ޚަބަރު

ޤަވައިދާ ޚިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ލަންކާގެ ބޯޓެއް ހިފަހައްޓައިފި


  • ބޯޓު އަތުލައިގަތީ ފިއްލަދޫގެ އިރުން 15.2 ނޯޓިކަލް މޭލު ބޭރުން

  • އެ ބޯޓުގައި 7 މީހުން ތިބި

ރާއްޖޭގެ އިގްތިޞާދީ ޚާއްޞަ ސަރަހައްދުގައި ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ސްރީ ލަންކާގެ މަސްބޯޓެއް އަތުލައިގެންފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އެ މަސްބޯޓު އަތުލައިގަތީ ހއ. ފިއްލަދޫގެ އިރުން 15.2 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. އެކަން އެމްއެންޑީއެފަށް ރިޕޯޓު ކުރީ އެ ސަރަހައްދުގައި މަސްވެރިކަންކުރަމުން ދިޔަ "ދުރުރާސްތާ 10'' ނަމަކަށް ކިޔާ ދޯންޏަކުންކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

އަތުލައިގަތް ބޯޓުގައި ހަތް މީހުން ތިބިއިރު، އެ ދޯނި މިހާރު ކުޅުދުއްފުށި ބަނދަރަށް ވަނީ ވައްދާފައެވެ. އެމްއެންޑީއެފުން ވިދާޅުވީ އެ ބޯޓު މާލެ ގެންދިއުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެ ކުރިން ވެސް އެކި ފަހަރު މަތިން، ލަންކާގެ މަސްބޯޓުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ، މަސްވެރިކަން ކުރަމުންދަނިކޮށް ކޯސްޓްގާޑުން ހިފަހައްޓާފައިވެއެވެ.

މަސްވެރިކަމުގެ ޤާނޫނުގައިވާގޮތުން ޤަވައިދާ ޚިލާފަށް މަސްވެރިކަން ކުރަނިކޮށް ހިފަހައްޓާ އުޅަނދުތަކުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން ބޮންޑެއް ނުވަތަ ސެކިއުރިޓީއެއް ޑިޕޮޒިޓްކުރަންދެން އެ އުޅަނދު ހިފަހައްޓާފައި ބޭއްވެއެވެ. އަދި ހިފަހައްޓާ އުޅަނދުގައި ހުރީ ހަލާކުވާ ބާވަތުގެ އެއްޗެއްނަމަ އެ ތަކެތި ވިއްކާލެވިދާނެއެވެ. މީގެ އިތުރަށް ޤަވައިދާ ޚިލާފަށް މަސްވެރިކަން ކުރުމަށް ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދަށް ވަންނަ އުޅަނދުތައް ދޫކޮށްލަނީވެސް ވަކި އުޞޫލެއްގެ ދަށުން ޖޫރިމަނާކޮށް އެ ޖޫރިމަނާގެ ފައިސާ ދެއްކުމުންނެވެ.