ލީބިޔާގެ ވެރިރަށް ޠަރާބުލުސްގައި ހަތިޔާރުއެޅި ދެ ޖަމާޢަތެއްގެ މެދުގައި ނުރައްކާތެރި ހަމަނުޖެހުންތަކެއް ހިނގައިފިއެވެ. ހަމަލަ ބަދަލުކުރުންތައް ހިނގާފައި ވަނީ ޠަރާބުލުސްގެ ފޫރްނާޖް އަވަށުގައެވެ. ހަމަނުޖެހުންތައް ފެށުނީ ޠަރާބުލުސްގެ ބޮޑު ބައެއް ކޮންޓްރޯލް ކުރާ ހަތިޔާރުއެޅި ޖަމާޢަތެއް ކަމުގައިވާ 444 ބްރިގޭޑްގެ އިސް ކޮމާންޑަރު އެހެން ޖަމާޢަތަކުން ހައްޔަރު ކުރުމާ ގުޅިގެންނެވެ.
444 ބްރިގޭޑްގެ އިސް ކޮމާންޑަރު ކަމުގައިވާ މަޙްމޫދު ހަމްޒާ ހައްޔަރުކޮށްފައި ވަނީ މިޢައީތީޤާ ވައިގެ ބަނދަރުގައި ހުއްޓައެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ ސްޕެޝަލް ޑިޓެރެންސް ފޯސް (އެސް.ޑީ.އެފް)ގެ ހަނގުރާމަވެރިންނެވެ. އެ ދެ ޖަމާޢަތަކީ ޠަރާބުލުސްގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާޢަތްތަކުގެ ތެރެއިން އެންމެ ބާރާއި ނުފޫޒު ގަދަ ދެ ޖަމާޢަތެވެ.
444 ބްރިގޭޑާއި އެސް.ޑީ.އެފްގެ ފައުޖުތަކާ ދެމެދު ފަށާފައިވާ ހަމަނުޖެހުންތަކާ ގުޅިގެން ޠަރާބުލުސްގެ ސުލްޙަމަސަލަން ކަން ގެއްލުމުގެ ބިރު ހީވެފައިވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އަދި، ހަމަނުޖެހުންތަކާ މެދު ޠަރާބުލުސްގައި ދިރިއުޅޭ ޢާންމު ރައްޔިތުންގެ ފުރާނައަށް ނުރައްކާވެފައިވާ ކަމުގައި ވެސް އެ ފަރާތްތަކުން ބުނެއެވެ.
މިއީ، ފާއިތުވި މަސްތަކުގެ ތެރޭގައި ޠަރާބުލުސްގައި ހިނގާފައިވާ މި ފަދަ އެންމެ ނުރައްކާތެރި ހަމަނުޖެހުންތަކެވެ. ޠަރާބުލުސްގެ އިތުރުން ލީބިޔާގެ ހުޅަނގުއުތުރުގައިވާ ސަރަޙައްދުތަކުގައި ވެސް ދެކޮޅު ޖަމާޢަތްތަކުގެ މެދުގައި ހަމަލަ ބަދަލުކުރަމުންދާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ލީބިޔާގެ އިންތިޚާބީ ސަރުކާރު ވައްޓައިލާ، އެ ޤައުމުގެ ހަމަޖެހުން ނަގައިލާ، ހަނގުރާމައިގެ މައިދާނަކަށް އެ ޤައުމު ބަދަލުކޮށްލީ ނޭޓޯއިން އިސް ނަގައިގެންނެވެ. ނޭޓޯގެ ގުޅިފައިވާ ލަޝްކަރުން ލީބިޔާއަށް އަރާފައި ވަނީ 2011 ވަނަ އަހަރުއެވެ. އަދި، 2014 ވަނަ އަހަރަށް ފަހު އެ ޤައުމުގެ އެކި ސަރަޙައްދުތައް ކޮންޓްރޯލް ކުރަމުން ދަނީ ހަތިޔާރު އެޅި ޖަމާޢަތްތަކުންނެވެ.
2020 ވަނަ އަހަރުން ފެށިގެން ހަމަލަ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަކަށް އަމަލުކުރަން ފަށާފައިވީ ނަމަވެސް، ޖަމާޢަތްތަކުގެ މެދުގައި ކޯޅުން ބޮޑުވެ، ދޭތެރެދޭތެރެއިން ހަމަލަ ބަދަލު ކުރަމުންދާ ކަން ފާހަގަކުރެވެއެވެ. އަދި، މި ހަމަނުޖެހުންތަކުގެ ނިމުމެއްގެ ކޮޅުމަތި ވެސް ފެންނާކަށް ނެތެވެ. މި ވަގުތު ޠަރާބުލުސްގައި އެންމެ ބޮޑަށް ހަމަލަ ބަދަލު ކުރަމުން ދަނީ ޢައިން ޒާރާއާއި ފޫރްނާޖް އަވަށުގައި ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުންނާއި އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ޢާންމު ރައްޔިތުން ބުނެއެވެ.