ޚަބަރު

ހުޅުމާލޭ އިންޖީނުގެއަށް އެމް.އޭ.ސީ.އެލުން ދެ ޖަނަރޭޓަރު ދީފި


ހުޅުމާލޭގެ ކަރަންޓްގެ މައްސަލަ ޙައްލުކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތަށް ފަހިކޮށްދިނުމަށްޓަކައި އެމް.އޭ.ސީ.އެލްގެ ފަރާތުން ދެ ޖަނަރޭޓަރު ސްޓެލްކޯއަށް ހަދިޔާކޮށްފިއެވެ.

އެއަރޕޯޓްގައި ހުރި މި ދެ ޖަނަރޭޓަރު ރޭ ވަނީ ހުޅުމާލޭ އިންޖީނުގެއަށް ބަދަލުކޮށް، އިންސްޓޯލްކުރުމުގެ މަސައްކަތް ފަށާފައެވެ. ހުޅުމާލޭގައި ކަރަންޓް ކެނޑުމުގެ މައްސަލަ ކުރިމަތިވެފައިވަނީ މިދުވަސްވަރަކީ ހޫނު މޫސުން ކަމަށްވެފައި، ކަރަންޓް ބޭނުންކުރެވޭ މިންވަރު އިތުރުވެފައިވާތީ ކަމަށް ސްޓެލްކޯއިން ހާމަކުރެއެވެ. ހުޅުމާލޭގައި ކަރަންޓް ފޯރުކޮށްދިނުމަށް 9 ޖަނަރޭޓަރު މިހާރުވެސް ބޭނުންކުރަމުންދާއިރު، ދުވާލުގެ ޕީކް ގަޑިތަކުގައި 6 މެގަ ވޯޓްގެ ކަރަންޓް އުފައްދަންޖެހެއެވެ. 

މި މައްސަލަ ޙައްލުކުރުމަށް ސްޓެލްކޯއިން ކުރަމުން އަންނަ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން އެމް.އޭ.ސީ.އެލުން ދީފައިވަނީ 1 މެގަވޯޓުގެ 2 ޖަނަރޭޓަރެވެ. މިއީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލުން އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓުގައި ބޭނުން ނުކޮށް ހުރި ޖަނަރޭޓަރުތަކެކެވެ. އެމް.އޭ.ސީ.އެލްގެ ޖެނެރަލް މެނޭޖަރ ޢަލީ ރިފާޢު ވިދާޅުވީ، މިއީ އެއަރޕޯޓްގައި ހިންގާ މަޝްރޫޢަކަށް އަލަށް ގެނެސް، ބޭނުން ނުކޮށް ހުރި ދެ ޖަނަރޭޓަރުކަމަށެވެ. 

" އެއަރޕޯޓް ބޮޑު ކުރުމުގެ މަޝްރޫޢުގެ ބަޔަކަށް ގެނެސް އިންސްޓޯލް ނުކޮށް ހުރި ޖަނަރޭޓަތުތަކެއް މިއީ. އަޅުގަނޑުމެން ހުޅުމާލޭ އިންޖީނުގެއަށް މި ތަކެތި މި ފޯރުކޮށްދިނީ ހުޅުމާލޭގެ ކަރަންޓްގެ މައްސަލައަށް އަވަސް ޙައްލެއް ގެނެސްދިނުމަށްޓަކައި " ރިފާޢު ވިދާޅުވިއެވެ. 

ސްޓެލްކޯގެ ސީނިއަރ އިންޖިނިއަރ އިބްރާހީމް ރަޢޫފް ވިދާޅުވީ، މި ދެ ޖަނަރޭޓަރު އިންސްޓޯލްކޮށް ނިމުމުން، ކަރަންޓްގެ މައްސަލަ ހައްލުވާނެކަމަށެވެ. އަދި ކުރިއަށް އޮތް ދެމަހުގެ ތެރޭގައި ހުޅުމާލޭ އިންޖީނުގެއަށް 1.6 މެގަވޯޓްގެ ދެ ޖަނަރޭޓަރު ގެނައުމަށް ނިންމާފައިވާ ކަމަށާއި، އެ ޖަނަރޭޓަރުތައް ބަހައްޓާނެ ތަނެއް ޢިމާރާތްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

" އަލަށް ގެންނަ ދެ ޖަަނަރޭޓަރުތައް ލިބޭނެ ކަމަށް ލަފާ ކުރެވެނީ ދެ މަސް ފަހުން. އެހެންވީމާ އެމް.އޭ.ސީ.އެލުން ދެއްވި ޖަނަރޭޓަރު ތަކަކީ ސްޓެލްކޯގެ މަސައްކަތްތަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް. ސަރުކާރުން ކުރަމުްންދާ މަސައްކަތްތަކަށް ކުންފުނިތަކުން ދެއްވާ އެހީއަށް ޝުކުރު ދަންނަވަން" ރަޢޫފް ވިދާޅުވިއެވެ. 

ހުޅުމާލެއަކީ ރާއްޖޭގައި އެންމެ އަވަސް މިންވަރެއްގައި އާބާދީ އިތުރުވަމުންދާ ރަށަށް ވުމާއެކު، އެ ސަރަޙައްދުގައި ބޭނުންކުރާ ކަރަންޓްގެ މިންވަރު އަހަރަކު 40 އިންސައްތަ އިތުރުވާކަމަށް ސްޓެލްކޯއިން ބުނެއެވެ. މިއާއެކު މާލެ ސަރަޙައްދުގެ ކަރަންޓްގެ ނިޒާމް އިތުރަށް ވަރުގަދަ ކުރެއްވުމަށް، ޔޫރޕިއަން ބޭންކްގެ ލޯން އެހީގައި ސަރުކާރުން މިހާރު ވަނީ ބިޔަ މަޝްރޫޢެއް ފަށްޓަވާފައެވެ. އެގޮތުން ހިންގާ އެންމެ ބޮޑު މަސައްކަތަކީ މާލެ ހުޅުލެ ބްރިޖުން މާލެއާއި ހުޅުމާލޭގެ ކަރަންޓްގެ ވިއުގަ ގުޅުވާލުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. ކަރަންޓް އުފެއްދުމަށް ކުރާ ޚަރަދު، މި މަޝްރޫޢުގެ ސަބަބުން ކުޑަކުރެވި، ކަރަންޓްގެ އަގު ހެޔޮވެގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.