ދުނިޔޭގެ ކޮންމެ ތާކުހުރެވެސް ދިވެހި ޗެނަލްތައް ބެލޭގޮތަށް މީޑިއާ ނެޓުގެ ޚިދުމަތް ފުޅާކޮށްފިއެވެ.
ރާއްޖޭގައި އެންމެ ފުޅާކޮށް ކޭބަލް ޓީވީގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިކަމަށްވާ މީޑިއާނެޓުން ބުނީ، އެކުންފުނީގެ ޚިދުމަތް މުޅި ދުނިޔެއަށް ފުޅާކޮށްފައިވާކަމަށެވެ. އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ދިވެހިންނަށް އެމީހަކު ހުރި ކޮންތަނަކުންވެސް މީޑިއާ ނެޓު މެދުވެރިކޮށް ޓީވީ ޗެނަލްތައް ބަލާލެވޭނެކަމަށެވެ. އެގޮތުން ދިވެހި ޗެނަލްތަކުން ދައްކާ އެކި ޕްރޮގްރާމްތަކާއި، ޚަބަރުތައް ފަސޭހަކަމާއެކު ބަލާލެވޭނެކަމަށް މީޑިއާ ނެޓުން ބުންޏެވެ.
މީޑިއާނެޓުން ދެ ޚިދުމަތެއް ވަނީ ތަޢާރަފްކޮށްފައެވެ. އެގޮތުން އެމް.އެސް ލައިޓް ގްލޯބަލް މެދުވެރިކޮށް ސީދާ ޓީވީން ޗެނަލްތައް ވަގުތުން ބެލޭނެކަމަށާއި، އެކަމަށް ހަމައެކަނި ބޭނުންވާނީ އިންޓަރނެޓް ކަނެކްޝަނެއްކަމަށް މީޑިއާ ނެޓުން ބުންޏެވެ.
Unveiling MS Global: Your Passport to Maldivian News & Entertainment! ✨?
— Medianetmv (@Medianetmv) August 15, 2023
With MS Lite and MSD's worldwide expansion, Maldivians abroad can now enjoy local channels and Video on Demand (@ms_videoclub) content! Stay connected, catch up, and indulge in your favorite local… pic.twitter.com/Mggomz1xMp
މީގެ އިތުރުން އެމް.އެސް ޑިޖިޓަލް ގްލޯބަލް ޚިދުމަތާއެކު ކޮންމެ ވަގުތަކުވެސް މޮބައިލް ފޯނު އެޕްލިކޭޝަން މެދުވެރިކޮށް ދިވެހި ޗެނަލްތަކާއި ވީޑިއޯކްލަބް ކޮންޓެންޓް ބެލޭނެކަމަށް މީޑިއާ ނެޓުން ބުންޏެވެ.
މި ދެ ޚިދުމަތުގައިވެސް ތަފާތު ފީޗަރ ތަކެއް ހިމަނާފައިވެއެވެ. އެގޮތުން ކެޗަޕް ފީޗަރ މެދުވެރިކޮށް ފާއިތުވި 04 ދުވަހު ޗެނަލްތަކުން ވަގުތުން އައި ޕްރޮގްރާމްތައް އަލުން ބަލާލެވޭނެއެވެ. މީގެ އިތުރުން ވަގުތުން ދައްކަމުންދާ ޕްރޮގްރާމްތައް ޕޯސް ކޮށް، ރިވައިންޑްކޮށް އަދި ކުރިއަށް އަންނަން ހުރި ޝައުގުވެރި ޕްރޮގްރާމްތައް އީޕީޖީ މެދުވެރިކޮށް ބަލާލާ, ރިމައިންޑަރ ވެސް ސެޓްކޮށްލެވޭނެއެވެ.
ދިވެހިރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާ އިތުރަށް ފުޅާވެ ދިވެހިރާއްޖޭގައި ހިނގަމުންދާ ކަންކަމާއި ޙަރަކާތްތަކުގެ މައުލޫމާތު ގައުމުން ބޭރުގައި ތިބި ފަރާތްތަކަށް ފަސޭހަކަމާއެކު ބެލޭނެގޮތް މި ޚިދުމަތާއި އެކު މަގުފަހިވެގެންދާނެކަމަށް މީޑިއާ ނެޓުން ބުންޏެވެ.