އެމެރިކާގެ އެއަރފޯސް އެކެޑެމީ، "ކްލާސް އޮފް 2028" ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ދިވެހިންނަށް ހުޅުވާލައިފިއެވެ.
ޔުނައިޓެޑް ސްޓޭޓްސް އެއަރފޯސް އެކެޑެމީގެ މި ކޯސް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
އެމެރިކާގައި ހުންނަ ޔުނައިޓެޑް ސްޓޭޓްސް އެއަރފޯސް އެކެޑެމީގައި ފެށުމަށް ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރިވުމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، އޭ ލެވެލް ހަދާފައިވާ ނުވަތަ އޭ ލެވެލްއާ އެއް ފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ފަންތީގެ ސަނަދެއް ލިބިފައިވާ މީހެއްކަށް ވާންޖެހެއެވެ. އަދި ޒަވާޖީ ހަޔާތެއް ފަށާފައި ނުވާ، 2024 ޖުލައި 01 ވަނަ ދުވަހުގެ ކުރިން 23 އަހަރު ނުފުރޭ މީހެއް ކަމުގައިވުން ހިމެނެއެވެ. މީގެއިތުރުން ސްކޮލާސްޓިކް އެޕްޓިޓިއުޑް ޓެސްޓް ނުވަތަ އެމެރިކަން ކޮލެޖް ޓެސްޓިންގ ހަދާފައިވާ ފަރާތެއްކަމުގައިވުމާއި، ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮަަ، ހަށިހެޔޮކަމުގެ އިމްތިހާނުން ފާސްވެފައިވާ ފަރާތެއް ކަމުގައިވެސް ވާންޖެހެއެވެ.
4 އަހަރުގެ މުއްދަތަށް، ބެޗަލަރސް ޑިގްރީ ފެންވަރަށް ކުރިއަށް ގެންދާ މި ކޯހަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ 6 ޖާގައަށެވެ. އެމްއެންޑީއެފްއިން ވިދާޅުވީ ސިފައިންގެ ވަޒީފާގައި މިހާރު ނޫޅޭ މީހަކު މި ކޯހަށް ހޮވިއްޖެނަމަ އެމީހަކު ސިފައިންގެ ވަޒީފާއަށް ވެއްދޭނެކަމަށެވެ.
މި ކޯހުން ކުރިއަށް ދެވިދާނެ ދާއިރާތަކުގެ ތެރޭގައި އެރޮނޮޓިކަލް އިންޖިނިއަރިންގ، އެސްޓްރޮނޮޓިކަލް އިންޖިނިއަރިންގ، ކޮމްޕިއުޓަރ ސައިންސް، މިލިޓަރީ ސްޓްރެޓެޖިކް ސްޓަޑީޒް، މެކޭނިކަލް އިންޖިނިއަރިންގ، ސައިބަރ ސައިންސް، ބަޔޮލޮޖީ، ލީގަލް ސްޓަޑީޒް، މެތަމެޓިކްސް، މެނޭޖްމަންޓް، އޮޕަރޭޝަންސް ރިސަރޗް، ފިލޯސަފީ، ސިސްޓަމް އިންޖިނިއަރިންގ އަދި މީޓިއޮރޮލޮޖީ ހިމެނެއެވެ. މީގެއިތުރުންވެސް، މޭޖަރ ވެވިދާނެ އިތުރު ދާއިރާތައްވެސް ވަނީ އެ އެކަޑަމީގެ އޮފިޝަލް ވެބްސައިޓްގައި ހިމަނާފައެވެ.
މި ކޯހަށް ޝަރުތު ހަމަވާ މީހުން ކޯސް އެޕްލިކޭޝަން ފޯމް ފުރުއްވުމަށް ފަހު، މިމަހުގެ 31 ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެމްއެންޑީއެފް ބަންޑާރަކޮށްޓަށް ގޮސް އެޕްލިކޭޝަން ފޯމް ހުށައެޅުމަށް ވަނީ ހުޅުވާލާފައެވެ.