ސިއްހަތު

23 ރަށަކަށް އެންބިއުލާންސްގެ ހިދުމަތް ދެނީ


އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްނުދެވޭ 23 ރަށަކަށް މިއަހަރުގެ ތެރޭގައި އެމްބިއުލާންސްގެ ޚިދުމަތް ދެއްވާނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ޕީއެސްއެމްއަށް މަޢުލޫމާތުދެއްވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަޙުމަދު ޤާސިމް ވިދާޅުވީ ކުރިން 50 އެންބިއުލާންސް ދެއްވި ރަށްރަށުގެ ތެރެއިން މަރާމާތު ކުރައްވައިގެން ރަނގަޅު ފެންވަރެއްގެ ބޭނުން ކުރެއްވޭވަރުގެ އެންބިއުލާންސްތައް މަރާމާތުކުރައްވައި، އެމްބިއުލާންސް ނެތް ރަށްތަކަށް ދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

ބައެއް ރަށްރަށުގައި ހުރި އެންބިއުލާންސްތަކުގެ ތެރެއިން މަރާމާތުކުރަންޖެހޭ އެމްބިއުލާންސްތައް މަރާމާތުކުރެއްވުމުގެ މަސައްކަތް މިއަހަރު ތެރޭގައި ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ. ރާއްޖޭގެ ހޮސްޕިޓަލްތައް ހުރި ހުރިހާ ރަށެއްގައި އެމްބިއުލާންސް ހުންނާނެކަމަށް ހެލްތް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. އަދި މިއަހަރުގެ ތެރޭގައި އައު އެމްބިއުލާންސް ގެންނެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެ މިނިސްޓްރީން ހާމަކުރައްވައެވެ.

އަދި ޑަބްލިއު.އެޗް.އޯގެ އެހީގައި ގެންނަވާ އެމްބިއުލާންސްތައް ވަރަށް އަވަހަށް ރަށްތަކަށް ޙަވާލު ކުރައްވާނެ ކަމަށްވެސް ހެލްތް މިނިސްޓްރީން ވިދާޅުވިއެވެ. މި އެމްބިއުލާސްތަކަކީ މިހާރުވެސް ރާއްޖޭގައި ބޭނުން ކުރައްވަމުން އަންނަ ޑިޒައިންތަކުގެ އެމްބިއުލާންސްތަކެއް ކަމަށްވެސް އެ މިނިސްޓްރީން ހާމަކުރައްވައެވެ. އެންބިއުލާންސްގެ ޚިދުމަތް ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައި ދެއްވުމަށްޓަކައި ސަރުކާރުން ވަނީ 2015 ވަނައަހަރު 53 އެންބިއުލާންސް ގެންނަވައި ރަށްރަށަށް ދެއްވާފައެވެ.