ކުޅިވަރު

އައިއޯއައިޖީ 2023: އުއްމީދުތަކާއެކު ރާއްޖޭގެ ކޮންޓިންޖެންޓް މަޑަގަސްކަރައަށް


އަންނަ ހުކުރު ދުވަހު ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ބޮޑު އުއްމީދުތަަކަކާއެކު ރާއްޖޭގެ ކޮންޓިންޖެންޓް މަޑަގަސްކަރައަށް ހިނގައްޖެއެވެ.

ރާއްޖޭގެ ކޮންޓިންޖެންޓުގައި މި ފަހަރު ޖުމްލަ 286 މެންބަރުން ހިމެނޭއިރު، އޭގެ ތެރޭގައި 172 އެތުލީޓުން ހިމެނެއެވެ. މި ފަހަރުގެ އައިއޯއައިޖީގައި ނުވަ ކުޅިވަރެއްގައި ރާއްޖޭގެ އެތުލީޓުން ވާދަކުރާނެއެވެ. މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ހުކުރު ދުވަހު ބާއްވާއިރު، އިއްޔެގެ ވަގުތެއްގައި ރާއްޖޭގެ ކޮންޓިންޖެންޓް ވަނީ މަޑަގަސްކަރައަށް ގޮސްފައެވެ.

މި ފަހަރު ރާއްޖޭގެ ކޮންޓިންޖެންޓުގެ ހެޑް އޮފް ޑެލިގޭޝަނެއްގެ ގޮތުގައި ޓީމު ލީޑުކުރާނީ އަޙްމަދު ފަސީހެވެ. އަދި ރާއްޖޭގެ ޑެލިގޭޝަނުގެ ޗެފް ޑި މިޝަނަރަކީ އަބްދުލް ނާފިއު ތައުފީގެވެ.

އައިއޯއައިޖީ ހުޅުވުމުގެ ރަސްމިއްޔާތުގައި ޤައުމީ ދިދަ އުފުލުމުގެ ޝަރަފު ދީފައިވަނީ ޓޭބަލް ޓެނިހުގެ ޤައުމީ ޗެމްޕިއަން ފާތިމަތު ދީމާ އަލީ އާއި ޓެނިހުގެ ޤައުމީ ޗެމްޕިއަން އަބްދުﷲ ފާއިހް ފަޒީލް (ފާއީ) އަށެވެ.

ދީމާ ވަނީ 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި ގޭމްސްގެ ނިންމުމުގެ ރަސްމިއްޔާތުގައިވެސް ދިދަ އުފުލާފައެވެ. މި ފަހަރުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ދީމާ އާއެކު ފާއީ ދިދަ އުުފުލާއިރު، މިއީ އައިއޯއައިޖީގައި ކޮންމެ ޤައުމަކުންވެސް ދެ އެތުލީޓުން ދިދަ އުފުލާނެ ފުރަތަމަ ފަހަރެވެ.

އައިއޯއައިޖީއަކީ ރާއްޖޭން ބައިނަލްއަޤުވާމީ މައިދާނުގައި ވާދަކުރަން ފެށި ދެވަނަ މުބާރާތް ކަމަށްވީ ނަމަވެސް، މި ގޭމްސްއަކީ ރާއްޖޭގެ ކާމިޔާބީގެ ފެށުމެވެ. އެގޮތުން 1979 ވަނަ އަހަރު ރިޔޫނިއަންގައި ބޭއްވި އައިއޯއައިޖީން ރާއްޖެއަށް ބެޑްމިންޓަނާއި ޓޭބަލް ޓެނިހުން ވަނީ މެޑަލް ލިބިފައެވެ. އަދި ރާއްޖޭން އެންމެ ފަހުން މޮރިޝަސްގައި 2019 ވަނަ އަހަރު ބޭއްވި އައިއޯއައިޖީގައި ވަނީ ޖުމްލަ 15 މެޑަލް ހާސިލުކޮށްފައެވެ.