ރަޝިޔާގެ ވެރިރަށް މޮސްކޯއަށް އަނެއްކާ ވެސް ނުރައްކާތެރި ޑްރޯން ހަމަލައެއްދީފިއެވެ. މޮސްކޯގެ މޭޔަރު ސިރްގިޔޭ ސައިބިޔާނިޔަން ވިދާޅުވީ އަސްކަރިއްޔާގެ ވައިގެ ދިފާޢީ ނިޒާމު ބޭނުންކޮށް ޑްރޯން ވައްޓައިލާފައިވާ ކަމުގައެވެ. ޑްރޯންގެ ބައިތައް ވެއްޓިފައި ވަނީ މޮސްކޯގެ އެކްސްޕޯ ސެންޓަރަށެވެ. މި ހާދިސާގައި އެ ޢިމާރާތަށް ގެއްލުން ލިބިފައިވާ ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ.
ރަޝިޔާގެ ދިފާޢީ ވުޒާރާއިން ވަނީ ޑްރޯން ހަމަލަގެ ފަހަތުގައި ވަނީ ޔޫކްރެއިން ކަމަށް ތުހުމަތު ކޮށްފައެވެ. ނަމަވެސް، ޔޫކްރެއިނުން އެ ކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ސަރަޙައްދީ ރޮނގު ހުރަސްކޮށް ރަޝިޔާގެ ރަށްތަކަށްދޭ ހަމަލަތަކުގެ ޒިންމާ އުފުލަން ޔޫކްރެއިނުން ދަނީ ދެކޮޅު ހަދަމުންނެވެ.
ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ ޑްރޯން ވެއްޓިފައި ވަނީ މޮސްކޯގެ ކްރަސްނަޕްރީސްނިޔަންސްކާ ސަރަޙައްދަށް ކަމުގައެވެ. އެއީ، ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަ ސަރަޙައްދެކެވެ. މި ހާދިސާގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަމުގައި ވެސް އެ ވުޒާރާއިން ބުންޏެވެ. ޑްރޯން ވެއްޓި ގެއްލުން ލިބުނު އެކްސްޕޯ ސެންޓަރަކީ ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިނާ 5 ކިލޯމީޓަރު ކައިރީގައި ހުންނަ ތަނެކެވެ.
މަންޒަރު ފެނުނު މީހުން ބުނީ ޑްރޯން ވެއްޓުނު ވަގުތުގައި ބާރުގަދަ ގޮވުމެއް ގޮވާފައިވާ ކަމުގައެވެ. ނަމަވެސް، ޑްރޯންގެ ބައިތައް ވެއްޓުނު ހާދިސާގައި އަލިފާން ރޯވެފައި ނުވާ ކަމަށް ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެއެވެ. އަދި، މި ހާދިސާގައި އެކްސްޕޯ ސެންޓަރަށް އެއްވެސް ވަރެއްގެ ގެއްލުމެއް ލިބިފައި ނުވާ ކަމުގައި ސައިބިޔާނިޔަން ވެސް ވިދާޅުވިއެވެ.
ނަމަވެސް، ރަޝިޔާގެ ދަޢުލަތުގެ މީޑިޔާ ތާސްއިން ބުނީ، ޑްރޯން ވެއްޓުނު ހާދިސާގައި އެކްސްޕޯ ސެންޓަރުގެ ބޭރު ފާރުން ބަޔެއް ވެއްޓިފައިވާ ކަމުގައެވެ. އަދި، 323 އަކަފޫޓުގެ ސަރަޙައްދަކަށް ގެއްލުން ލިބިފައިވާ ކަމުގައި ވެސް އެ މީޑިޔާއިން ރިޕޯޓު ކުރެއެވެ. ޑްރޯން ހަމަލައާ ގުޅިގެން މޮސްކޯގެ ވުނޫކަވާ ބައިނަލްއަޤުވާމީ ވައިގެ ބަނދަރުގެ އުދުހުންތައް ވަގުތީ ގޮތުން މެދުކަނޑައިލިއެވެ. ނަމަވެސް، ކުޑަ ވަގުތުކޮޅެއް ފަހުން ޚިދުމަތްތައް އަލުން ވަނީ ފަށާފައެވެ.
މޭ މަހުގެ 30 ވަނަ ދުވަހު ވެސް މޮސްކޯއަށް ވަރުގަދަ ޑްރޯން ހަމަލަތަކެއް ދީފައިވެއެވެ. އެ ހަމަލަތަކުގައި ގިނަ ޢަދަދެއްގެ ޢިމާރާތަށް ގެއްލުންވިއެވެ. އަދި، ޖުލައި 30 އާއި 31 ވަނަ ދުވަހު ދިން ޑްރޯން ހަމަލަތަކެއްގައި އެކްސްޕޯ ސެންޓަރު ކައިރީގައި ހުރި އެހެން ޢިމާރާތްތަކަށް ގެއްލުންވިއެވެ. ކްރެމްލިނަށް އަމާޒުކޮށް ވެސް ޑްރޯން ހަމަލަތަކެއް ދޭން މަސައްކަތް ކޮށްފައިވެއެވެ. ކްރެމްލިނަށް ހަމަލަދޭން ބޭނުންކުރި ދެ ޑްރޯން ރަޝިޔާގެ ދިފާޢީ ނިޒާމު ބޭނުންކޮށް ވަނީ ވައްޓައިލާފައެވެ.