ޚަބަރު

އެރިސް އަދި ބީއޭ.86.2: ކޮވިޑްގެ ވިސްނަން ޖެހޭ ވޭރިއެންޓްތަކެއް؟


ކޮވިޑް-19ގެ އައު ސަބްވޭރިއެންޓްތަކެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކަމުގެ އިންޒާރު ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ) އަދި އެމެރިކާގެ ސެންޓަރސް ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީ.ޑީ.ސީ)ން ކޮށްފިއެވެ. މީގެ ތެރެއިން ބީއޭ.86.2 ވޭރިއެންޓް ފެތުރެން ފަށާފައި ވަނީ ޖުލައި މަހުގެ ތެރޭގައެވެ.

މި ވަގުތު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ ހަލުވިކަމާ އެކު ފެތުރެމުން ދަނީ ކޮވިޑް-19ގެ ވޭރިއެންޓެއް ކަމުގައިވާ އެކްސްބީބީ5.1އެވެ. އަލަށް ފެތުރެން ފަށާފައިވާ ބީއޭ.86.2 އަކީ އެކްސްބީބީ.5.1ގެ ސަބްވޭރިއެންޓެކެވެ. އަލަށް ފެނުނު ވޭރިއެންޓްގައި 36 ތަފާތު މިއުޓޭޝަނެއް ނުވަތަ ބަދަލެއް ފާހަގަ ކުރެވޭ ކަމުގައި ޑަބްލިޔު.އެޗް.އޯއާއި ސީ.ޑީ.ސީގެ މާހިރުން ވިދާޅުވެއެވެ.

މިހާތަނަށް ބީއޭ.86.2ގެ ކޭސްތައް ހަތަރު ޤައުމަކުން ވަނީ ފެނިފައެވެ. ޖުމުލަ ހަ ކޭސް ފެނިފައިވާއިރު، ބަލި ޖެހިފައިވާ މީހުން ފެނިފައި ވަނީ އެމެރިކާ، އިނގިރޭސިވިލާތް، އިސްރާޢީލް އަދި ޑެންމާކުންނެވެ. ޑެންމާކުގައި މި ވޭރިއެންޓްގެ ސަބަބުން ބަލި ޖެހިފައިވާ ތިން މީހުން ވަނީ ފާހަގަ ކުރެވިފައެވެ.

މިއީ، ކޮވިޑްގެ އެހެން ވޭރިއެންޓްތަކާ އަޅައިބަލާއިރު ހަލުވިކޮށް ފެތުރޭ، އަދި ނުރައްކާ ބޮޑު ވޭރިއެންޓެއްތޯ ދެނެގަތުމަށް ޑަބްލިޔު.އެޗް.އޯއާއި ސީ.ޑީ.ސީގެ ޓީމުތަކުން މިހާރު ދަނީ ތަހުލީލު ކުރަމުންނެވެ. އަދި، މި ސަބްވޭރިއެންޓާ މެދު ރައްކާތެރިވުމަށް ސީ.ޑީ.ސީން ވަނީ އިރުޝާދު ދީފައެވެ.

މީގެ އިތުރުން އެމެރިކާއާއި ވިލާތުގެ ބައެއް ޤައުމުތަކުގެ އިތުރުން އޭޝިޔާގެ ބައެއް ސަރަޙައްދުތަކުގައި ކޮވިޑްގެ އެހެން ސަބްވޭރިއެންޓެއް ކަމުގައިވާ އީޖީ.5 ނުވަތަ "އެރިސް" ދަނީ ހަލުވިކަމާ އެކު ފެތުރެމުންނެވެ. އެއީ 2021 ވަނަ އަހަރުގެ ނޮވެންބަރު މަހު ފެތުރެން ފެށި އޮމިކްރޮން ވޭރިރެންޓްގެ ސަބްވޭރިއެންޓެކެވެ.

ހިޔުސްޓަން މެތޮޑިސްޓް ހޮސްޕިޓަލުގެ މެޑިކަލް ޑިރެކްޓަރ އޮފް ޑައިގްނޯސްޓިކް މައިކްރޯބަޔޮލޮޖީ ޑރ އެސް. ވެސްލީ ލޯންގ ވިދާޅުވީ ދުނިޔޭގެ ގިނަ ޤައުމުތަކުން ކޮވިޑަށް ޓެސްޓުކުރުމާއި ޖީނޯމް ދެނެގަތުމުގެ މަސައްކަތް މިހާރު ހުއްޓައިލާފައިވާ ކަމުގައެވެ. އަދި، ބީއޭ.86.2 ސަބްވޭރިއެންޓުގެ ސަބަބުން އޮތް ނުރައްކާތެރި ކަން ދެނެގަތުމަށް ހުރަސްތަކެއް ހުރި ކަމުގައެވެ.

