ޚަބަރު

ސުމީގެ ސްކޫލަކަށް ހަމަލަދީ ހަތަރު މީހުން މަރައިލައިފި


ޔޫކްރެއިންގެ އިރުއުތުރުގައިވާ ސުމީ ސަރަޙައްދުގައި އޮންނަ އަވަށެއް ކަމުގައިވާ ރޮމްނީގެ ސްކޫލަކަށް ރަޝިޔާއިން ދިން ވަރުގަދަ ހަމަލަތަކެއްގައި ހަތަރު މީހުން މަރުވެއްޖެއެވެ. މި ހަމަލަތަކުގައި ސްކޫލްގެ ޢިމާރާތް ވަނީ ސުންނާފަތިވެފައެވެ. ޔޫކްރެއިންގެ އޮފިޝަލުން ވިދާޅުވީ މި ހަމަލާގައި މަރުވި މީހުންގެ ޢަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމުގައެވެ.

ޔޫކްރެއިންގެ ދާޚިލީ ވަޒީރު އީހޯރް ކްލިމަންކޯ ވިދާޅުވީ މި ހާދިސާގައި މަރުވެފައި ވަނީ އެ ސްކޫލްގެ ޑިރެކްޓަރާއި، ޑެޕިޔުޓީ ޑިރެކްޓަރާއި، ސެކްރެޓަރީގެ އިތުރުން އެ ސްކޫލްގެ ލައިބްރޭރިއަން ކަމުގައެވެ. އަދި، ހަމަލަ ދީފައިވާ ވަގުތު ސްކޫލް ކައިރިން ދަތުރު ކުރަމުންދިޔަ ޢާންމުންގެ ހަތަރު މީހުން މި ހާދިސާގައި ޒަޚަމުވެފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

މި ހަމަލާގައި މަރުވެފައިވާ ހަތަރު މީހުންގެ ހަށިގަނޑު މިހާރު ވަނީ ފެނިފައެވެ. އަދި، ސުންނާފަތިވެފައިވާ ސްކޫލްގެ ޢިމާރާތުގެ ދަށުގައި އިތުރު މީހެއްގެ ހަށިގަނޑު އޮތްތޯ ބެލުމަށް އޮފިޝަލުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. ރޮމްނީއަކީ ވެރިރަށް ކީވްގެ އިރުމަތިން 230 ކިލޯމީޓަރު ދުރުގައި އޮންނަ އަވަށެކެވެ.

ޔޫކްރެއިންގެ އިރުމައްޗާއި ދެކުނުގައި ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިގެ ތެރެއިން ރޮމްނީ އޮންނަ ސަރަޙައްދަށް މީގެ ކުރިން ހަމަލަތައް އަމާޒުކޮށްފައި ވަނީ މަދު ފަހަރަކުއެވެ. ނަމަވެސް، ރަޝިޔާއިން އެ ސަރަޙައްދުތަކަށް ހަމަލަދިނުން ވެސް ފަހަކަށް އައިސް ވަނީ އިތުރުކޮށްފައެވެ.

ސުމީ ކައިރީގައި އޮންނަ ޚަރްކިވް ސަރަޙައްދުގައި ވެސް ރަޝިޔާގެ ހަމަލަތައް ވަނީ އިތުރުކޮށްފައެވެ. ހަނގުރާމައިގެ ކުރީކޮޅު ރަޝިޔާގެ ފައުޖުތަކުން ވަނީ ސުމީ ހިފަން މަސައްކަތް ކޮށްފައެވެ. ނަމަވެސް، ޔޫކްރެއިންގެ ފައުޖުތަކުން ވަނީ ރަޝިޔާގެ ސިފައިން ފަހަތަށް ޖައްސާފައެވެ.

މި ހަނގުރާމައަށް 548 ދުވަސް ފާއިތުވެފައިވާއިރު، ރަޝިޔާގެ ފައުޖުތަކުން ވަނީ ޔޫކްރެއިންގެ މައި ތިން ސަރަޙައްދަކަށް އަތްގަދަކޮށްފައެވެ. އެއީ އިރުމަތީގައިވާ ދޮންބާސްގައި ހިމެނޭ މައި ދެ ސަރަޙައްދު ކަމުގައިވާ ލުހާންސްކާއި ޑޮނެޓްސްކުގެ އިތުރުން ދެކުނުގައިވާ ޒަޕޮރީޜިޔާއެވެ. ރަޝިޔާއިން ވެރިވެގަނެފައިވާ ސަރަޙައްދުތައް މިނިވަން ކުރަން ޔޫކްރެއިނުން މިހާރު ދަނީ ކައުންޓަރއޮފެންސިވެއް ނުވަތަ ރައްދު ހަމަލާގެ އަސްކަރީ ކެމްޕޭނެއް ހިންގަމުންނެވެ.