އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލާ، ވޯޓު ކަރުދާސް ޗާޕުކޮށް ނިންމައި ޕެކް ކުރަން ފަށައިފިއެވެ.
ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 282،395 މީހުންނަށެވެ. އިންތިޚާބުގައި ބޭނުންކުރާ ވޯޓު ކަރުދާސް ޗާޕުކޮށް ނިންމައި އިލެކްޝަންސް ކޮމިޝަނުން ގެންދަވަނީ ވޯޓު ކަރުދާސްތައް ޗެކް ކުރެއްވުމުގެ މަސައްކަތްކުރައްވަމުންނެވެ. ކަރުދާސް ޗެކް ކުރެވޭ ވަރަކުން ވޯޓާސް ލިސްޓުގައިވާ ގޮތަށް ފޮށިތަކަށް ކަނޑައެޅިފައިވާ އަދަދަށް ވޯޓު ކަރުދާސް ޕެކް ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
ކޮންމެ ފޮއްޓަކަށް ފޮނުވާނީ، އެފޮއްޓަކަށް ވޯޓުލާ މީހުންގެ އަދަދަށްވުރެ 1 އިންސައްތަ ކަރުދާސް އިތުރުކޮށެވެ. އެއީ ޤާނޫނުގައި އެކަން ހަމަޖެހިފައި އޮންނަ ގޮތެވެ. އިލެކްޝަންސް ކޮމިޝަނުން ގެންދަނީ ވޯޓު ކަރުދާހުގެ މަސައްކަތާއެކު ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރުމުގެ މަސައްކަތްވެސް ކުރައްވަމުންނެވެ.
އިލެކްޝަންސް ކޮމިޝަނަށް ހުށައެޅި ޝަކުވާތަކާއި، ރީ-ރަޖިސްޓްރޭޝަންގެ މަރުހަލާތަކަށްފަހު ފައިނަލް ލިސްޓް ޢާންމު ކުރެއްވިއިރު ވޯޓު ދިނުމުގެ ހައްގު ލިބެނީ 282،395 މީހުންނަށެވެ. އަދި މިފަހަރުގެ އިންތިޚާބުގައި އަލަށް 27000އަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ.
ވޯޓު ކަރުދާސްތަކާ އެކު، ވޯޓުލުމުގައި ބޭނުންވާ ބައެއް މުހިންމު ލިޔެކިޔުންތަކާއި ސާމާނު ރަށްރަށަށް ގެންދަނީ ސެކިއުރިޓީ ފޮށިތަކުގައެވެ. ސެކިއުރިޓީ ފޮށިތަށް ފޮނުވާއިރު އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންނާއި ފުލުހުން ވެސް ހަރަކާތްތެރިވާނެއެވެ.
އަންނަމަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްޓަކައި 574 ވޯޓުލާ މަރުކަޒު ހުންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. މިއީ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ވޯޓު ފޮށި ބަހައްޓާ އިންތިޚާބެވެ. މިއިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގައި މަންދޫބުންގެ ހައިސިއްޔަތުން ހަރަކާތްތެރިވުމަށް 1،700 އަށްވުރެ ގިނަ މީހުންގެ ފޯމު ވަނީ އިލެކްޝަނަށް ހުށަހަޅާފައެވެ.
ރާއްޖޭގެ ގާނޫނޫ އަސާސީއަށް ބަދަލު ގެނެސް މަލްޓި ޕާޓީ ސިސްޓަމް ތައާރަފުކުރި ފަހުން މިއީ އެންމެ ގިނަ ކެންޑިޑޭޓުން ރައީސުލްޖުމްހޫރިއްޔާކަމަށް ވާދަކުރައްވާ ފަހަރެވެ. ފެހި ޤާނޫނު އަސާސީގެ ދަށުން 2008 ވަނަ އަހަރު ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވީ 6 ކެންޑިޑޭޓުންނެވެ. ނަމަވެސް މިފަހަރުގެ ރިޔާސީ އިންތިޚާބުގައި 8 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީގެ ޓިކެޓްގައި ރިޔާސީ ރޭހަށް ނިކުމެވަޑައިގަތް 5 ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރާ 3 ކެންޑިޑޭޓުންނެވެ.