ޚަބަރު

ސިޔާސަތު އެކުލަވާލާ މީހުންނާއި ތަޢުލީމީ އަދި ފަންނީ މީހުންގެ ގުޅުން ވަރުގަދަ ވާންޖެހޭ: ފަޒްނާ


  • 6 ވަނަ ތެވެލި ކޮންފަރެންސް ހުޅުވާދެއްވީ ރައީސްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު

  • މިއަހަރުގެ ކޮންފަރެންސްގައި 161 ދިރާސާ ކަރުދާސް ހުށައަޅާފައިވޭ

  • ރާއްޖޭގެ އިތުރުން 18 ޤައުމަކުން މިފަހަރުގެ ކޮންފަރެންސްގައި ބައިވެރިވޭ

ފެންވަރު ރަނގަޅު ސިޔާސަތުތަކެއް އެކުލަވާލުމަށް ތަޢުލީމީ، ފަންނީ ތަޖުރިބާކާރުންނާއި ސިޔާސަތު ކަނޑައަޅާ މީހުންގެ މެދުގައި ވަރުގަދަ ގުޅުމެއް ބަދަހިވާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

ތެވެލި އިންޓަރނޭޝަނަލް ކޮންފަރެންސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވީ، މުޖުތަމަޢަށް ބޭނުންތެރި މުހިއްމު ސިޔާސަތުތައް ކަނޑައެޅުމުގައި ދިރާސާއަކީ ކޮންމެހެން ބޭނުންތެރި އެއްޗެއްކަމަށެވެ. އަދި އެކަން ކަށަވަރުކުރުމަށް ދިރާސާކުރާ ތަޢުލީމީ ދާއިރާއާއި، ފަންނީ ތަޖުރިބާކާރުންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ މެދުގައި ވަރުގަދަ ގުޅުމެއް ޤާއިމުވާންޖެހޭކަމުގައި ފަޒްނާ ވިދާޅުވިއެވެ.

މުޖުތަމަޢުގައި ހުންނަ ބޮޑެތި މައްސަލަތަކަށް ޙައްލު ގެނައުމުގައި އެންމެ ފުރަތަމަ މަރުޙަލާއަކީ ދިރާސާކަން ފާހަގަކުރައްވާ ފަޒްނާ ވިދާޅުވީ، އެއީ ދުނިޔެ ދެކެފައިވާ ޙަގީގަތްކަމަށާއި މިކުޑަ ރާއްޖެއިންވެސް އެކަން ތަޖުރިބާކޮށްފައިވާކަމަށެވެ. މިކަމަށް އަލިއަޅުއްވާލައްވަމުން ފަޒްނާ ވިދާޅުވީ، ރާއްޖޭގައި މިހާރު އިތުރުވަމުންދާ ގައިންގަޔަށް ނާރާ ބަލިތަކާއި ދެކޮޅަށް ފިޔަވަޅުއެޅުމަށް އެކަމާއި ގުޅޭ ގޮތުން ދިރާސާތައް ކުރަންޖެހޭކަމަށެވެ. އެގޮތުން ކެންސަރު އަދި ނަފްސާނީ ބަލި ފަދަ ބޮޑެތި ބަލިތައް ޖެހުމާއި ދިރިއުޅުމުގެ އާދަކާދައާއި ހުރި ގުޅުން ކޮންމެހެން ދެނެގަންނަންޖެހޭ ކަމަށް ފަޒްނާ ވިދާޅުވިއެވެ.

"ރަނގަޅު ސިޔާސަތުތަކެއް އެކުލަވާލުމަށް ރަނގަޅު ގުޅުންތަކެއް އެކަޑަމިކް ދާއިރާއާއި، ޓެކްނިކަލް އެކްސްޕާޓުންނާއި ޕޮލިސީ އެކުލަވާލާ މީހުންނާއި ދެމެދު ޤާއިމުކުރަންޖެހޭ." ފަޒްނާ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ.ޢައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، އަހަރުން އަހަރަށް ކޮންފަރެންސް އިތުރަށް ހަރުދަނާވެ ފުރިހަމަވަމުންދާކަމަށެވެ. އެގޮތުން މިއަހަރަކީ ރިކޯޑު ޢަދަދަކަށް ރިސަރޗް ކަރުދާސް ހުށައެޅި އަހަރެއްކަން ޑރ.ޝެހެނާޒް ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ކޮންފަރެންސް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މިއަދާއި މާދަމާއެވެ. ދެދުވަހުގެ މުއްދަތަކަށް އެމްއެންޔޫގައި ކުރިއަށްގެންދާ މި ކޮންފަރެންސްގައި ރާއްޖޭގެ އިތުރުން ދުނިޔޭގެ 18 ޤައުމަކުންވަނީ ބައިވެރިވެފައެވެ. 200 އަށްވުރެ ގިނަ ފަރާތުން މިކޮންފަރެންސްގައި ބައިވެރިވެފައިވާއިރު މިއަހަރުގެ ކޮންފަރެންސްގައި 161 ރިސަރޗް ކަރުދާސްވަނީ ހުށައަޅާފައެވެ. މީގެތެރެއިން 60 ކަރުދާހަކީ ރާއްޖެއިން ބޭރުގެ 18 ޤައުމަކުން ހުށައަޅާފައިވާ ކަރުދާސްތައް ކަމަށް އެމްއެންޔޫއިން ބުނެއެވެ. މިއަހަރުގެ ކޮންފަރެންސްގެ ޝިޢާރަކީ، "ރިސަރޗް ފޯރ އިންފޯމް ޕޮލިސީ ޑިސިޝަންސް"އެވެ.

އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު އެމްއެންޔޫއިންވަނީ ރިސާޗްގެ ދާއިރާއަށް ޒުވާނުން ޝައުގުވެރިކުރުވުމަށްޓަކައި "އަރލީ ކެރިއަރ ރިސަރޗް އެވަރޑް" އާއި މުޅި ކޮންފަރެންސްގައި އެންމެ ފާހަގަކޮށްލެވޭ ރިސަރޗްގެ އެވޯޑް "އައުޓް ސްޓޭންޑިން ޕެޕަރ އޮފް ދަ ކޮންފަރެންސް އެވަރޑް" ތަޢާރަފްކޮށްފައެވެ. ހަމައެއާއެކު މިއަހަރުގެ ކޮންފަރެންސްގައި މޫސުމީ ކާރިސާތަކުން ކުރިމަތިވާ ގެއްލުންތަކުން އަރައިގަތުމާއި ގުޅޭ ސިމްޕޯޒިއަމަކާއި 2050 ވަނަ އަހަރު މަސައްކަތުގެ މާޙައުލަށް އަންނާނެ ބަދަލާއި ގުޅޭގޮތުން "އިން ދަ އިޔަރ 2050: ހޫ ވަރކްސް ވެއަރ؟"ގެ ނަމުގައި ޕެނަލް ޑިސްކަޝަންއެއް ކުރިއަށްގެންދިޔުމަށްވެސްވަނީ ރާވާފައެވެ. މިއީ އެމްއެންޔޫއިން ބާއްވާ 6 ވަނަ އިންޓަރނޭޝަނަލް ތެވެލި ކޮންފަރެންސްއެވެ.