މި ސަބްވޭރިއެންޓަކީ މިހާރު ބޭނުން ކުރަމުންދާ ވެކްސިންތައް ބޭނުންކޮށްގެން ކޮންޓްރޯލް ކުރެވޭނެ ވޭރިއެއްޓެއްގެ ގޮތުގައި ނުބެލެވޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ސަބަބަކީ، ބީއޭ.86.2އަކީ މިހާރު ބޭނުން ކުރަމުންދާ ވެކްސިން އުފެއްދުމުގެ ކުރިން ފެތުރުނު ވޭރިއެންޓެއްގެ ޢާއިލާގެ ވައިރަހަކަށްވުމެވެ.

ސްކްރިޕްސް ރީސަރޗް ޓްރާންސްލޭޝަނަލް އިންސްޓިޓިއުޓްގެ ޑިރެކްޓަރ ޑރ އެރިކް ޓޮޕޮލް ވެސް ވިދާޅުވީ ބީއޭ.86.2 ސަބްވޭރިއެންޓްގެ ސަބަބުން ޢާންމު ޞިއްޙަތަށް ނުރައްކާވެދާނެ ކަމަށް ބެލެވޭ ކަމުގައެވެ. އަދި، މިއީ ކިހާ ހަލުވިމިނެއްގައި ފެތުރޭ ވައިރަހެއް ކަން އަދި މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ސީ.ޑީ.ސީން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު ކޮވިޑް ބަލި ޖެހިގެން އެމެރިކާގެ ހޮސްޕިޓަލުތަކުގައި ފަރުވާ ހޯދާ މީހުންގެ ޢަދަދުތައް ޖުލައި މަހުން ފެށިގެން ވަނީ އިތުރުވާން ފަށާފައެވެ. މި ބަލީގައި ފަރުވާ ހޯދާ މީހުންނަށް ބޮޑުވަރު ނުވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، ބީއޭ.86.2 ވޭރިއެންޓަކީ އުމުރުން ދުވަސްވީ މީހުންނާއި އެކި ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ ފުރާނައަށް ނުރައްކާ ކުރުވާ ފަދަ ސަބްވޭރިއެންޓެއް ކަމުގައި ޑރ ޓޮޕޮލް ދެކެވަޑައިގަންނަވައެވެ.

ޑރ ލޯންގ ވިދާޅުވީ، މިހާރު ބޭނުން ކުރަމުންދާ ވެކްސިންތަކުން ބީއޭ.86.2 ވޭރިއެންޓް ފެތުރުން ކޮންޓްރޯލް ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމުގައެވެ. އަދި، ވެކްސިންގެ އެހީތެރިކަމާ އެކު ބަލި ހާލަތު ބޮޑުވުމާއި ފުރާނައަށް ނުރައްކާވުމުގެ ފުރުޞަތު ކުޑަ ކުރެވޭނެ ކަމުގައެވެ. މިހާރު ވެސް އޮމިކްރޮންގެ ސަބްވޭރިއެންޓެއް ކަމުގައިވާ އެކްސްބީބީ.5.1އަށް ޚާއްޞަކޮށްގެން ވެކްސިންގެ ބޫސްޓަރ ޑޯޒް ތައްޔާރު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ވެކްސިން އުފައްދާ ކުންފުންޏެއް ކަމުގައިވާ މޮޑަރނާއިން ބުނީ މިހާރު ބޭނުން ކުރަމުންދާ ވެކްސިނަކީ އެރިސް ފެތުރުން ކޮންޓްރޯލް ކުރުމުގައި އެހީތެރިވެދޭ ވެކްސިނެއް ކަމުގައި ދިރާސާތަކުން ހާމަވާ ކަމުގައެވެ. އަދި، އެހެން ސަބްވޭރިއެންޓެއް ކަމުގައިވާ "ފޯނެކްސް" ފެތުރުން ކޮންޓްރޯލް ކުރުމަށް ވެސް މިހާރު ހުރި ވެކްސިންތައް ބޭނުން ކުރެވޭ ކަމުގައެވެ.

ފޯނެކްސްއަކީ ވެސް މިހާރު އެމެރިކާގެ ބައެއް ސަރަޙައްދުތަކުގައި ފެތުރެމުންދާ ސަބްވޭރިއެންޓެކެވެ. އެރިސްއަށް ޚާއްޞަކޮށްފައިވާ ވެކްސިންތައް ޓެސްޓު ކުރުމުގެ މަސައްކަތް ފައިޒަރ ކުންފުނިން ވެސް ދަނީ ކުރަމުންނެވެ. ކޮވިޑް-19 ބަލީގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މަރުވެފައިވާ މީހުންގެ ޢަދަދު މިހާރު 3.3 ބިލިޔަނަށް އަރާ ކަމަށް ޑަބްލިޔު.އެޗް.އޯގެ ތަފާސްހިސާބުތަކުން ދައްކައެވެ.