އެމެރިކާގެ ސްޓޭޓެއް ކަމުގައިވާ ހަވާއީގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު މަވުއީގެ ރިސޯޓު ރަށެއް ކަމުގައިވާ ލަހެއިނާއަށް ފެތުރި އެ ރަށް އަނދައި އަޅިއަށްވި ހާދިސާގައި ގެއްލިފައިވާ ކަމަށް ބެލެވޭ މީހުންގެ ޢަދަދު 1,000 އަށް އަރާ ކަމަށާއި، އެ މީހުން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމުގައި އޮފިޝަލުން ވިދާޅުވެއްޖެއެވެ. ޖަންގަލިތަކުގައި ރޯވި އަލިފާންގަނޑު ލަހެއިނާގައި މީހުން ދިރިއުޅޭ ސަރަޙައްދަށް ފެތުރި މުޅި ރަށް އަނދައި އަޅިއަށްވެފައި ވަނީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ.
ލަހެއިނާގެ އަލިފާނުގެ ހާދިސާގައި މަރުވެފައިވާ ކަން ކަށަވަރު ކުރެވިފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 115 އަށް އަރާފައެވެ. އަދި، 2,500 އެއްހާ މީހުން ގެއްލިފައިވާ ކަމަށް ކުރިން ރިޕޯޓުކޮށްފައިވީ ނަމަވެސް، އޭގެ ތެރެއިން 1,400 އެއްހާ މީހުން ވަނީ ދިރިތިއްބާ ފެނިފައެވެ. ނަމަވެސް، ނުފެންނަ މީހުންގެ ޢަދަދު އަދިވެސް އުޅެނީ 1,000 އަށްވުރެ މަތީގައެވެ.
އަލިފާނުގެ ހާދިސާގައި ގެއްލިފައިވާ ކަމަށް ބެލެވޭ މީހުންގެ ލިސްޓެއް ޢާންމު ކުރަން ހަވާއީގެ އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ. އޮގަސްޓު 8 ވަނަ ދުވަހު ލަހެއިނާގައި ހިނގާފައިވާ އަލިފާނުގެ ހާދިސާއަކީ ތާރީޚުގައި ވެސް އެ ސްޓޭޓްގައި ހިނގާފައިވާ އެންމެ ނުރައްކާތެރި، އަދި އެންމެ ހިތާމަވެރި ޤުދުރަތީ ކާރިސާއެވެ.
ގެއްލިފައިވާ ކަމަށް ބެލެވޭ މީހުންގެ ތެރެއިން މަރުވެފައި ވަނީ ކިތައް މީހުން ކަން ވެސް އަދި ސާފެއް ނޫނެވެ. ލަހެއިނާގައި އަނދާ އަޅިއަށްވެފައިވާ ޢިމާރާތްތަކުގެ ތެރެއިން މީހުންގެ ހަށިތައް ހޯދުމަށް އޮފިޝަލުން ދަނީ މެނދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގައި ގެއްލިފައިވާ މީހުން ހޯދުމުގައި އެހީތެރިވެދޭ ކުއްތާގެ އެހީތެރިކަން ވެސް ދަނީ ހޯދަމުންނެވެ.
ލަހެއިނާގައި ހިނގި އަލިފާނުގެ ހާދިސާގައި 5.45 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއް ވަނީ އަނދައި އަޅިއަށްވެފައެވެ. މި އަލިފާނުގައި 2,200 އަށްވުރެ ގިނަ ޢިމާރާތް އެނދިއެވެ. މި ހާދިސާގައި މަރުވި 115 މީހުންގެ ތެރެއިން ހަ މީހެއްގެ ވަނަވަރު ދެނެގަނެވިފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ. މި އަލިފާނުގެ ހާދިސާގައި ލަހެއިނާއަށް ލިބިފައިވާ ގެއްލުމުގެ އަގު 6 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް އަންދާޒާ ކުރެވެއެވެ.