ޚަބަރު

ނެދަލެންޑްސުން ޔޫކްރެއިނަށް "އެފް-16" ފޯރުކޮށްދެނީ


"އެފް-16" މަރުކާގެ އަސްކަރީ މަތިންދާބޯޓު ޔޫކްރެއިނަށް ފޯރުކޮށްދިނުމުގެ ހުއްދަ އެމެރިކާއިން ނެދަލެންޑްސަށް ދީފިއެވެ. އެފް-16 މަރުކާގެ އަސްކަރީ މަތިންދާބޯޓަކީ އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީގެ ގާބިލުކަން ލިބިފައިވާ މަތިންދާބޯޓެކެވެ. ޒަމާނީ އަސްކަރީ މަތިންދާބޯޓު ލިބުމަކީ، ރަޝިޔާގެ އަތްދަށުން މިނިވަންކަން ހޯދަން ޔޫކްރެއިނުން ކުރަމުންދާ ހަނގުރާމައަށް ލިބޭނެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ޔޫކްރެއިނުން ސިފަކުރެއެވެ.

އެމެރިކާގެ މި ނިންމުމަކީ، 542 ދުވަސްވެފައިވާ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައި ކާމިޔާބީ ހޯދަން ޔޫކްރެއިނުން ފަށާފައިވާ ކައުންޓަރއޮފެންސިވް ނުވަތަ ރައްދު ހަމަލަގެ އަސްކަރީ ކެމްޕޭނަށް ކުރިއެރުންތަކެއް ލިބޭނެ ފިޔަވަޅެއް ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ. އަދި، "އެއަރ ސުޕީރިއޯރިޓީ" ނުވަތަ ވައިގެ ބާރުވެރިކަން ގާއިމުކުރަން ފަސޭހަވެގެންދާނެ ނިންމުމެކެވެ.

އެފް-16 މަރުކާގެ އަސްކަރީ މަތިންދާބޯޓަކީ އެމެރިކާއިން އުފައްދާ އެއްޗެކެވެ. ނޭޓޯގެ ގިނަ މެންބަރު ޤައުމުތަކުން މި މަރުކާގެ މަތިންދާބޯޓު ބޭނުން ކުރަމުންދާއިރު، އެ ތަކެތި އެހެން ޤައުމަކަށް ވިއްކޭނީ، ނުވަތަ ފޯރުކޮށްދެވޭނީ އެމެރިކާގެ ރުހުމާއި ހުއްދައާ އެކުގައެވެ. ނެދަލެންޑްސްގެ ދިފާޢީ ވަޒީރު ކައިސާ އޯލޮންގްރަން ވިދާޅުވީ ޔޫކްރެއިނަށް އެފް-16 ފޯރުކޮށްދިނުމުގެ ހުއްދަ ލިބިފައިވާ ކަމުގައެވެ.

"ޔޫކްރެއިނަށް އެފް-16 މަރުކާގެ އަސްކަރީ މަތިންދާބޯޓު ފޯރުކޮށްދޭން އަޅުގަނޑުމެންނަށް ހުއްދަ ދިނުމުން އެމެރިކާއަށް މަރުޙަބާ ކިޔަން. އެމެރިކާގެ އެ ނިންމުމާ އެކު ޔޫކްރެއިނުގެ ޕައިލެޓުން ތަމްރީނު ކުރުމުގެ މަސައްކަތް ފެށުމަށް ވެސް މި ވަނީ މަގު ހުޅުވިފައި،" އޯލޮންގްރަން ވިދާޅުވިއެވެ.

ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ހަނގުރާމަ ފެށިއިރު ޔޫކްރެއިންގެ އަސްކަރިއްޔާއިން ބޭނުން ކުރަމުން ގޮސްފައި ވަނީ ކުރީގެ ރޫސީ ވިލާތުގެ ޒަމާނުގައި އުފައްދާފައިވާ ހަތިޔާރެވެ. ނަމަވެސް، ނޭޓޯއިން ވަނީ ޔޫކްރެއިނަށް އެންމެ ފަހުގެ ޒަމާނީ ހަތިޔާރު ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ. އަދި، އެ ފަދަ ހަތިޔާރު ބޭނުން ކޮށްގެން ޔޫކްރެއިނުން ދަނީ ކުރިއެރުންތައް ހޯދަމުންނެވެ.

