ދުނިޔެ

އަންކާރާ ޙަމަލާގެ ފަހަތުގައި ޕީކޭކޭގެ އަންހެން އެކްޓިވިސްޓެއް


ތުރުކީވިލާތުގެ ވެރިރަށް އަންކާރާގާއި އާދީއްތަ ދުވަހު ގޮއްވާލި ބާރުގަދަ ބޮމުގެ ޙަމަލާދިން މީހުންގެ ތެރޭގައި ކުރުދީންގެ ހަނގުރާމަވެރި ޖަމާޢަތެއްކަމަށްވާ ޕީކޭކޭ އަށް ނިސްބަތްވާ އަންހެން އެކްޓިވިސްޓަކު ހިމެނޭކަން އެޤައުމުން ހާމަކޮށްފިއެވެ. 

ތުރުކީވިލާތުގެ އަމަނާބެހޭ މަސްއޫލުވެރިން ވިދާޅުވީ އެޙަމަލާ ރާވައި ހިންގި ކަމުގެ ތުހުމަތުކުރެވޭ މީހުންގެ ތެރޭގައި ސައުވީސް އަހަރުގެ ޒުވާން އަންހެނަކު ހިމެނޭކަމަށާ އެއަންހެންމީހާ ޕީކޭކޭ އާ ގުޅުނީ ދެހާސް ތޭރަވަނަ އަހަރުގައި ކަމަށެވެ. ނަމަވެސް ތިރީސް ހަތްމީހުން މަރުވެ ސަތޭކަ ފަންސަވީސް މީހުން ޒަޚަމްވި ޓެރަރިސްޓް ހަމަލާގެ ފަހަތުގައިވަނީ ޕީކޭކޭ ކަން ތުރުކީ ސަރުކާރުން ރަސްމީ ސިފައެއްގައި އަދި އިޢްލާންކޮށްފައެއް ނުވެއެވެ. އަންކާރާގެ މެދުތެރޭގެ މައިދާނަކަށް ދިން މިޓެރަރިސްޓް ޙަމަލާއަށްފަހު ތުރުކީވިލާތުގެ ވައިގެ ސިފައިންވަނީ އެޤައުމުގެ އިރު ދެކުނުގައިވާ ޕީކޭކޭ ގެ މަރުކަޒުތަކަށް ވައިގެ ޙަމަލާތަކެއް ދީފައެވެ.