އަންނަ ހުކުރު ދުވަހު މަޑަގަސްކަރައިގައި ފެށުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކުރާ އެތުލީޓުން އެންމެ ފުރިހަމައަށް ތައްޔާރުކުރުން އެއީ އެންމެ މުހިންމު އެއް އަމާޒު ކަމަށް ރާއްޖޭގެ މެޑިކަލް ޓީމުގެ ހެޑް ޑރ. އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
އައިއޯއައިޖީގެ ތައްޔާރީތަކަށް ޚާއްސަކޮށްގެން ޔެސްޓީވީން ގެނެސްދިން "އައިއޯއައިޖީ އަށް ތައްޔާރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރާފިއު ވިދާޅުވީ އެތުލީޓުންނެކޭ އެއްފަދައިން މެޑިކަލް ޓީމުވެސް އަންނަނީ ގޭމްސްއަށް ފުރިހަމައަށް ތައްޔާރުވަމުން ކަމަށެވެ. އެގޮތުން ގޭމްސްގައި ރާއްޖޭއިން ވާދަކުރާ ޓީމުގެ އެތުލީޓުންނަށް މެޑިކަލް ޓީމުގެ ފުރިހަމަ ސަޕޯޓު ލިބިގެންދާނެ ކަމަށާއި، އެއީ އެތުލީޓުންނަށް ލިބިގެންދާނެ އިތުރު ކޮންފިޑެންސެއް ކަމަށްވެސް ވިދާޅުވިއެވެ.
ރާފިއު ވިދާޅުވީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ އެދުމުގެ މަތިން މީގެ ދެ މަސް ކުރިން މެޑިކަލް ޓީމެއް އެކުލަވާލެވި، ތައްޔާރުވުންތަށް ކުރިއަށްދާ ކަމަށެވެ. އަދި އެންމެ ބޮޑު އިސްކަމެއް ދެނީ އެތުލީޓުންނަށް ކަމަށާއި، އެހެންނަމަވެސް ކަމެއް ދިމާވެއްޖެ ހާލަތެއްގައި އޮފިޝަލުންނަށްވެސް ފަރުވާދެވޭ ގޮތަށް މެޑިކަލް ޓީމު އޮތީ ތައްޔާރަށް ކަމަށެވެ.
ރާފިއު ވިދާޅުވީ މެޑިކަލް ޓީމު އެކުލަވާލުމުގައި އެންމެ ބޮޑަށް ބަލާފައިވާނީ ރާއްޖެއިން ބިޔަ ކޮންޓިންޖެންޓެއް ބައިވެރިވާތީވެ، ހުރިހާ އެންމެންނަށް އެހީތެރިކަން ފޯރުކޮށްދެވޭ ގޮތަށް ކަމަށާއި، އެގޮތުން ޓީމު އެކުލުވާލުމުގައި އެތުލީޓަކަށް ދިމާވެދާނެ ސިއްހީ ހާލަތަކަށް ހުރިހާ ގޮތަކުން މެޑިކަލް ޓީމު އޮތީ ތައްޔާރަށް ކަމަށެވެ. އަދި މި ފަހަރު ގޭމްސްއަށް ދުރާލާ ތައްޔާރުވާން ޖެހުނީ މިހާ ގިނަ ކުޅުންތެރިންނާއި އެތުލީޓުން ބައިވެރިވާތީ ކަމަށްވެސް ރާފިއު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޓާގެޓް މިހުރީ އެތުލީޓުން ޕާފޯމެންސް އެންމެ ރަނގަޅަށް ފުރިހަމަ ސިއްހަތެއްގައި ބަހައްޓައިގެން ކުރިއަށްދިޔުމަށް. އެގޮތަށް ބަލާފައި ޓީމު އެކުލާވާލުމަގައި އިސްކަންދީފައި ވާނީ.ޑރ. އަބްދުﷲ ރާފިއު - މެޑިކަލް ޓީމުގެ ހެޑް
މިފަހަރުގެ ގޭމްސްގައި ރާއްޖޭގެ މެޑިކަލް ޓީމުގައި ނުވަ މެންބަރަކު ހިމެނެއެވެ. އޭގެތެރޭގައި ފިޒިއޯތެރަޕިސްޓުންނާއި، ސްޕޯޓްސްތެރަޕިސްޓުން އަދި ޕާފޯމްސް ސައިކޮލެޖިސްޓުންވެސް ހިމެނެއެވެ.