އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރައްވަން ދެއްވި މުއްދަތު މިރެއަށް ހަމަވުމުން ލިސްޓުގައި ސޮއިކުރައްވަން އިތުރު ފުރުސަތެއް ނުދެއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 282،395 މީހުންނަށެވެ. މިފަހަރުގެ އިންތިޚާބުގައި އަލަށް 27،000 އަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ވޯޓާސް ލިސްޓަށް ދެން ބަދަލު ނުގެނެވޭނެކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ލިސްޓުގައި ސޮއިކުރެއްވުމަށް ހުޅުވާލެއްވި ފުރުސަތު މިރޭގެ ނިޔަލަށް ހަމަވާނެކަމަށެވެ. މިހާތަނަށް ސޮއިކުރެއްވުމަށް ތިން ކެންޑިޑޭޓުންގެ ފަރާތުން ވަޑައި ނުގަންނަވާ ކަމަށާއި ނަމަވެސް ލިސްޓުގައި ސޮއިކުރެއްވުމަށް އިތުރު ފުރުސަތު ނުދެއްވާނެ ކަމަށް ހަބީބް ވިދާޅުވިއެވެ.
ކެންޑިޑޭޓުންނަށް ލިސްޓުގައި ސޮއިކުރައްވަން ވަޑައިނުގެންނެވޭނަމަ، ކެންޑިޑޭޓެއްގެ ސިޓީއަކާއެކު ހުށަހެޅުއްވުމުން އެކެންޑިޑޭޓެއްގެ ފަރާތުން ހުށަހަޅުއްވާ މަންދޫބުންނަށް ސޮއިކުރުމުގެ ފުރުސަތު ދެއްވާނެކަމަށް ހަބީބް ވިދާޅުވިއެވެ.
ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރަން ފެށީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ހިނގާދިޔަ ކަންތައްތަކަށްފަހު އެ އަހަރު ސުޕްރީމް ކޯޓުން ނެރުނު ގައިޑްލައިނެއްގެ ދަށުންނެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. މީގެތެރޭގައި އަމިއްލަ ގޮތުން ވާދަކުރައްވާ ތިން ކެންޑިޑޭޓުން ވެސް ހިމެނިވަޑައިގަންނަވައެވެ.
ރާއްޖޭގެ ގާނޫނު އަސާސީއަށް ބަދަލު ގެނެސް މަލްޓި ޕާޓީ ސިސްޓަމް ތައާރަފުކުރި ފަހުން މިއީ އެންމެ ގިނަ ކެންޑިޑޭޓުން ރައީސުލްޖުމްހޫރިއްޔާކަމަށް ވާދަކުރައްވާ ފަހަރެވެ. ފެހި ޤާނޫނު އަސާސީގެ ދަށުން 2008 ވަނަ އަހަރު ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވީ 6 ކެންޑިޑޭޓުންނެވެ. ނަމަވެސް މިފަހަރުގެ ރިޔާސީ އިންތިޚާބުގައި 8 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީގެ ޓިކެޓްގައި ރިޔާސީ ރޭހަށް ނިކުމެވަޑައިގެންނެވި 5 ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރައްވާ 3 ކެންޑިޑޭޓުންނެވެ.
ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްޓަކައި 574 ވޯޓުލާ މަރުކަޒު ހުންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. މިއީ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ވޯޓު ފޮށި ބަހައްޓާ އިންތިޚާބެވެ.