ޚަބަރު

އޭޑީކޭ ގްރޫޕުން ފޯކައިދޫގައި ހޮސްޕިޓަލެއް އަޅަނީ


އޭޑީކޭ ގްރޫޕްގެ ޝިޕިންޑް އެންޑް ޓްރޭޑްގެ ފަރާތުން ށ.ފޯކައިދޫގައި ހޮސްޕިޓަލެއް ބިނާ ކުރުމަށް ނިންމައިފިއެވެ. މިއީ، ހަތްދިހަ ހަތް މިލިއަން ރުފިޔާ ޚަރަދުކޮށްގެން ބިނާ ކުރާ ހޮސްޕިޓަލެއް ކަމަށް އެ ކުންފުނިން ބުނެއެވެ.  ފޯކައިދޫގައި ހޮސްޕިޓަލެއް ހެދުމަށް ނިންމީ ފޯކައިދޫ ކައުންސިލުން ހޮސްޕިޓަލެއް ހެދުމަށް ހުޅުވާލުމުން، އެކަމަށް ޕްރޮޕޯސަލް ލައިގެން ބިޑް ކާމިޔާބުކޮށްގެން ކަމަށް އޭ.ޑީ.ކޭ ޝިޕިންޑް އެންޑް ޓްރޭޑުން ބުނެއެވެ.  އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ފާއިޒު ވިދާޅުވީ، ހޮސްޕިޓަލްގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށައިގަނެވި، ކުރިއަށް އޮތް ތިން އަހަރު ތެރޭ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.  މި ހޮސްޕިޓަލަކީ ގިނަ ޚިދުމަތްތަކަކާއެކު ހަދާ ހޮސްޕިޓަލެއް ކަމަށް ފާއިޒު ވިދާޅުވިއެވެ. 

"  މި ހޮސްޕިޓަލްގައި ފެންވަރު ރަގަޅު ގިނަ ޚިދުމަތްތަކެއް ދިނުމަކީ އަޅުގަނޑުމެންގެ އަމާޒު. ހޮސްޕިޓަލުން ޚިދުމަތް ދޭން ފަށާއިރުވެސް ސްކޭން ކުރުމާއި، ލެބޯޓަރީގެ ޚިދުމަތާއި، ޚާއްސަ ބަލިތަކުގެ ޑޮކްޓަރުން ތިއްބަވާނެ. މީގެތެރޭގައި އަންހެނުންގެ ޚާއްސަ ޑޮކްޓަރުންނާއި، އަދި ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރުންވެސް ހިމެނޭ. އަދި ވިއްސުމުގެ ޚިދުމަތްވެސް ދެވޭނެ. ހޮސްޕިޓަލް ހުޅުވުމަށްފަހު އިތުރު ފެސިލިޓީތައްވެސް ޤާއިމްވާނެ. " ފާއިޒް ވިދާޅުވިއެވެ. 

ފޯކައިދޫގައި ހަދާ ހޮސްޕިޓަލްގެ ސަބަބުން ށ.އަތޮޅުގެ ރައްޔިތުންނަށާއި، މުޅި ބޮޑު ތިލަދުންމަތީގެ ރައްޔިތުންނަށް އެކަމުން ފައިދާ ލިބިގެންދާނެ ކަމަށް ފާއިޒް ފާހަގަކުރެއްވިއެވެ.