ޔޫކްރެއިނަށް ޒަމާނީ އަސްކަރީ މަތިންދާބޯޓު ފޯރުކޮށްދޭނެ ކަން ނޭޓޯގެ ބައެއް މެންބަރު ޤައުމުތަކުން ވަނީ އިޢުލާނު ކޮށްފައެވެ. މި ކަމުގައި ނެދަލެންޑްސްއާ ގުޅިގެން މަސައްކަތް ކުރާނެ ކަމުގައި އިނގިރޭސިވިލާތުން ވަނީ ބުނެފައެވެ. ޔޫކްރެއިނަށް އެންމެ ފަހުގެ ޒަމާނީ އަސްކަރީ މަތިންދާބޯޓު ފޯރުކޮށްދޭން ނޭޓޯގެ ބައެއް ޤައުމުތަކުން ނިންމުމުން ރަޝިޔާއިން ވަނީ މި ކަމާ މެދު ކަންބޮޑުވުން ފާޅުކޮށް އިންޒާރު ދީފައެވެ. ރަޝިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު އެލެގްޒެންޑަރ ގްރުޝްކޯ ވިދާޅުވެފައި ވަނީ އެފް-16 މަރުކާގެ މަތިންދާބޯޓު ޔޫކްރެއިނަށް ފޮނުވުމަކީ އެ ނޭޓޯއަށް ހެދޭނެ އެންމެ ބޮޑު ގޯހަށް ވާނެ ކަމުގައެވެ.

އެފް-16 މަރުކާގެ މަތިންދާބޯޓު ފޮނުވުމުގެ އިތުރުން ނޭޓޯގެ މެންބަރު ޤައުމުތަކުން ޔޫކްރެއިންގެ ޕައިލެޓުން ވެސް ތަމްރީނު ކޮށްދޭނެއެވެ. އެ ޤައުމުގެ ޕައިލެޓުން ތަމްރީނު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭން ވަޢުދުވެފައިވާ ޤައުމުތަކުގެ ތެރޭގައި އެމެރިކާ، ނެދަލެންޑްސް، ބެލްޖިޔަމް، ކެނެޑާ، ޑެންމާކް، ލަކްސެމްބަރގ، ނޯވޭ، ޕޮލެންޑް، ރޮމޭނިޔާ އަދި ސްވިޑެން ހިމެނެއެވެ. މި މަސައްކަތް ނެދަލެންޑްސާއި ޑެންމާކުން މިހާރު ވެސް ވަނީ ފަށާފައެވެ.

2022 ވަނަ އަހަރުގެ ފެބުރުވަރީ މަހު ރަޝިޔާއިން ފެށި ހަނގުރާމައިގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ޒަމާނީ ހަތިޔާރު ހޯދަން ޒެލެންސްކީ ގެންދެވީ މަސައްކަތް ކުރައްވަމުންނެވެ. އަދި، ޒަމާނީ އަސްކަރީ މަތިންދާބޯޓަކީ ރަޝިޔާގެ އިސްތިއުމާރީ ސިފައިންގެ އަތްދަށުން ޔޫކްރެއިން މިނިވަން ކުރަން ކޮންމެހެން ބޭނުން ހަތިޔާރެއް ކަމުގައި އޭނާ ގެންދެވީ ވިދާޅުވަމުންނެވެ.

ޔޫކްރެއިން އަސްކަރިއްޔާގައި ޒަމާނީ އަސްކަރީ މަތިންދާބޯޓުތަކެއް ނުހުރެއެވެ. އަދި، މިހާރު ބޭނުން ކުރަމުން ދަނީ ކުރީގެ ރޫސީ ވިލާތުގެ ޒަމާނުގައި އުފައްދާފައިވާ މަތިންދާބޯޓުތަކެވެ. ޕޮލެންޑާއި ސްލޮވާކިޔާއިން ދާދި ފަހުން ވަނީ ޔޫކްރެއިނަށް "މިގް-29" މަރުކާގެ 27 އަސްކަރީ މަތިންދާބޯޓު ފޯރުކޮށްދީފައެވެ. އެއީ ވެސް، ރޫސީ ވިލާތުގެ ޒަމާނުގައި އުފައްދާފައިވާ މަތިންދާބޯޓުތަކެކެވެ.