ޚަބަރު

ޑޮކްޓަރުން ސްޕެޝަލައިޒްވުމަށްދޭ ސްކޯލަރޝިޕް އެވޯޑްކޮށްފި


  • ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް 7 ދާއިރާއަކުން ހުޅުވާލި

  • 6 ފަރާތަކަށް ވަނީ ސްކޮލަރޝިޕް އެވޯޑްކޮށްފަ

  • މިއީ ސިއްޙީ ދާއިރާއަށް ބޮޑު ބަދަލެއް ގެނުވާނެކަމެއް

މެޑިކަލް ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް ސަރުކާރުން ހުޅުވާލި ސްކޯލަރޝިޕަށް ހޮވުނު ފަރާތްތަކަށް އެކަމުގެ ލިޔުން ހަވާލުކޮށްފިއެވެ. އެކަމަށްޓަކައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ ޑރ.އިބްރާހީމް ޙަސަނެވެ.

ޤައުމުގެ ތަރައްޤީއަށް ބޭނުންވާ މީހުން ބިނާކުރުމަށް ސްކޮލަރޝިޕް ދިނުމުގެ ސިޔާސަތުގެ ދަށުން މެޑިކަލް ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް މިއަހަރު 7 ދާއިރާއިން ހުޅުވާލިއެވެ. އެއީ އެނެސްތީސިއޮލޮޖީ، އިންޓަރނަލް މެޑިސިން، ސްޕައިން ސާރޖަރީ، ޕީޑިއޭޓްރިކް ޕަލްމޮނޮލޮޖީ، ގައިނެކޮލޮޖީ، ޖެނެރަލް ސާރޖަރީ އަދި ޕީޑިއޭޓްރިކްސްއެވެ. މިފަހަރުގެ ސްކޮލަރޝިޕަށް ޖުމްލަ 49 އެޕްލިކޭޝަން ހުށައެޅިއެވެ.

އޭގެތެރެއިން ސްކޯލަރޝިޕް ލިބުނު ފަރާތްތަކަށް އެކަމުގެ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އޭގެތެރެއިން 6 ފަރާތަކަށްވަނީ މިސްކޮލަރޝިޕް އެވޯޑް ކޮށްފައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފ ހަޔަރ އެޑިޔުކޭޝަން ދެއްކެވި ވާހަކަފުޅުގައި ސިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ކަމާގުޅުންހުރި ދާއިރާތަކުން އިތުރަށް ތަޢުލީމު ހޯދުމަށްޓަކައި ޚާއްސަ ސްކޮލަރޝިޕް ސްކީމްތަކެއް މީގެކުރިންވެސް އެ މިނިސްޓްރީން ހިންގަވާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މިއަދު މި ހަވާލުކުރެވުނު ސްޕެޝަލައިޒްޑް ސްކީމްގެ ދަށުން ޑޮކްޓަރުން ސްޕެޝަލައިޒް ވުމުން ސިއްޙީ ދާއިރާއިންދެވޭ ޚިދުމަތްތައް އިތުރަށް ފުޅާވެ ފުރިހަމަ ވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޚާއްސަކޮށް ރާއްޖޭގެ ރައްޔިތުންނަށް އެކި ހިސާބުތަކުން އެބޭފުޅުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، އަތޮޅުތެރޭގައި ހުރި ހޮސްޕިޓަލް ތަކާއި ހެލްތު ސެންޓަރުތަކުން އެންމެ ޒަމާނީ މެޑިކަލް ސްޕެޝަލައިޒްޑް ޑޮކްޓަރުންގެ ޚިދުމަތް ލިބިގެން ދާނެކަން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން ފާހަގަ ކުރެއްވެވިއެވެ.

"ރާއްޖޭގެ މަސައްކަތް ކުރާ އެކިއެކި ދާއިރާތަކުގައި މަސައްކަތްކުރާ މީހުންނަކީ ފަންނީ ހުނަރުވެރިންނަށް ހެދުމަށްޓަކައި މަސައްކަތް ކުރުމަކީ މިސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް" މިނިސްޓަރ ޑރ.އިބްރާހީމް ޙަސަން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު އަޙުމަދު ނަސީމް ދެއްކެވި ވާހަކަފުޅުގައި، ސިއްހީ ދާއިރާއަށް ބޭނުންވާ މިފަދަ ސްކޮލަރޝިޕް ފުރުސަތުތަށް ދެ މިނިސްޓްރީން ގުޅިގެން ހުޅުވާލުމުގެ މުހިއްމުކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި މިފުރުސަތުލިބުނު ޑޮކްޓަރުން ކިޔަވައި ނިމިގެން، ޤައުމަށް އެނބުރި އައުމުން ރައްޔިތުންނަށް ބޭނުންވާ ސިއްޙީ ޚިދުމަތްތައް ލުއި ފަސޭހަކޮށް ލިބިގެން ދިއުމަކީ ވަރަށް ބޮޑަށް އުއްމީދެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ސްކޮލަރޝިޕްތަކަށް ހޮވުނު ކެންޑިޑޭޓުން ހުރިހާ ޚަރަދު ހަމަޖައްސާނީ ދިވެހި ސަރުކާރުގެ ފަރާތުންނެވެ. އަދި ސްކޮލަރޝިޕްގައި ކެންޑިޑޭޓުން ފުރިހަމަކުރާ ޕްރޮގްރާމްގެ ދިގުމިނަށް ބިނާކޮށް، ކަނޑައެޅޭ ވަކި މުއްދަތަކަށް މިނިސްޓްރީ އޮފް ހެލްތަށް ޚިދުމަތް ކުރުމަށް ވަނީ ޝަރުތުކޮށްފައެވެ. އެހެންކަމުން، ޕްރޮގްރާމް ނިންމުމަށްފަހު، އެ މިނިސްޓްރީން ކަނޑައަޅާގޮތެއްގެ މަތީން ދިވެހިރާއްޖެއަށް ޚިދުމަތްކުރުން ލާޒިމުވާނެއެވެ.