ތަޢުލީމު

ހަނިމާދޫ ސްކޫލްގެ ހޯލް ޢިމާރާތްކުރުމަށް ބަޔަކާއި ހަވާލުކޮށްފި


ހދ. ހަނިމާދޫ ސްކޫލްގެ މަލްޓިޕާރޕަސް ހޯލް ޢިމާރާތްކުރުމަށް 4.2 މިލިއަން ރުފިޔާއަށް ހަވާލުކުރައްވައިފިއެވެ.

މިމަސައްކަތް ހަވާލުކޮށްފައިވަނީ އައިލެންޑް ލައިން ޕްރައިވެޓް ލިމިޓެޑާއެވެ.

ހަނިމާދޫ ސްކޫލްގެ ހޯލް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މީޑިޔާއަށް މަޢުލޫމާތުދެއްވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް އިބްރާހީމް އިސްމާޢީލް ވިދާޅުވީ، ހަނިމާދޫ ސްކޫލްގެ ހޯލް ޢިމާރާތްކުރުމަށް ޙަވާލުކޮށްފައިވަނީ ބިން ހަވާލުކުރާތާ، 5 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށްކަމަށެވެ. އިބްރާހީމް އިސްމާޢީލް ވިދާޅުވީ އުއްމީދުކުރަނީ މިއަހަރުގެ އޮގަސްޓްމަސް ތެރޭގައި މަސައްކަތް ނިމި ހޯލް ބޭނުންކުރަން ފެށޭނެކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހދ.ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ ވަނީ، ސަރުކާރުން ތަޢުލީމީ ދާއިރާގެ މަސައްކަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތް ފާހަގަކުރެއްވިއެވެ.

ހދ. ހަނިމާދޫ އަކީ 465 ކުދިން ކިޔަވަމުންދާ ސްކޫލެކެވެ. މި ސްކޫލްގައި ޕްރީ ސްކޫލުން ފެށިގެން ގްރޭޑް ބާރަ އާއި ހަމައަށް ދަނީ ކިޔަވައިދެމުންނެވެ.

ހަނިމާދޫ ސްކޫލްގެ މަލްޓިޕާޕަސް ހޯލް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް އިބްރާހީމް އިސްމާޢީލް އަދި އައިލެންޑް ލައިން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ޚަދީޖާ އުމޭލާއެވެ.