ސޫރިޔާގެ ހުޅަނގުއުތުރުގައިވާ އިދްލީބް ޕުރޮވިންސަށް ރަޝިޔާގެ އަސްކަރިއްޔާއިން ދިން ވައިގެ ހަމަލަތަކެއްގައި ޢާންމުންގެ ދެ މީހުން މަރުވެއްޖެއެވެ. ރަޝިޔާގެ އަސްކަރީ މަތިންދާބޯޓުތަކުން ވައިގެ ހަމަލަތައް ދީފައި ވަނީ އިދްލީބްގެ ހުޅަނގުގައި އޮންނަ އާރީ ކިޔާ ރަށެއްގައި އޮންނަ ފެން އުފައްދާ ޕްލާންޓެއް ހުންނަ ސަރަޙައްދަކަށެވެ.
މި ހަމަލާގައި މަރުވެފައި ވަނީ އެ ސަރަޙައްދުގައި ދިރިއުޅޭ އުމުރުން ދުވަސްވީ ފިރިހެނަކާއި އޭނާގެ 16 އަހަރުގެ ކާފަ ދަރިފުޅެވެ. ސޫރިޔާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމުޢިއްޔާއެއް ކަމުގައިވާ "ވައިޓް ހެލްމެޓްސް"އިން ބުނީ ރަޝިޔާގެ ހަމަލަތަކުގައި މަރުވެފައި ވަނީ އަޙްމަދު އަލް-ޚާލިދާގެ އޭނާގެ ކާފަ ދަރިފުޅު ކަމުގައިވާ ޠާހިރު އަލް-ޚާލިދް ކަމުގައެވެ.
ރަޝިޔާއިން ފެން ޕްލާންޓަށް ދެ ފަހަރު ހަމަލަދީފައިވެއެވެ. މި ވަގުތު ބޭނުން ކުރަމުން ނުދާ އެ ފެން ޕްލާންޓް ހުންނަ ޢިމާރާތަކީ ހާލުގައި ޖެހިފައިވާ ޢާއިލާތަކުން ދިރިއުޅޭ ތަނެއް ކަމުގައި ވައިޓް ހެލްމެޓްސްއިން ބުނެއެވެ. އެ ޖަމުޢިއްޔާގެ ޑެޕިޔުޓީ ޑިރެކްޓަރ މުނީރް އަލް-މުޞްޠަފާ ވިދާޅުވީ ރަޝިޔާގެ ހަމަލާގައި ޢާންމުންގެ އިތުރު ފަސް މީހުން ޒަޚަމުވެފައިވާ ކަމުގައެވެ. އޭގެ ތެރޭގައި އަންހެނަކާއި ދެ ކުޑަކުދިން ވެސް ހިމެނެއެވެ.
މި ހާދިސާގައި މަރުވެފައިވާ އަޙްމަދުގެ ދަރިފުޅު މުޙައްމަދު އަލް-ޚާލިދް ބުނީ ފެން ޕްލާންޓް ހުންނަ ޢިމާރާތަކީ ގެދޮރު ގެއްލިފައިވާ ޢާންމުން ވަގުތީ ހިޔާއެއްގެ ގޮތުގައި ބޭނުން ކުރަމުންދާ ތަނެއް ކަމުގައެވެ. އަދި، އެ ސަރަޙައްދުގައި ހަތިޔާރުއެޅި އެއްވެސް ޖަމާޢަތަކަށް ނިސްބަތްވާ ބަޔަކު ނޫޅޭ ކަމުގައި ވެސް އޭނާ ބުންޏެވެ. ސޫރިޔާގެ އަސްކަރިއްޔާއާއި ރަޝިޔާގެ ފައުޖުތައް ގުޅިގެން އިދްލީބަށް ދެމުންދާ މި ފަދަ ހަމަލަތަކުގެ ޢަދަދު ފަހަކަށް އައިސް އިތުރުކޮށްފައިވާ ކަމުގައި އެ ސަރަޙައްދުގައި ދިރިއުޅޭ މީހުން ބުނެއެވެ.
