ކްލަބް މޯލްޑިވްސްއިން މި އަހަރު މުޅިން އަލަށް ފެށި 18/20 ކްލަސިކް މުބާރާތުގެ ޗެމްޕިއަންކަން ކުލަބް ވެމްކޯއިން ހޯދައިފިއެވެ.
މުބާރާތުގެ ޗެމްޕިއަންކަން ވެމްކޯއިން ހޯދީ ފައިނަލުގައި އެމްއޭސީއެލް 3-0 އިން ބަލިކޮށްގެންނެވެ. މި ދެ ޓީމު މީގެކުރިން ގްރޫޕް ސްޓޭޖުގައި ވެސް ވާދަކޮށްފައިވެއެވެ. އެ މެޗު ވެމްކޯ ކާމިިޔާބުކުރީ 3-1 އިންނެވެ. އެ މެޗާ ހިލާފަަށް މި ފައިނަލުގައި ވެމްކޯއިން ވަނީ ބޮޑުތަން ކުޅުން ރަނގަޅުކޮށްފައެވެ.
ވެމްކޯ ޓީމުން ތަފާތު ފެނިގެންދިޔައީ އެ ޓީމުގައި ތިބި ތަޖުރިބާކާރު ކުޅުންތެރިންގެ ފަރާތުންނެވެ. މެޗުގައި ވެމްކޯ އިން ލީޑުނެގީ އެ ޓީމުގެ ކެޕްޓަން، ސަފިއްޔާ ރަފާ ޖެހި ގޯލުންނެވެ. މެޗުގައި ވެމްކޯގެ ދެވަނަ ލަނޑު ފާތިމަތު ލީސާ ޖެހިއިރު އެ ޓީމުިގެ ތިންވަނަ ގޯލު ޖަހާފައިވަނީ މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި އާމިނަތު ފަޒްލާ އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ރަފާ އެވެ.
އަލަށް ބޭއްވި އެއިޓީން ތާޓީ ކްލަސިކް މުބާރާތުގައި އަށް ޓީމު ބައިވެރިވި ނަަމަވެސް މުބާރާތް ފަށަން ގާތްވެފައިވަނިކޮށް އެމްޕީއެލް ވަނީ މުބާރާތުން ވަކިވެފައެވެ. އެހެންކަމުން މި މުބާރާތް ކުރިޔަށްދިޔައީ ހަތް ޓީމުގެ މެދުގައެވެ.
ކްލަބް މޯލްޑިވްސްގެ އަންހެން ބޮޑު މުބާރާތް، އެއިޓީން ތާޓީގެ ޗެމްޕިއަންކަން ހޯދީ ޕޮލިސް ކްލަބް ފައިނަލުގައި ބަލިކުރި ޓީމު ފެނަކަ އެވެ.