ޚަބަރު

މަސްތުވާތަކެއްޗާ ދެކޮޅަށް ބާއްވާ ފުރަތަމަ އެކްސްޕޯ ފަށައިފި


  • މި އެކްސްޕޯއަކީ މަސްތުވާތަކެއްޗަށް މުޖުމަޢު ހޭލުންތެރިކުރުމަށް ބާއްވާ އެކްސްޕޯއެއް

  • އެކްސްޕޯގައި ޕެނަލް ޑިސްކަޝަންތަކާއި، މަޢުލޫމާތު ދިނުމާ އެކްޓިވިޓީތައް އޮންނާނެ

  • އެކްސްޕޯ މިރޭ 10:00 ޖަހަންދެން ކުރިއަށްދާނެ

މަސްތުވާތަކެތީގެ ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމަށް ހޭލުންތެރިކުރުމަށް ރާއްޖޭގައި ބާއްވާ ފުރަތަމަ އެކްސްޕޯ ފަށައިފިއެވެ. "އަހަރެމެންނާއެކު" ނަމުގައި ބާއްވާ މި އެކްސްޕޯ ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ.

އެކްސްޕޯ ކުރިއަށްދަނީ ހުޅުމާލެ ރުއްގަނޑު އެކެއް ސަރަޙައްދުގައެވެ. މިއީ ނެޝަނަލް ޑްރަގް އެޖެންސީއާއި، ކަމާއި ގުޅުންހުރި ބޭރު ޖަމިއްޔާތަކާއި ރާއްޖޭގެ އިދާރާތައް ގުޅިގެން ކުރިއަށްގެންދާ އެކްސްޕޯއެކެވެ.

އެކްސްޕޯ ފައްޓަވައިދެއްވާ ވާހަކަފުޅުދައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައަކީ ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ޙައްލު ހޯދަންޖެހޭ މައްސަލައެއްކަމަށެވެ. މިއީ ހަމައެކަނި ޓްރީޓްމަންޓް ސެންޓަރަކުން ޙައްލުވާނެ މައްސަލައެއް ނޫންކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ، އެންމެ މުހިންމީ މުޖުތަމަޢުގެ އެހީއާއި، އެފަދަ މިހުންނާމެދު ދެކޭ ގޮތް ބަދަލުކުރުންކަމަށެވެ.

ނައިބުރައީސް ވިދާޅުވީ މަސްތުވާތަކެތީގެ ހިތާމަ ތަޙައްމަލުކުރަން ނުޖެހޭ އާއިލާއެއް ރާއްޖޭގައި މަދުވާނެކަމަށެވެ. މިހާބޮޑު މައްސަލައަކަށް ޙައްލުގެނެވޭނީ، އެހާމެ ބޮޑު މަސައްކަތެއް ކަމާގުޅުންހުރި އިދާރާތަކާއި މުޖުމަޢު ގުޅިގެން ކޮށްގެން ކަމަށެވެ. ރާއްޖޭގެ މުޅި މުސްތަޤުބަލު އޮތީ ޒުވާނުންގެ އަތްމަތީގަކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ، ޒުވާނުން މި ވަބާއިން ސަލާމަތްކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ.

"މިއީ ތަނެއްގައި ރިއްސާލީމަ އިންޖެކްޝަނަކާ ބޭސްގުޅައެއް ދޭހެން ޙައްލުވާނެ ކަމެއް ނޫން. ވަށާޖެހޭ އުސޫލެއް އޮންނަންޖެހޭ. ޕްރިވެންޝަން މަސައްކަތާއި، ޑިޓޮކްސް އަދި ރިހެބިލިޓޭޝަން މަސައްކަތުގެ އިތުރުން މަސައްކަތް ދަސްކޮށްދީ މުޖުތަމަޢުގެ ބަލައިގަތުންވެސް ބޭނުންވޭ." ނައިބު ރައީސް ވިދާޅުވިއެވެ.

ނެޝަނަލް ޑްރަގް އެޖެންސީގެ ސީއީއޯ އިމާދު ޞާލިޙު ވިދާޅުވީ މިފަދަ އެކްސްޕޯއެއް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ މިކަމާމެދު ސިއްޙީ ނަޒަރަކުން މުޖުތަމަޢު ހޭލުންތެރިކުރުންކަމަށެވެ. އަދި މިއީ ފަރުވާ ބޭނުންވާ މައްސަލައެއްކަމާއި، އެކަމުގައި މުއައްސަސާތަކާއި މުޖުތަމަޢުގެ އެހީތެރިކަމުގެ މުހިންމުކަން ބުނެދިނުމަކީވެސް މިއެކްސްޕޯ ބޭއްވުމުގެ ބޭނުމެއް ކަމަށް އިމާދު ވިދާޅުވިއެވެ.

"މިއީ ފުރަތަމަ އެކްސްޕޯ. ދެން ކޮންމެ އަހަރަކު މި އެކްސްޕޯ ބާއްވާނަން. އަދި އަތޮޅުތަކުގެ އާބާދީ ބޮޑު ރަށްތަކާއި، އެންޑީއޭގެ ގޮފިތައް ހުންނަ ސަރަޙައްދުތަކުގައި ބާއްވާނަން." އިމާދު ވިދާޅުވިއެވެ.

މި އެކްސްޕޯގެ ތެރެއިން ޕެނަލް ޑިސްކަޝަންތަކާއި، އިންފޮމޭޝަން ސްޓޯލް އަދި ތަފާރު ގޭމްތަކާއި ހަރަކާތްތަކުގެ ތެރެއިން މަޢުލޫމާތު ފޯރުކޮށްދިނުން ކުރިއަށްދާނެއެވެ. އެކްސްޕޯ މިރޭ 10:00އާއި ހަމައަށް ކުރިއަށްދާނެއެވެ.