ކުޅިވަރު

ސަގާފީ ކުލަގަދަ ހަރަކާތްތަކަކާއެކު މަޑަގަސްކަރައިގައި އައިއޯއައިޖީ ފަށައިފި


ކުލަގަދަ ސަގާފީ ހަރަކާތްތަކަކާއެކު މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) މިރޭ މަޑަގަސްކަރައިގައި ފަށައިފިއެވެ.

މަޑަގަސްކަރައިގެ މަހާމަސީނާ މުނިސިޕަލް ސްޓޭޑިއަމްގައި މި އަހަރުގެ އައިއޯއައިޖީގެ ފެށުން މިރޭ ކުރިއަށް ގެންގޮސްފައި ވަނީ ސަގާފީ ނެށުންތަކާއި މަޑަގަސްކަރައިގެ ހާއްސަކަން ދައްކުވައިދޭ ހުށަހެޅުންތަކުގެ އިތުރުން ޑްރޯން އަދި ލޭސާ ޝޯއަކާ ވެސް އެކުގަ އެވެ. މިރޭގެ އިވެންޓްގައި މަޑަގަސްކަރައިގެ ރައީސް އަންދްރޭ ރަޖޮއެލީނާގެ ދެކަނބަލުންނާއި އައިއޯއައިޖީ 2023ގައި ވާދަކުރާ ގައުމުތަކުގެ އިސް ފަރާތްތަކުން ބައިވެރިވެވަޑައިގެންފައިވެއެވެ.

މަޑަގަސްކަރައިގެ އިތުރުން ބައެއް އެހެން ގައުމުތަކުގެ ރައީސުން ވެސް މިރޭގެ ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެފައިވާ އިރު، ރާއްޖޭގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ރައީސް މުހައްމަދު އަބްދުލް ސައްތާރާއި އެމްއޯސީގެ ޖެނެރަލް ސެކްރެޓަރީ ތަމޫހް އަހުމަދު (ތަމޫ) ވެސް މިއަދުގެ ފެށުމުގެ އިވެންޓްގައި ބައިވެރިވެވަޑައިގެންފައިވެ އެވެ.

މިރޭގެ ފެށުމުގެ ރަސްމިއްޔާތުގައި މިއަހަރުގެ އައިއޯއައިޖީގައި ވާދަކުރާ ހަތް ގައުމުގެ އެތުލީޓުންނާއި އޮފިޝަލުން ހިމެނޭ ކޮންޓިޖެންޓްތަކުން އެގައުމުތަކުގެ ދިދަ ވިހުރުވާލައި ޕެރޭޑްގައި ބައިވެރިވެފައިވެ އެވެ. ރާއްޖޭގެ ކޮންޓިޖެންޓްގެ ދިދަ ވިހުރުވާލަ ދިނީ 2019 ވަނަ އަހަރު އައިއޯއައިޖީގައި ރަން މެޑަލް ހޯދި ހުނަރުވެރި ޓޭބަލް ޓެނިސް ކުޅުންތެރިޔާ، ފާތިމަތު ދީމާ އަލީ އާއި ރާއްޖޭގެ ފިރިހެން އެއް ވަނަ ޓެނިސް ކުޅުންތެރިޔާ އަބްދުﷲ ފާއިހް ފަޒީލް (ފާއީ) އެވެ.

މިއަހަރުގެ އައިއޯއައިޖީގައި ބައިވެރިވާ ގައުމުތަކަކީ ރާއްޖޭގެ އިތުރުން މޮރިޝަސްއާއި، ކޮމޮރޮސް، މަޔޮޓޭ، ރިޔޫނިއަން އަދި ހޯސްޓް މަޑަގަސްކަރައާއި ސީޝެލްސް އެވެ. ޖުމްލަ 2000 އަށް ވުރެ ގިނަ އެތުލީޓުން މިއަހަރު 17 ކުޅިވަރެއްގައި ވާދަކުރާ އިރު، ރާއްޖެއިން ވާދަކުރަނީ ނުވަ ކުޅިވަރެއްގަ އެވެ.

އެއީ އެތުލެޓިކްސް، ޓޭބަލް ޓެނިސް، ޓެނިސް، ވޮލީބޯޅަ، ބާސްކެޓްބޯޅަ، ހޭންޑްބޯޅަ، ޓައެކްވަންޑޯ، ސްވިމިން އަދި ބެޑްމިންޓަނެވެ. ޖުމުލަ 176 އެތުލީޓުން މިފަހަރު އައިއޯއައިޖީގައި ރާއްޖެ ތަމްސީލުކުރާ އިރު، 2019 ވަނަ އަހަރަށްވުރެ ބޮޑު ކާމިޔާބީއެއް ހޯދަން ބޮޑު އިތުބާރެއް ރާއްޖެއަށް އެބައޮތެވެ.