ޚަބަރު

ސައިޕްރަސްގައި ކޮވިޑް ޖެހިފައިވާ ބުޅާތަކަށް ވެކްސިން ދެނީ


ބުޅަލަށް ޖެހޭ ކޮރޯނާވައިރަސްގެ ބަލިމަޑުކަމެއް ޢާންމުވެ، ގިނަ ޢަދަދެއްގެ ބުޅާތަކެއް މަރުވަމުންދާތީ، އެ ޖަނަވާރުތަކަށް ކޮވިޑް ވެކްސިން ދިނުމުގެ މަސައްކަތް ސައިޕްރަސްއިން ފަށައިފިއެވެ. ބުޅަލަށް ޖެހޭ ކޮރޯނާވައިރަސް ބަލީގައި ސައިޕްރަސްއިން މިހާތަނަށް އެތަކެއް ހާސް ބުޅާ ވަނީ މަރުވެފައެވެ.

މި ނުރައްކާތެރި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތަކެއް އަޅަން ސައިޕްރަސްގެ ސަރުކާރުން ވަނީ ނިންމާފައެވެ. މި ގޮތުން، އެ ޤައުމުގެ ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ 2019 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކާ އެކު ހަލުވިކަމާ އެކު ފެތުރުނު ކޮވިޑް-19އަށް ޚާއްޞަކޮށްގެން އުފައްދާފައިވާ ވެކްސިން ބަލި ޖެހިފައިވާ ބުޅާތަކަށް ދޭން ނިންމާފައެވެ.

ސައިޕްރަސްގެ ބުޅާތަކުގެ މެދުގައި ފެތުރެމުން ދަނީ ކޮރޯނާވައިރަސްގެ ވައްތަރެއް ކަމުގައިވާ "ފީލައިން އިންފެކްޝަސް ޕެރިޓޮނައިޓިސް"އެވެ. އެއީ، ބުޅަލުގެ ފުށުން އިންސާނުންގެ ހަށިގަނޑަށް އަރާ ބައްޔެއް ނޫނެވެ. ނަމަވެސް، މި ބަލިމަޑުކަމުގެ އަސަރު ސައިޕްރަސްގެ ބުޅަލުގެ އާބާދީގެ ބޮޑު ބަޔަކަށް ފޯރައި، އެތަކެއް ހާސް ބުޅާ ވަނީ މަރުވެފައެވެ.

މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ބޭނުން ކުރަން ސައިޕްރަސްގެ ސަރުކާރުން ނިންމާފައި ވަނީ، ކޮވިޑް-19ގެ ވެކްސިން ސްޓޮކުގެ ތެރެއިން ބޭނުން ނުކޮށް ހުރި ވެކްސިންތަކެވެ. ސައިޕްރަސްގެ ކެބިނެޓުން ނެރުނު ބަޔާނެއްގައި ބުނީ އިންސާނުންގެ ބޭނުމަށް އުފައްދާފައިވާ ވެކްސިންގެ ތެރެއިން ބޭނުން ނުކޮށް ހުރި ވެކްސިންގައި ހިމެނޭ ކޮވިޑް ބޭސްގުޅަ ބުޅާތަކަށްދީ، އެ ތަކެތީގެ ފުރާނަ ސަލާމަތް ކުރަން ނިންމާފައިވާ ކަމުގައެވެ.

ބުޅާތަކަށް ކޮވިޑް ވެކްސިން ދޭން ނިންމާފައި ވަނީ ޖަނަވާރުތަކަށް ފަރުވާދޭ ކުލިނިކުތައް މެދުވެރިކޮށެވެ. ކޮވިޑްގެ ބަލިމަޑުން ސައިޕްރަސްގެ ބުޅަލުގެ އާބާދީ ސަލާމަތް ކުރަން ނިންމާފައި މި ވަނީ، މި ބަލީގައި އެތަކެއް ހާސް ބުޅަލެއް މަރުވަމުންދާތީ ޖަނަވާރު ހިމާޔަތްކުރަން ވަކާލާތުކުރާ ޖަމުޢިއްޔާތަކުން ކަންބޮޑުވުން ފާޅު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ސައިޕްރަސްގައި ކޮވިޑްގެ ބަލިމަޑުކަމެއް ފެތުރި 300,000 އަށްވުރެ ގިނަ ބުޅާ މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، އެ ޤައުމުގައި ހަރަކާތްތެރިވާ ޖަނަވާރަށް ފަރުވާ ކުރާ މަރުކަޒުތަކުގެ މައްޗަށް އެކުލެވިގެންވާ ޖަމުޢިއްޔާތަކުން ބުނީ މި ބަލީގައި މަރުވެފައިވާ ބުޅަލުގެ ޢަދަދު އަރަނީ 10,000 އަށް ކަމުގައެވެ.

ތާރީޚުގެ ފަތްފުށްތަކުން ފެންނަ ގޮތުގައި ސައިޕްރަސްއަށް އެންމެ ފުރަތަމަ ބުޅާ ގެންގޮސްފައި ވަނީ ރޯމަނުންގެ ވެރިކަމުގެ ދުވަސްވަރު ވެރިކަން ކުރެއްވި ރާނީއެކެވެ. އެއީ މީގެ 1,700 އަހަރު ކުރިން ކަމުގައި ފަތްފުށްތަކުގައި ލިޔެފައިވެއެވެ. ނަމަވެސް، މީގެ 9,500 ވަރަކަށް އަހަރު ކުރިން ވެސް ސައިޕްރަސްގައި ބުޅާ ދިރިއުޅެފައިވާ ކަމަށް ފަހުގެ ދިރާސާތަކުން ހާމަވެއެވެ.