ލުބްނާނުގެ ދެކުނުގައިވާ ޞައިދާގައި އޮންނަ ރެފިއުޖީ ކޭމްޕުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެ ތަނުގައި ދިރިއުޅޭ އެތަކެއް ހާސް ރެފިއުޖީންނަށް އ.ދއިން ދެމުންދިޔަ ބައެއް ޚިދުމަތްތައް މެދުކަނޑައިލަން މަޖުބޫރުވެއްޖެއެވެ. ޞައިދާގައި އޮންނަ ޢައިން އަލް-ޙުލްވާ ރެފިއުޖީ ކޭމްޕަކީ ލުބުނާނުގައި އޮންނަ އެންމެ ބޮޑު ރެފިއުޖީ ކޭމްޕެވެ. އެ ތަނުގައި 63,000 އަށްވުރެ ގިނަ ފަލަސްޠީނުގެ ރެފިއުޖީން ދިރިއުޅޭ ކަމުގައި އ.ދއިން ބުނާއިރު، އެ ޢަދަދު އެއަށްވުރެ އިތުރުވާނެ ކަމަށް ބެލެވޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
އ.ދގެ ރިލީފް އެންޑް ވަރކްސް އޭޖެންސީ ފޯ ޕެލެސްޓައިން ރެފިއުޖީޒް (ޔޫ.އެން.އާރް.ޑަބްލިޔު.އޭ)ން ބުނީ އެ ޖަމާޢަތުން ހިންގާ ސްކޫލްތަކާއި އެހެން ޢިމާރާތްތަކަށް ހަތިޔާރު އެޅި ޖަމާޢަތްތަކުގެ މެންބަރުން ވަދެ، އެ ތަންތަނުގައި ހަރަކާތްތެރިވަމުންދާ ކަމުގައެވެ. އަދި، މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ، ރެފިއުޖީންނަށް ދެމުންދާ ޚިދުމަތްތައް އަލުން ފަށާނީ ހަތިޔާރު އެޅު ޖަމާޢަތްތަކުން އެ ތަންތަނުން ނިކުތުމުން ކަމުގައި އެ ޖަމުޢިއްޔާއިން ބުންޏެވެ.
ޢައިން އަލް-ޙުލްވާ ރެފިއުޖީ ކޭމްޕުގައި ހަމަނުޖެހުންތައް ފެށުނީ ފަލަސްޠީނުގައި ވެރިކަން ކުރާ ފަތަޙް ޖަމާޢަތުގެ އިސްވެރިއެއް ކަމުގައިވާ މަޙްމޫދު ޚަލީލް މަރައިލަން ފަތަޙާ ދެކޮޅު ޖަމުޢިއްޔާއަކުން މަސައްކަތް ކުރުމުންނެވެ. އެ ކަމުގެ ފަހަތުގައި އޮތީ ޖުނޫދު އަލް-ޝާމް ޖަމާޢަތް ކަމަށް ފަތަޙުން ތުހުމަތު ކުރެއެވެ. ޚަލީލް މަރައިލަން ދިން ހަމަލަގައި ފަތަޙް ޖަމާޢަތުގެ އިސް ކޮމާންޑަރެއް ކަމުގައިވާ އަބޫ އަޝްރަފް ޢަމޫޝީ ޒަޚަމުވިއެވެ. އަދި، އެ ޖަމާޢަތުގެ ބައެއް މެންބަރުން މަރުވިއެވެ. ޢަމޫޝީއަކީ ޢައިން އަލް-ޙުލްވާ ރެފިއުޖީ ކޭމްޕުގެ އަމަން ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މީހާއެވެ.
ޔޫ.އެން.އާރް.ޑަބްލިޔު.އޭން ބުނީ، ދިރާސީ އައު އަހަރު ފެށުމުގެ ތައްޔާރީތައް ކުރަމުންދާއިރު، ހަމަނުޖެހުންތައް ކުރިއަށްދާނަމަ ރެފިއުޖީ ކޭމްޕުގައި ދިރިއުޅޭ 3,200 އެއްހާ ކުޑަކުދިންނަށް ކިޔަވައިދޭން ފަށަން ދަތިވާނެ ކަމުގައެވެ. އަދި، ސްކޫލްތަކާއި އެހެން ޢިމާރާތްތަކުން ހަތިޔާރު އެޅި ޖަމާޢަތްތަކުގެ މެންބަރުން ވަގުތުން ނިކުތުމަށް އެ ޖަމުޢިއްޔާއިން ވަނީ ގޮވައިލާފައެވެ.
ފަލަސްޠީނުގެ އެތަކެއް ހާސް ރެފިއުޖީންނެއް ލުބުނާނަށް ހިޖުރަކޮށްފައި ވަނީ އެ މީހުންގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކޮށް، 1948 ވަނަ އަހަރު ޔަހޫދީންގެ ޖައްބާރު ދަޢުލަތް ގާއިމުކުރުމާ ގުޅިގެންނެވެ. ލުބުނާނުގައި 12 ރެފިއުޖީ ކޭމްޕު ހުރިއިރު، އެ ކޭމްޕުތަކުގައި ފަލަސްޠީނުގެ 400,000 އަށްވުރެ ގިނަ ރެފިއުޖީން ދިރިއުޅެއެވެ. ފަލަސްޠީނާއި ލުބުނާނާ ދެމެދު 1969 ވަނަ އަހަރު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން އެ ކޭމްޕުތަކުގައި އަމަން ބަލަހައްޓަނީ ފަލަސްޠީނުގެ ޖަމާޢަތްތަކުންނެވެ.
"ލުބުނާނުގައިވާ ޔޫ.އެން.އާރް.ޑަބްލިޔު.އޭގެ ސްކޫލްތަކާއި އެހެން ޢިމާރާތްތަކަކީ ރެފިއުޖީންނާއި ކުޑަކުދިންނަށް ރައްކާތެރި ތަންތަނަށް ހަދަން ޖެހޭ. އެ ތަންތަން ހިމާޔަތް ކުރަން ޖެހޭ. އެއީ ކުޑަކުދިންނަށް އަމާން ތަނަކަށް ހަދަން ޖެހޭ. އެ ތަންތަނުގައި އެއްވެސް ހާލެއްގައި ހަމަނުޖެހުން ހިންގައިގެން ނުވާނެ،" ލުބުނާނުގައި ހުންނަވާ ޔޫ.އެން.އާރް.ޑަބްލިޔު.އޭގެ ޑިރެކްޓަރ ޑޮރޮތީ ކްލައުސް ވިދާޅުވިއެވެ.
ޔޫ.އެން.އާރް.ޑަބްލިޔު.އޭން ދަނީ ލުބުނާނުގައި ދިރިއުޅޭ ފަލަސްޠީނުގެ ރެފިއުޖީންނަށް ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ތަޢުލީމު އުނގަންނައިދިނުމާއި، ޕްރައިމަރީ ޞިއްޙީ ޚިދުމަތްތަކުގެ އިތުރުން އިންސާނީ އެހީ ފޯރުކޮށްދިނުން ހިމެނެއެވެ. އެ ޚިދުމަތްތަކަށް ހުރަސް އެޅޭ ނަމަ، ރެފިއުޖީ ކޭމްޕުތަކުގައި ދިރިއުޅޭ މީހުންގެ ހާލަތު ދަތިވާނެއެވެ.