ޚަބަރު

ތަކްސިންގެ އެނބުރި އައުމާއެކު ސެއްތާ ބޮޑުވަޒީރުކަމަށް


ތައިލެންޑުގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް މަހުޖަނެއް ކަމުގައިވާ ސެއްތާ ތަވީސިން އިންތިޚާބު ކޮށްފިއެވެ. އޭނާއަކީ ޕުއަ ތާއީ ޕާޓީން ނެރެފައިވާ ކެނޑިޑޭޓެކެވެ. ބޮޑުވަޒީރު ކަމުގެ މަޤާމަށް އޭނާ އިންތިޚާބު ކޮށްފައި މި ވަނީ އަމިއްލައަށް އަރުވައިލެވިގެން ހުންނެވި ޕުއަ ތާއީ ޕާޓީގެ އިސްވެރިޔާ ތަކްސިން ޗިނަވާތް އެނބުރި ތައިލެންޑަށް ވަޑައިގެންނެވި ދުވަހާ ދިމާކޮށް ކަން ފާހަގަ ކުރެވެއެވެ.

ބޮޑުވަޒީރު ކަމުގެ މަޤާމަށް އިންތިޚާބު ކުރުމާ އެކު 60 އަހަރުގެ ސެއްތާއަށް މި ވަނީ ކޯލިޝަން ސަރުކާރެއް އެކުލަވައިލުމުގެ ޒިންމާ މަތިވެފައެވެ. ބޮޑުވަޒީރަކު އިންތިޚާބު ކުރުމަށް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓުގައި ސެއްތާ ވަނީ ތިންބައިކުޅަ ދެބައި މެންބަރުންގެ ތާޢީދު ހޯއްދަވާފައެވެ. މިއާ އެކު، އައު ބޮޑުވަޒީރެއް އިންތިޚާބު ނުކުރެވި ދިގުލައިގެން ދިޔުމާ ގުޅިގެން ތައިލެންޑުގައި އުފެދިފައިވާ ނުތަނަވަސް ކަމަށް ނިމުމެއް އަންނާނެ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

"އަހުރެންނާ މަތިކޮށްފައިވާ ޒިންމާތައް އެންމެ ފުރިހަމައަށް އަދާކުރާނަން. އަދި، ތައިލެންޑުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ބަދަލުކުރަން ބުރަކޮށް މަސައްކަތް ކުރާނަން،" ޕުއަ ތާއީ ޕާޓީގެ މައި އޮފީހުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ސެއްތާ ވިދާޅުވިއެވެ. ބޮޑުވަޒީރު ކަމުގެ މަޤާމަށް އޭނާ އިންތިޚާބު ކޮށްފައި މި ވަނީ ތައިލެންޑުގައި ޢާންމު އިންތިޚާބު ބޭއްވިތާ 100 ދުވަސް ފަހުންނެވެ.

ޕުއަ ތާއީ ޕާޓީގެ އިސްވެރިޔާ ތަކްސިން އެނބުރި ޤައުމަށް ވަޑައިގެންނެވުމާ އެކު ގިނަ ޢަދަދެއްގެ ބަޔަކު ވަނީ އޭނާއަށް މަރުޙަބާ ކިޔުމަށް ވެރިރަށް ބެންގްކޮކުގެ ވައިގެ ބަނދަރު ކައިރިއަށް އެއްވެފައެވެ. ބެންގކޮކަށް ވަޑައިގެންނެވުމަށް ފަހު އޭނާ ވަނީ ޤާނޫނު ހަދާ މަޖިލީހުގައި އޭނާގެ ޕާޓީ ތަމްސީލު ކުރައްވާ މެންބަރުންނާ ބައްދަލު ކުރައްވާފައެވެ. އަދި، އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން އޭނާ ވަނީ ސުޕްރީމް ކޯޓަށް ހާޒިރުކޮށް ޖަލަށް ބަދަލުކޮށްފައެވެ.

ތަކްސިނަށް އަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ. އޭނާއަށް ހުކުމް ކޮށްފައި ވަނީ ބޮޑުވަޒީރު ކަމުގެ މަޤާމުގައި ހުންނަވައިގެން ދަޢުލަތުގެ ބާރުތައް ނަހަމަ ގޮތުގައި ހިއްޕެވުމާއި، އަމިއްލަ ފައިދާއަށް ކަންކަން ކުރެއްވުމުގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ. އޭނާއަށް ޖަލު ހުކުމް އިއްވާފައި ވަނީ 2008 ވަނަ އަހަރު އޭނާގެ ޣައިރު ހާޒިރުގައެވެ.

އޭނާއަށް ފަހު ބޮޑުވަޒީރު ކަމުގެ މަޤާމު ފުރުއްވި އޭނާގެ އަންހެން ކޮއްކޮ ޔިންގލާކް ޗިނަވާތަށް ވެސް ކުރިމަތިވީ އެ ފަދަ ހާލަތެކެވެ. އެ ދެ ބޭފުޅުންގެ މައްޗަށް އިއްވާފައިވާ ހުކުމްތަކަށް ދެ ބޭފުޅުން ވެސް ގެންދަވަނީ އިންކާރު ކުރައްވަމުންނެވެ. ބަޣާވާތްކޮށް ތަކްސިނާއި ޔިންގލާކުގެ ސަރުކާތައް ވައްޓައިލާފައި ވަނީ ތައިލެންޑުގެ އަސްކަރިއްޔާއިންނެވެ.

ނަމަވެސް، ތަކްސިން އެނބުރި ޤައުމަށް ވަޑައިގަންނަވާފައި މި ވަނީ އަސްކަރިއްޔާއާ އެކު ހަދާފައިވާ ސިއްރު އެއްބަސްވުމެއްގެ ދަށުން ކަމަށް ބެލެވޭ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އަދި، ސެއްތާއަށް ލިބިވަޑައިގަންނަވާފައިވާ ބާރުގެ ދަށުން ތަކްސިންގެ މައްޗަށް އިއްވާފައިވާ ހުކުމް ކުރުކޮށްދީ، މަޢާފު ކޮށްދޭނެ ކަމަށް ބެލެވޭ ކަމުގައި ވެސް އެ ފަރާތްތަކުން ދެކެއެވެ.

ތައިލެންޑުގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް އިންތިޚާބުވެފައިވާ ސެއްތާއަކީ ލަގްޜަރީ ޢިމާރާތްތައް ޢިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ސަންސިރީ ކުންފުނީގެ ވެރިޔާއެވެ. އޭނާގެ ކުރިފުޅުމަތީގައި އޮތީ ތައިލެންޑުގެ އަސްކަރިއްޔާއަށް ވާގިވެރިވާ ޕާޓީތަކާ ގުޅިގެން ކޯލިޝަން ސަރުކާރެއް އެކުލަވައިލުމުގެ ޒިންމާއެވެ. 2006 އަދި 2016 ވަނަ އަހަރު ތައިލެންޑުގެ އަސްކަރިއްޔާއިން ޕު ތާއީގެ ދެ ސަރުކާރެއް ވައްޓައިލާފައިވާ ކަން ފާހަގަކޮށްލަން ޖެހެއެވެ.