި ދިގު އިންތިޒާރެއްގެ ނިމުމަށްވާއިރު، އެ ރައްޔިތުން ދަނީ ހިތު އެންމެ ފުންމިނުން ސަރުކާރަށް ޝުކުރު އަދާކުރަމުންނެވެ.
މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެސްދިނުމަށް ސަރުކާރުން ކުރިއަށްގެންދިޔަ ބިންވެރިޔާ ސްކީމްގެ ދަށުން 19639 މީހަކު ގޯތި ދެއްވުމަށް ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ. އޭގެތެރެއިން 18955 މީހުންނަށް މިހިނގާ ރިޔާސީ ދައުރު ނިމުމުގެ ކުރިން ގޯތި ދެއްވުމަކީ ރައީސް ސާލިހުގެ ވަޢުދެކެވެ.
ރައީސް ސާލިހުގެ ވައުދާއި އެއްގޮތަށް ގޯތި ލިބުނު މީހުންގެ ބިންތައް ކަނޑައި ގޯތީގެ ރަޖިސްޓްރީ ހަވާލުކުރަން ފަށާފައިވާއިރު ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަދި ގެދޮރުވެރިޔާ ކޮމެޓީގެ ޗެއަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، ރައީސްގެ ވައުދުފުޅު މިއަދު މި ފުއްދިގެން ދިޔައީކަމަށެވެ. އަދި ގޯތި ލިބުނު ހުރިހާ މީހުންނަށް ނޮވެންބަރުމަހުގެ 5 ވަނަ ދުވަހުގެ ކުރިން ގޯތި ކަނޑައި ރަޖިސްޓްރީ ހަވާލުކުރާނެކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.
"މިތަނުން އިތުރު ގޯތިތައް ކެނޑިގެންދާނެ މާދަމާވެސް. މިއަދު 30 ގޯތި ކެނޑިގެންދާނެ. އެހެން ސަރަހައްދުތަކުގައިވެސް ގޯތިތައް ކެނޑިގެންދާނެ. ރައީސްގެ ޕްރެޒިޑެންޝިއަލް އެޑްރެސްގައި ވިދާޅުވެފައި އޮތީ ސަރުކާރުގެ ދައުރު ހަމަކުރުމުގެ ކުރިން ތިމަންމަނިކުފާނު ގޯތި ކަނޑައި ރަޖިސްޓްރީ ދެއްވާނަމޭ. އެގޮތައް މިއަދު ގޯތި ކަނޑައި ރަޖިސްޓްރީ ދެވުނީމި އަޅުގަނޑުމެންނަށް." އަކްރަމް ވިދާޅުވިއެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގެ އިތުރުން ގިރާވަރުފަޅު އަދި ގުޅީފަޅުންވެސް ގޯތި ދޫކުރާނެއެވެ. އެގޮތުން ގިރާވަރުފަޅުން 5000 ގޯތި، ގުޅިފަޅުން 2200 އަށްވުރެ ގިނަ ގޯތި އަދި ހުޅުމާލެ ދެވަނަ ފިޔަވަހިން 1300އަށްވުރެ ގިނަ ގޯތި ދިނުމަށް ނިންމާފައިވެއެވެ.
މާލޭގެ އަބާދީ 60،000އިން މައްޗަށް އަރައެވެ. ނަމަވެސް މި ވޭތުވެދިޔަ ސާޅީހަކަށް އަހަރަށް ބަލާއިރުވެސް، މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށް ގޯތި ދޫކުރުމުގެ މަސައްކަތެއް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. އެހެން ރަށްރަށުގެ ރައްޔިތުންނަށް އެމީހެއްގެ އުފަން ރަށުން އެއްވެސް އަގަކާ ނުލައި ބަންޑާރަ ގޯތި ލިބޭއިރު، މިއީ މާލޭގެ ރައްޔިތުންނަށްވެސް އޮންނަންވާނެ ޙައްގެއްކަމަށް އެމީހުން ޤަބޫލުކުރެއެވެ. އަދި މި މަސައްކަތަކީ، މާލޭގެ ރައްޔިތުން އެތަށް ޒަމާންތަކެއް ވަންދެން އުޅުނު ދަތި ދިރިއުޅުން އަލުން އާރާސްތުކުރުމަށް ލިބުނު ވަރަށް ބޮޑު އުއްމީދެއްކަމަށްވެސް އެފަރާތްތަކުން ބުނެއެވެ. ގޯތިތައް ފޮތިފޮތިކޮށްގެން ކުދިކުދި ތަންތަންކޮޅުގައި އުޅެންޖެހިފައި ތިބި މާލެ ރައްޔިތުންނަށް ގޯތި ލިބުނު އުފަލާއެކު އެ ރައްޔިތުން ފާހަގަކުރާ މައިގަނޑު އެއް ސަބަބަކީވެސް އެއީއެވެ.