ކުޅިވަރު

އައިއޯއައިޖީ 2023: ކޮމޮރޯސްއިން ރާއްޖޭގެ ފިރިހެން ހޭންޑްބޯޅަ ޓީމު ބަލިކޮށްފި


މަޑަގަސްކަރައިގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖޭގެ ފިރިހެން ހޭންޑްބޯޅަ ޓީމުން ކުޅުނު ފުރަތަމަ މެޗުން ކޮމޮރޯސް އަތުން ބަލިވެއްޖެއެވެ.

މަޑަގަސްކަރައިގެ ޖިމްނޭސް ކޮމްޕްލެކްސް ވޮންޓޮވޮރޯނާ ހޭންޑްބޯޅަ ކޯޓުގައި މިއަދު ކުޅުނު މެޗުގައި ކޮމޮރޯސްއިން ރާއްޖެ މައްޗަށް ކުރިހޯދީ 32-43 ގެ ނަތީޖާއަކުންނެވެ.

ރާއްޖެއާއި ކޮމޮރޮސް މިއަދު ކުޅުނު މެޗު ފެށިގެންވެސް ރަނގަޅަށް ކުޅުނީ ކޮމޮރޮސްއިންނެވެ. އެޓީމުގެ ތަކަފީން މުހައްމަދާއި ފަހަދު ސައީދުގެ ބާރު ހަމަލާތަކާއެކު ރަނގަޅު ލީޑެއް ނަގާފައިވާ އިރު، ފުރަތަމަ ހާފު ނިންމާލީ 22-13 ގެ ސްކޯއަކުން ލީޑުކޮށްފައި އޮވެގެންނެވެ.

ފުރަތަމަ ހާފުގައި ރާއްޖެއަށް އެންމެ ރަނގަޅަށް ސްކޯ ކުރެވުނު ވަގުތު ކޮޅަކީ ފައުލްތަކުގެ ސަބަބުން ކޮމޮރޯސްގެ ތިން ކުޅުންތެރިޔަކު ދެ މިނެޓަށް ބޭރު ކޮށްލާފައި އޮތް ވަގުތެއްގައެވެ. އެ ވަގުތުކޮޅުގައި އާދިލް ޝަހީދާއި މުހައްމަދު ފިރުނާސް އަބްދުﷲ ގެ އިތުރުން ރާއިދު ރަޝީދު ރާއްޖެއަށް ރަނގަޅު ގޯލުތަކެއް ކާމިޔާބު ކޮށްދިނެވެ.

ދެވަނަ ހާފު ފެށިގެން ރާއްޖެއިން ކުޅުން ރަނގަޅުކުރިއެވެ. މުހިއްމު ވަގުތުގައި ޝަހީދާއި ރާއިދުގެ އިތުރުން ފިރުނާޝްގެ ގޯލުތަކާއެކު ސްކޯގެ ފަރަގު ރާއްޖެއިން ކުޑަކުރި ނަމަވެސް، ފަހަތުން އަރައި ލީޑު ކުރެވޭނެ ގޮތެއް ނުވިއެވެ. ފުރަތަމަ ކޮޅުގައި ރާއްޖެއިން ހަ ޕޮއިންޓަށް ލީޑު ކުޑަކުރި ނަމަވެސް މެޗު ނިމުނީ 43-32 ގެ ނަތީޖާއަކުންނެވެ.