ދުނިޔެ

ސުލްޙައިގެ މަގުޗާޓެއް ނެރެވެން ޖެހޭނެ - ސްތެފަން ދެ މިސްތޫރާ


ސޫރިޔާގެ ސުލްޙައިގެ ވާހަކަތަކުން އެޤައުމުގެ މައްސަލަތައް ޙައްލުކުރުމުގެ މަގުޗާޓެއް ނެރެވެންޖެހޭނެ ކަމަށް އދ. ގެ ޚާއްސަ މަންދޫބު ސްތެފަން ދެ މިސްތޫރާ ވިދާޅުވެއްޖެއެވެ. 

ސޫރިޔާގެ މައްސަލަ ސިޔާސީގޮތުން ޙައްލުކުރުމަށްޓަކައި ޖެނީވާގައި މިއަދު ފެށި ސުލްޙައިގެ ވާހަކަތައް އިފްތިތާޙު ކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ދެމިސްތޫރާ ވިދާޅުވީ މިވާހަކަތައް ނާކާމިޔާބު ވެއްޖެނަމަ ހަނގުރާމަ ނޫންއެހެން އެއްޗެއް ނޯންނާނެ ކަމަށެވެ.  ދެ މިސްތޫރާ އިތުރަށް ވިދާޅުވީ ސޫރިޔާގެ ސުލްޙައިގެ ވާހަކަތައް މަޑުޖެހޭގޮތްވެއްޖެނަމަ އެކަން ޙައްލުކުރުމަށްޓަކައި އެކަމުގެ ތެރެއަށް ވަނުމުގެ ދަޢުވަތު ދުނިޔޭގެ ބޮޑެތި ބާރުތައް ދޭން އދ. ފަސްނުޖެހޭނެކަމަށެވެ. އދ. ގެ ބެލުމުގެ ދަށުން ޖެނީވާގައި މިއަދު ފެށޭ ސޫރިޔާގެ ސުލްޙައިގެ ވާހަކަތަކުގައި ތިން ބުރު ހިމެނޭއިރު ފުރަތަމަ ބުރުގެ ވާހަކަތައް މިމަހުގެ ފަންސަވީސް ވަނަ ދުވަހާ ހަމައަށް ކުރިޔަށްދާނެކަމަށް އދ. އިން ބުނެއެވެ.