ކުޅިވަރު

އެފްއޭއެމްގެ އިންތިޚާބުގައި ވާދަކުރުމަށް އަލުން ހުޅުވާލަނީ !


އެފްއޭއެމް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އަލުން ހުޅުވާލަން ފީފާއިން ނިންމާފައިވާކަމަށް އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއަރމަން މުޙައްމަދު ޝާވީދު ވިދާޅުވެއްޖެއެވެ. 

އެފްއޭއެމްގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މީގެ ކުރިން ހުޅުވާލި މުއްދަތުގައި އެކަމަށް ކުރިމަތިލާފައިވަނީ އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއަރމަން މުޙައްމަދު ޝަވީދު އެކަންޏެވެ. 

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝަވީދު ވިދާޅުވީ ފީފާއިން ކުރިން ނިންމާފައިއޮތީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ދެވަނަ ފަހަރަށް ހުޅުވާ ނުލަންކަމަށެވެ. އެހެން ނަމަވެސް އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލާފައިވާ ހަމައެކަނި ކެންޑިޑޭޓް ދެވަނަ ފަހަރަށް ހުޅުވާލަން އެދުމުން އަލުން އެކަމަށް ހުޅުވާލީކަމަށް ޝަވީދު ވިދާޅުވިއެވެ.

"ފީފާއިން ފުރަތަމަ ނިންމީ އަލުން ފުރުސަތު ހުޅުވާނުލަން، އެހެންނަމަވެސް އަޅުގަނޑުގެ އެދުމުގެ މަތިން ފީފާއިން އެއްބަސްވީ ދެވަނަ ފަހަރަށް ހުޅުވާލަން. ސަބަބަކީ އަޅުގަނޑަކީ މަގާމަށް ކުރިމަތިލި ހަމައެކަނި ކެންޑިޑޭޓަަށްވީމަ" ޝަވީދު ވިދާޅުވިއެވެ.

ޝަވީދު ވިދާޅުވީ އެފްއޭއެމްގެ އިންތިޚާބު ނުބޭއްވި ލަސްވަމުންދާތީ ފީފާއާއި އޭއެފްސީން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންދާކަމަށާއި، އެފަރާތުގެ އެދުމަކީ ވީހާވެސް އަވަހަށް އިންތީޚާބު ބޭއްވިގެންދިޔުންކަމަށް ޝަވީދު ވިދާޅުވިއެވެ. ޝަވީދު ވިދާޅުވީ އިންތިޚާބުގައި ނާކާމިޔާބީއާއި ކުރިމަތިލާން ޖެހިދާނެތީ އެއްވެސްވަރަކަށް ހާސްވެވަޑައި ނުގަންނަވާކަމަށާއި، އަލުން އިއުލާންކުރަން އެދުނީ އެހެންވެގެންކަމަށެވެ.