ކުޅިވަރު

އައިއޯއައިޖީ 2023: ދެ މެޗުން މޮޅުވެ ފިރިހެން ޓީޓީ ޓީމު ސެމީއަށް


މަޑަގަސްކަރައިގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ގްރޫޕް ސްޓޭޖު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް، ޓޭބަލް ޓެނިހުގެ ޓީމު އިވެންޓުގެ ސެމީ ފައިނަލަށް ފިރިހެން ޤައުމީ ޓީމު ދަތުރުކޮށްފިއެވެ.

ފިރިހެން ޓީޓީ ޓީމުން މިއަދު ކުޅުނު ފުރަތަމަ މެޗުގައި މަޑަގަސްކަރަ އަތުން ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ފުރަތަމަ ގޭމްގައި ރާއްޖޭގެ މުހައްމަދު ޝައްފާން އިސްމާއީލް 3-2 އިން ރަންދްރިއަނާޓޯންޑްރޯ މަހެފް ކައިރިން 3-2 ސެޓުން ބަލިވި އިރު، ފުރަތަމަ ސެޓު ޝައްފާން ގެންދިޔައީ 11-5 އިންނެވެ. ދެވަނަ ސެޓު ރަންދްރިއަނާޓޯންޑްރޯ 11-7 އިން ގެންދިޔަ ނަމަވެސް، ޝައްފާން ތިންވަނަ ސެޓު، 11-6 އިން ގެންދިޔައެވެ. މެޗު ފޯރިގަދަކޮށް ގޮސްފައިވާއިރު، އަނެއް ދެ ސެޓު ޝައްފާން އަތުން ގެއްލުނީ 11-7 އަދި 11-5 އިންނެވެ.

ތިންވަނަ ގޭމްގައި މޫސާ މުންސިފު އަޙްމަދު، ނަޓިވެލް ޖޮނަތަން ކައިރިން ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ދެސެޓު ޖޮނަތަން ގެންދިޔަ އިރު، އޭނާ ސެޓުތައް ގެންދިޔައީ 11-5 އަދި 12-10 އިންނެވެ. ތިންވަނަ ސެޓު މުންސިފް 12-10 އިން ގެންގޮސް އުއްމީދެއް ހޯދި ނަމަވެސް، ފަހު ސެޓު ޖޮނަތަން ގެންދިޔައީ 11-5 ގެ ނަތީޖާއަކުންނެވެ.

ތިންވަނަ ގޭމްގައި މުހައްމަދު ޒީސްތު ނަސީމް 0-3 ގެ ނަތީޖާއަކުން ރަޒަފިންރަލަމްބޯ ޒޯ ނަދާރް ކައިރިން ބަލިވި އިރު، ސެޓުތައް ގެއްލުނީ 11-7، 11-7 އަދި 11-3 ގެ ނަތީޖާއަކުންނެވެ.

ފިރިހެން ޓީޓީ ޓީމުން ކުޅުނު ދެވަނަ މެޗުގައި ކޮމޮރޮސް ކައިރިން 3-0 ގެ ނަތީޖާއަކުން މޮޅުވި އިރު، ތިންވަނަ މެޗުގައި މޮރިޝަސް ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ފުރަތަމަ މެޗުގައި ޝައްފާން ވަނީ 3-1 އިން ޗަން ޔޫކް ފޯ ބްރައިން އަތުން ބަލިވެފައެވެ. ޝައްފާން މެޗުގައި ގެންދިޔަ ސެޓު 11-8 އިން ގެންދިޔަ ނަމަވެސް ދެން ޖެހިގެން އައި ތިން ސެޓު ގެންދިޔައީ ޗަންއެވެ.

ދެވަނައަކަށް މުންސިފް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ޔޮގަރަޖާ އަހިލެން ބަލިކުރި އިރު، މުންސިފް ސެޓުތައް ގެންދިޔައީ 11-4، 11-9 އަދި 14-12 އިންނެވެ. ޔޮގަރަޖާ ސެޓު ގެންދިޔައީ 11-9 ގެ ނަތީޖާއަކުންނެވެ. ތިންވަނަ ގޭމްގައި އަހްޔަރް އަހުމަދު ކާލިދު ވަނީ 3-0 ސެޓުން އެސްކޭ ހޮސެން ޒަޔާން ގަޒާލީ ބަލިކޮށްފައެވެ. އޭނާ ސެޓުތައް ގެންދިޔައީ 11-7، 11-8 އަދި 13-11 އިންނެވެ.

