ޚަބަރު

ޝައިޚް ޢުޘްމާން ޢަބްދުﷲ އަވަހާރަވެއްޖެ


  • ޢުޘްމާން ޢަބްދުﷲ އަވަހާރަވެފައިވަނީ ރޭފަތިހުގެ ވަގުތެއްގައި މާލެގައި

  • އަވަހާރަވިއިރު އުމުރުފުޅަކީ 85 އަހަރު

  • ޢުޘްމާން ޢަބްދުﷲ އަވަހާރަވީ ފަތިސްނަމާދަށް ވުޟޫޢު ކުރެއްވުމަށްފަހު އެނދުގައި އޮންނަވަނިކޮށް

  • ކަށުނަމާދު ކުރުން އަންނާނީ އަޞުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި

  • ޢުޘްމާން ޢަބްދުﷲއަށްވަނީ ޤައުމީ އިނާމާއި ޝަރަފުވެރިކަމުގެ ޤައުމީ އިނާމުވެސް ލިބިވަޑައިގެންފައި

ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ، އައްޝައިޚް ޢުޘްމާން ޢަބްދުﷲ އަވަހާރަވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ޢުޘްމާން ޢަބްދުﷲ އަވަހާރަވެފައިވަނީ ރޭފަތިހުގެ ވަގުތެއްގައި މާލެގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 85 އަހަރެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޢާއިލާއިން ވިދާޅުވީ، ޢުޘްމާން ޢަބްދުﷲ އަވަހާރަވީ ފަތިސްނަމާދު ކުރެއްވުމަށް ވުޟޫޢު ކުރެއްވުމަށްފަހު އެނދުގައި އޮންނަވަނިކޮށެވެ. އަވަހާރަވީއިރު ޢުމުރުން ދުވަސްވުމުގެ ސަބަބުން ކުރިމަތިވެވަޑައިގަންނަވާ ކަމެއް ފިޔަވާ، ބޮޑު އާލާސްކަންފުޅެއް ނެތްކަމަށް ޢާއިލާއިން މަޢުލޫމާތު ދެއްވިއެވެ.

ޢުޘްމާން ޢަބްދުﷲގެ ކަށުނަމާދު ކުރުން އަންނާނީ އަޞުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ކަމަށް ޢާއިލާއިން މަޢުލޫމާތު ދެއްވިއެވެ.

ފަޟީލަތުއްޝައިޚު ޢުޘްމާން ޢަބްދުﷲ، އަކީ ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ގިނަގުނަ މަސައްކަތް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ޓީވީ ރޭޑިއޯ މެދުވެރިކޮށް އެކި މަޢުޟޫޢުތަކަށް ޝައިޚް ޢުޘްމާން ޢަބްދުﷲވަނީ ދީނީ ނަސޭޙަތްދެއްވާފައެވެ. އެގޮތުން ޒަކާތާއި ބެހޭގޮތުން ދީނީގޮތުން މަޢުލޫމާތު އޮޅުންފިލުއްވާދެއްވުމަށް ކުރެއްވި މަސައްކަތަކީ ފާހަގަކުރެއްވޭ މަސައްކަތްތަކެކެވެ. އެގޮތުން 1983 ވަނަ އަހަރު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް އުފެއްދެވި ޒަކާތާބެހޭ އޮފީސް ހިންގެވުން ޙަވާލުކުރެއްވީ ޢުޘްމާން ޢަބްދުﷲއެވެ.

ޓީވީ ޕްރޮގްރާމްތަކުގެ އިތުރުން ޢުޘްމާން ޢަބްދުﷲވަނީ ދީނީ އެކި ފޮތްތައްވެސް ލިޔުއްވާފައެވެ. އޭގެ ތެރޭގައި ދަމުނަމާދާއި ސުންނަތް ނަމާދުތައް، އިސްލާމް ދީނުގައި އަންހެނުންގެ ޢައުރަ ފަދަ ފޮތްތައް ހިމެނެއެވެ. ހަމައެއާއެކު ޢަރަބި ބަހުން ލިޔުއްވާފައިވާ އެތައް ފޮތްތަކެއްވަނީ ދިވެހި ބަހަށް ތަރުޖަމާކުރައްވާފައެވެ. މީގެތެރޭގައި އެންމެ މަޝްހޫރު އެއްފޮތަކީ ފިޤުހުއް ސުންނާ ފޮތެވެ.

ޢުޘްމާން ޢަބްދުﷲގެ އެކި ލިޔުއްވުންތައް ރާއްޖޭގެ އެކި ނޫސް މަޖައްލާތަކުގައިވެސް ގިނަ ޢަދަދަކަށްވަނީ ޝާއިޢުކުރެވިފައެވެ. މީގެއިތުރުން ރައީސް އޮފީހުން ހަފްތާއަކު އެއްފަހަރު ނެރުއްވަމުންގެންދެވި "ދީނުގެ މަގު" ނޫހަށްވެސް ލިޔުއްވާފައިވެއެވެ.
ދީނީގޮތުން ޢާއްމުން ހޭލުންތެރިކަން އިތުރުކުރެއްވުމަށް މަސައްކަތްކުރެއްވުމުގެ އިތުރުން ޢުޘްމާން ޢަބްދުﷲވަނީ ކުރީގެ މަޢުޙަދުއްދިރާސާތުލް އިސްލާމިއްޔާ އުފެދުނީއްސުރެ މުދައްރިސެއްގެ ގޮތުގައި ދިގުމުއްދަތެއްގައިވަނީ ޚިދުމަތްކުރައްވާފައެވެ.

މީގެއިތުރުން އިމާމުން ތަމްރީނުކުރާ ކޯހުގައި ކިޔވައިދެއްވާ އެތައް އިމާމުންނެއް އުފެއްދެވުމުގައިވެސް އިސްދައުރެއްވަނީ އަދާކުރައްވާފައެވެ. ޢުޘްމާން ޢަބްދުﷲވަނީ ޒަކާތާބެހޭ އޮފީހުގެ އިތުރުން، ޑިޕާޓްމަންޓް އޮފް ރިލިޖަސް އެފެއާޒްއާއި، މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒްއާއި، އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުގައި ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައެވެ.

އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދުމަތްކުރުމާއި، ދިނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޤައުމީ އިނާމާއި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 2012 ސަރުކާރުންވަނީ ދެއްވާފައެވެ.