ޚަބަރު

ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކެއަރ ސޮސައިޓީއާއި ލިޓްލް ޖެމްސްއާ ދެމެދު އެއްބަސްވުމެއް


  • ކެއަރ ސޮސައިޓީގެ ކަމާބެހޭ ފަންނީ މީހުން ލިޓްލް ޖެމްގައި މަސައްކަތްކުރާނެ

  • ސްކޫލް މެނޭޖުމަންޓަށް ބޭނުންވާ ފަންނީ އިރުޝާދު ދޭނެ

  • މިހާރުވެސް ބައެއް ސްކޫލްތަކުގައި މި ޕްރޮގްރާމް ހިންގާ

ކެއަރ ސޮސައިޓީއާއި ހުޅުމާލޭ ލިޓްލް ޖެމްސް ސްކޫލާދެމެދު ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ދެ އަހަރު ދުވަހުގެ މުއްދަތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލި މި އެއްބަސްވުމަކީ ލިޓްލް ޖެމްސް ޕްރީ ސްކޫލްގައި ކިޔަވާ އިތުރު އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް "ސްކޫލް ބޭސް އިންޓަރވެންޝަން" ފޯރުކޮށްދިނުމުގެ އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގެ ދަށުން ކެއަރ ސޮސައިޓީގެ ކަމާބެހޭ ފަންނީ ބޭފުޅުން، ލިޓްލް ޖެމްސް ޕްރީސްކޫލުގައި ކޮންމެ ހަފްތާއަކުވެސް މަސައްކަތްކުރާނެއެވެ. އަދި ޓީޗަރުންނާއި ކުދިންނަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މީގެ އިތުރުން ލިޓްލް ޖެމްސް ޕްރީސްކޫލްގެ ބެލެނިވެރިންނާއި، ސްކޫލް މެނޭޖުމަންޓަށް ބޭނުންވާ ފަންނީ އިރުޝާދާއި ލަފާ ދޭނެއެވެ.

ސްކޫލް ބޭސް އިންޓަރވެންޝަން ޕްރޮގްރާމަކީ ކުއްޖާގެ ޅަފަތުގައި ހެދިބޮޑުވުމުގެ މަރުހަލާތަކަށް އައިސްދާނެ ލަސްކަމެއް ވީހާވެސް އަވަހަކަށް ދެނިގަނެ އެކަމަށް ބޭނުންވާ އެކިއެކި ހުނަރު ކުދިންނަށް ލިބައިދިނުމަށް ޓީޗަރާ، ބެލެނިވެރިޔާއާއި ކަމާބެހޭ ފަންނީ ބޭފުޅުން އެކުވެގެން ސްކޫލްގަޔާއި ގޭގައި ހިންގޭ ޕްރޮގްރާމެއްކަމަށް ކެއަރ ސޮސައިޓިން ބުންޏެވެ.

ކެއަރ ސޮސައިޓީގެ ފަރާތުން ޕްރީ ސްކޫލްތަކަށް ޢަމާޒުކޮށްގެން ހިންގާ މި ޕްރޮގްރާމް ލިޓްލް ޖެމްސް ޕްރީސްކޫލްގެ އިތުރުން މާލޭގެ 2 ސްކޫލެއްގައި ހިންގައެވެ. އެއީ ދޮންދޫނި ލިޓްލް ލާނާސް އަދި މާފަންނު މަދަރުސާއެވެ.

ކެއަރ ސޮސައިޓީއަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންގެ ޙައްޤުގައި ވަކާލާތު ކޮށް އެކުދިންނަށް ބޭނުންވާ ފަރުވާއާއި އެހެނިހެން ޚިދުމަށްތައް ހޯދުމަށް އެފަދަ ކުދިންނާއި ޢާއިލާތަކައް އެހީތެރިވަމުން އަންނަ ޖަމްޢިއްޔާއެކެވެ.