މެޗުގެ ހަތަރުވަނަ މެޗަށް ނުކުމެ، ޝައްފާން ވަނީ ޔޮގޮރަޖާ ބަލިކޮށްފައެވެ. ޝައްފާން ސެޓުތައް ގެންދިޔައީ 11-3، 11-9 އަދި 12-10 އިންނެވެ.

ރާއްޖޭގެ އަންހެން ޓީޓީ ޓީމުންވެސް މިއަދު ވަނީ މުހިއްމު ކާމިޔާބީއެއް ހޯދައިފައެވެ. ލީގު އުސޫލުން ޓީޓީ އަންހެން ޓީމުގެ އިވެންޓް ކުރިއަށްދާ އިރު، މިއަދު ކުޅުނު ދެމެޗުންވެސް ވަނީ މޮޅުވެފައެވެ.

ޝީޝެލްސްއާ ދެކޮޅަށް އަންހެން ޓީޓީ ޓީމު ކުޅުނު މެޗު ސީދާ ތިން މެޗުން ގެންގޮސްފައިވާ އިރު، އެ ގޭމްގައި ފާތިމަތު ދީމާ އަލީ ކުޅުނު މެޗުގައި ލައުރާ ސިނޮން ކައިރިން 3-0 ގެ ނަތީޖާއަކުން މޮޅުވިއެވެ. ދީމާ ސެޓުތައް ގެންދިޔައީ 11-4، 11-4 އަދި 11-2 އިންނެވެ. އައިޝަތު ރަފާ ނާޒިމް އެ ގޭމްގައި ކުޅުނު މެޗުގައި 3-1 ގެ ނަތީޖާއަކުން އަނިއެސާ ބެންސްޓްރޯންގް ބަލިކުރި އިރު، އެ މެޗުގައި ރަފާ ގެންދިޔަ ސެޓުތައް ގެންދިޔައީ 11-8، 11-9 އަދި 11-7 އިންނެވެ. އެ މެޗުގައި ބެންސްޓްރޯންގް ގެންދިޔަ ސެޓު ގެންދިޔައީ 11-5 އިންނެވެ.

ގޭމްގެ ފަހު މެޗުގައި ލައިސާ ފަތުހުﷲ އިސްމައިލް ވަނީ އަނިސާ ލެޕެރޭ ކައިރިން ސީދަ ތިން ސެޓުން މޮޅުވެފައެވެ. ލައިސާ ސެޓުތައް ގެންދިޔައީ 11-4، 11-4 އަދި 11-3 އިންނެވެ.

އަންހެން ޓީޓީ ޓީމުން ރިޔޫނިއަން ކައިރިންވެސް މޮޅުވީ ސީދާ ތިން ގޭމުންނެވެ. އެ ގޭމްގައި ދީމާ ކުޅުނު މެޗުގައި 3-0 އިން މޮފްލެޓް މަރިއޮން ބަލިކުރީ 11-3، 11-7 އަދި 11-5 އިން ސެޓުތައް ގެންގޮސްގެންނެވެ. އަދި ދެވަނަ މެޗުގައި ރަފާ ނުކުމެ، މާލެޓް މަޖާ ބަލިކުރީ 11-9، 11-9 އަދި 11-7 ގެ ނަތީޖާއަކުން ސެޓުތައް ގެންގޮސްގެންނެވެ.

ލައިސާ ފަތުހުﷲ ރިޔޫނިއަންގެ އަލްމެރީ ސޮލެނޭ ކައިރިން 3-1 އިން މޮޅުވެ ރާއްޖެއިން ގޭމް ކާމިޔާބުކުރި އިރު، ލައިސާ މެޗުގައި ގެންދިޔަ ސެޓުތައް ގެންދިޔައީ 11-5، 11-5 އަދި 11-5 އިންނެވެ. އަލްމެރީ ގެންދިޔަ ސެޓު ގެންދިޔައީ 11-7 ގެ ނަތީޖާއަކުންނެވެ.

ޓީޓީ އަންހެން ޓީމަށް މިހާރު އޮތް ނަތީޖާގައިވެސް މެޑަލް ވަނީ ޔަގީންވެފައެވެ.