ސޫރިޔާއާއި ރަޝިޔާގެ ފައުޖުތަކުން ގުޅިގެން މި އަހަރުގެ މިހާތަނަށް ދީފައިވާ މި ފަދަ ހަމަލަތަކުގެ ޢަދަދު 454 އަށް އަރާ ކަމުގައި ވައިޓް ހެލްމެޓްސްގެ މުޞްޠަފާ ވިދާޅުވިއެވެ. މި ހަމަލަތަކުގައި 51 މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި އަށް ކުޑަކުދިންނާއި ފަސް އަންހެނުން ހިމެނެއެވެ. އަދި، 208 އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވެއެވެ.
އޮގަސްޓު 21 ވަނަ ދުވަހު ވެސް ރަޝިޔާއިން ވަނީ އިދްލީބްގެ އެހެން ސަރަޙައްދަކަށް ވަރުގަދަ ވައިގެ ހަމަލަތަކެއް ދީފައެވެ. އެ ހަމަލަތައް އަމާޒުކޮށްފައި ވަނީ ސޫރިޔާގެ ސަރުކާރާ ދެކޮޅު ޖަމާޢަތެއް ކަމުގައިވާ ޙަޔާތް ތަޙްރީރް އަލް-ޝާމް (އެޗް.ޓީ.އެސް)ގެ ފައުޖުތަކަށެވެ. މި ހަމަލާގައި އިދްލީބްގެ ބޮޑު ސަރަޙައްދެއް ކޮންޓްރޯލް ކުރަމުންދާ އެޗް.ޓީ.އެސް ޖަމާޢަތުގެ ތިން ހަނގުރާމަވެރިން މަރުވިއެވެ. އަދި، އެ ޖަމާޢަތުގެ އިތުރު ހަތް މީހުންނާއި ޢާންމުންގެ ފަސް މީހުން ޒަޚަމުވިއެވެ.
އޮގަސްޓު 20 ވަނަ ދުވަހު ވެސް ރަޝިޔާއިން ވަނީ އިދްލީބަށް ވައިގެ ހަމަލަތަކެއްދީ އެޗް.ޓީ.އެސް ޖަމާޢަތުގެ 13 ހަނގުރާމަވެރިން މަރައިލާފައެވެ. މި ހަމަލަތަކުގެ ރައްދުގައި އެޗް.ޓީ.އެސް ޖަމާޢަތުން ވެސް ދަނީ ސޫރިޔާގެ އަސްކަރިއްޔާގެ ފައުޖުތައް ހަރަކާތްތެރިވާ ސަރަޙައްދުތަކަށް ހަމަލަދެމުންނެވެ.
ސޫރިޔާގެ ދާޚިލީ ހަނގުރާމަ ފެށީ 2011 ވަނަ އަހަރުއެވެ. ސޫރިޔާގެ ރައީސް ބައްޝާރް ހާފިޛް އަލް-އަސަދުގެ ސަރުކާރާ ދެކޮޅަށް ފެށި މުޒާހަރާތަކެއް ހަމަނުޖެހުމަކަށް ބަދަލުވެ، ދާޚިލީ ހަނގުރާމައެއް ފެށުނީ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް އަސަދުގެ ސަރުކާރުން ބާރުގެ ބޭނުންކުރަން ފެށުމުންނެވެ. މި ހަނގުރާމައަށް 12 އަހަރު ފުރިފައިވާއިރު، އަސަދުގެ ސަރުކާރަށް ރަޝިޔާއިން އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައި ވަނީ 2015 ވަނަ އަހަރުއެވެ.
ރަޝިޔާއިން ދަނީ ހަނގުރާމަވެރިންގެ އަތްދަށުގައި އޮތް ސަރަޙައްދުތައް ހިފުމަށް އަސަދުގެ ފައުޖުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެ ތެރެއިން އިދްލީބަކީ 3 މިލިޔަން މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ ސަރަޙައްދެކެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ އަމިއްލަ ވަޒަނާއި ގެދޮރު ގެއްލިފައިވާ ރެފިއުޖީންނެވެ. ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި މިހާތަނަށް 500,000 އެއްހާ މީހުން މަރުވެފައިވާ ކަމަށް ބެލެވެއެވެ.