ޚަބަރު

ބްރިޖުގެ ފައުންޑޭޝަންގެ މަސައްކަތް ފެށުމަށް ޕްލެޓްފޯމްތައް އަޅަނީ


ޗައިނާ- މޯލްޑިވްސް ފްރެންޑްޝިޕް ބަރިޖްގެ ފައުންޑޭޝަންގެ މަސައްކަތް ފެށުމަށް ބޭނުންވާ ޕްލެޓްފޯމްތައް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

ބްރިޖްގެ ކޮންޓްރެކްޓަރ ޗައިނާގެ ސީ.ސީ.ސީ.ސީ ސެކަންޑް ހާބަރ އިންޖިނިއަރިންއާ ޙަވާލާދެއްވައި ހައުސިންގ މިނިސްޓްރީން ވިދާޅުވި ގޮތުގައި، މި މަސައްކަތް ފެށީ އިއްޔެ މެންދުރުފަހުއެވެ. ޕްލެޓް ފޯމުތައް ތައްޔާރުކުރުމަށްފަހު، ޖޫން ނުވަތަ ޖުލައި މަހުގެ ތެރޭގައި ފައުންޑޭޝަންގެ މަސައްކަތްވެސް ފެށޭނެކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. ހައުސިންގ މިނިސްޓްރީން ނެރުއްވި ބްރިޖްގެ ޓައިމްލައިންގައިވާ ގޮތުން ދުނިޔޭގެ ފެންވަރުގައިވެސް ބޮޑު މަސައްކަތެއް ކަމަށްވާ ބްރިޖްގެ ފައުންޑޭޝަންގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ކަނޑުގެ އަޑިން ބިން ގަނޑުގެ އަޑިއަށް 70 މީޓަރު ނުވަތަ 230 ފޫޓުގެ ފުންމިނުގައެވެ. ޓައިމްލައިނުގައި ބުނެފައިވާގޮތުން ފައުންޑޭޝަންގެ މަސައްކަތަށްފަހު އަހަރުގެ މެދުތެރޭގައި ކަނޑުއަޑީގައި ޖަހާ ތަނބުތަކުގެ މަސައްކަތްވެސް ފެށިގެންދާނެއެވެ.

ރައީސް ޢަބްދުﷲ ޔާމީންގެ ރިޔާސީ އެންމެ ބޮޑު އެއް ވަޢުދަކީ މާލެއާއި ހުޅުލެއާ ދެމެދު އަޅަމުންދާ ބްރިޖެވެ. މި މަޝްރޫޢު ކުރިއަށްގެންދަނީ ޗައިނާ ސަރުކާރުގެ ބޮޑު އެހީތެރިކަމަކާއެކުގައެވެ. އެގޮތުން ބްރިޖްގެ މަޝްރޫއަށް ހޭދަވާ 210 މިލިއަން ޑޮލަރުގެ ތެރެއިން ބޮޑު ބަޔަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީއާއި، ޗައިނާގެ ލުއި ލޯނެކެވެ. ދިވެހި ސަރުކާރުން މި މަޝްރޫޢަށް ޚަރަދުކުރައްވަނީ 12.6 މިލިއަން ރުފިޔާއެވެ.