ޗައިނާގެ ދިފާޢީ ވަޒީރު ލީ ޝެންގްފޫ ރަޝިޔާއާއި ބެލަރޫސަށް ދަތުރުފުޅެއް ފައްޓަވައިފިއެވެ. އޭނާގެ ދަތުރުފުޅު ފައްޓަވާފައި މި ވަނީ ރަޝިޔާއިން ޔޫކްރެއިނަށް އަރައި ފަށާފައިވާ ހަނގުރާމައާ ގުޅިގެން ރަޝިޔާގެ އިތުރުން ބެލަރޫސް އެކަހެރި ކުރަން ހުޅަނގުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އޭނާގެ ދަތުރުފުޅުގެ ބޭނުމަކީ، އެ ދެ ޤައުމަށް ޗައިނާގެ ތާޢީދާއި އެއްބާރުލުން ލިބެމުންދާނެ ކަން ހާމަކޮށްދިނުމެވެ.
ރަޝިޔާއަށް ކުރައްވާ ދަތުރުފުޅުގައި އެ ޤައުމުގެ ވެރިރަށުގައި ބާއްވާ މޮސްކޯ ކޮންފަރެންސް އޮން އިންޓަރނޭޝަލް ސެކިޔުރިޓީގައި ލީ ތަޤުރީރު ކުރައްވާނެއެވެ. އަދި، އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ އެހެން ޤައުމުތަކުގެ ދިފާޢީ ވަޒީރުންނާ ލީ ބައްދަލު ކުރައްވާނެ ކަމުގައި ޗައިނާގެ ދިފާޢީ ވުޒާރާގެ ތަރުޖަމާނު ވޫ ޗިއެން ވިދާޅުވިއެވެ. ބައްދަލުވުމުގެ ހަވާސާގައި ލީ ވަނީ ރަޝިޔާގެ ރައީސް ވްލައިމިޔަރ ޕުޓިންއާއި ދިފާޢީ ވަޒީރު ސަރްޖޭ ޝޮއިގޫއާ ބައްދަލު ކުރައްވާފައެވެ.
މޮސްކޯގައި ބާއްވާ ކޮންފަރެންސްގައި ރަޝިޔާގެ ޚާރިޖީ ވަޒީރު ސެރްގިޔޭ ލެވްރޮފް ވެސް ތަޤުރީރު ކުރައްވާނެއެވެ. އޭނާގެ ތަޤުރީރު އަމާޒު ކުރައްވާނީ ހުޅަނގުގެ ޤައުމުތަކުގެ އެއްބާރުލުމާއި އެހީތެރިކަމާ ނުލައި ތަރައްޤީއާއި ކުރިއެރުން ހޯދާނެ ގޮތްތަކަށް ކަމުގައި ރަޝިޔާގެ އޮފިޝަލަކު ވިދާޅުވިއެވެ. މި ބައްދަލުވުމުގައި ބައިވެރިވުމަށް 100 ޤައުމަކާއި ބައިނަލްއަޤުވާމީ އަށް ޖަމުޢިއްޔާއަކަށް ދަޢުވަތު އަރުވާފައިވާ ކަމުގައި ރަޝިޔާއިން ބުނެއެވެ.
ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވޮންގ ވެންބިން ވިދާޅުވީ އެ ޤައުމާއި ރަޝިޔާއާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ގިނަ މަޝްވަރާތަކެއް ކުރަމުންދާ ކަމުގައެވެ. އޭގެ ތެރޭގައި ދޭދޭ ގުޅުންތަކުގެ އިތުރުން ދެ ޤައުމުން ކަންބޮޑުވާ މައްސަލަތައް ހައްލުކުރުމާ ގުޅޭ މަޝްވަރާތައް ހިމެނޭ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހި ކުރަމުންދާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.
އޭނާ އިޝާރާތް ކުރައްވާފައި އެ ވަނީ ހުސްވި އަހަރު ދެ ޤައުމުގެ ރައީސުންގެ މެދުގައި އެކުލަވައިލާފައިވާ އެއްބަސްވުމަކަށެވެ. ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވަނީ "ހައްދެއް ނެތް" ރަޙުމަތްތެރިކަމެއް ދެ ޤައުމުގެ ދެމެދުގައި ގާއިމުކޮށް ދަމަހައްޓަން އެއްބަސްވެފައެވެ. އެ އެއްބަސްވުން އެކުލަވައިލާފައި ވަނީ 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރެއިންގައި ހަނގުރާމަ ފެށުމުގެ ކުރިންނެވެ.
ދެ ޤައުމުގެ ދެމެދުގައި ގުޅުންތައް ބަދަހިވަމުންދާ ކަމުގެ އަނެއް ހެއްކަކީ، ދެ ޤައުމުގެ އިސްވެރިން ކުރައްވާ ދަތުރުފުޅުތަކެވެ. މި އަހަރުގެ މާރިޗު މަހު ޝީ ވަނީ މޮސްކޯއަށް ވަޑައިގަންނަވައި ޕުޓިންއާ ބައްދަލު ކުރައްވާފައެވެ. އަދި، މޮސްކޯ އެކަހެރި ކުރަން ހުޅަނގުން ކުރަމުންދާ މަސައްކަތްތަކަށް ގޮންޖައްސަވާފައެވެ.
ޗައިނާގެ ލީގެ ބައިވެރިވުމާ އެކު މޮސްކޯގައި ބާއްވާ ސަލާމަތާ ބެހޭ މަހާސިންތާއަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް ރަޝިޔާއިން ގަބޫލުކުރާ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އަދި، ދެ ޤައުމުގެ ޚާރިޖީ ސިޔާސަތު އެއްކީލިކޮށް، ހުޅަނގުގެ ޤައުމުތަކާ ދެކޮޅަށް ތެދުވަން ރަޝިޔާއިން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ހިތްވަރެއް ލިބޭނެ ކަމަށް ވެސް އެ ފަރާތްތަކުން ގަބޫލުކުރެއެވެ.
މޮސްކޯއަށް ވަޑައިގެންނެވުމަށް ފަހު ލީ ދެން ވަޑައިގަންނަވާނީ ބެލަރޫސަށެވެ. ބެލަރޫސަކީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ރަޝިޔާގެ ފަޅިއަށް އަރާފައިވާ މަދު ޤައުމުތަކުގެ ތެރެއިން އެއް ޤައުމެވެ. އަދި، ބެލަރޫސްގެ އަސްކަރީ މަރުކަޒުތައް ބޭނުން ކުރުމުގެ ފުރުޞަތު ވެސް އެ ޤައުމުން ދަނީ ރަޝިޔާގެ އަސްކަރިއްޔާއަށް ދެމުންނެވެ. ރަޝިޔާގެ ކުލީ ސިފައިންގެ ކުންފުނި ވާގްނަރ ގުރޫޕުގެ ހަތިޔާރުއެޅި މީހުންނަށް މި ވަގުތު ހިމާޔަތް ދެމުންދަނީ ބެލަރޫސުން ކަން ފާހަގަކޮށްލަން ޖެހެއެވެ.