ވިލާ ފައުންޑޭޝަނުގެ ސްކޮލަރޝިޕް އަދި ލޯނު ސްކީމްގެ ދަށުން ކިޔަވައިފައިވާ ދަރިވަރުންގެ ލޯނު މަޢާފްކޮށްފައިވާތީ، އެފަރާތްތަކުގެ މަޢުލޫމާތު ހިއްސާކުރުމަށް އެދިއްޖެއެވެ.
ވިލާ ފައުންޑޭޝަނުން ނެރުނު ބަޔާނެއްގައި ވަނީ، އެ ފައުންޑޭޝަނުންގެ ސްކޯލަރޝިޕް އަދި ލޯނު ސްކީމްގެ ދަށުން ކިޔަވާފައިވާ މީހުން، ވިލާ ފައުންޑޭޝަނަށް ދައްކަން އޮތް ފައިސާ އެ ފައުންޑޭޝަންގެ ޗެއަރމަން ޤާސިމް އިބްރާހީމް މަޢާފްކޮށްދީފައިވާކަމަށެވެ. އެކަމާއި ގުޅިގެން އެކަމުގެ އިދާރީ މަސައްކަތްތައް ކުރުމަށްޓަކައި އެ ފައުންޑޭޝަންގެ އެހީގައި ކިޔެވި މީހުންނަށް ގުޅޭނެ މަޢުލޫމާތު ފޯރުކޮށްދިނުމަށް އެދޭކަމަށް ވިލާ ފައުންޑޭޝަނުން ބުންޏެވެ. އެހެންކަމުން މިމަހުގެ 20ވަނަ ދުވަހުގެ ކުރިން މި މަޢުލޫމާތު ހިއްސާކުރުމަށްވެސް އެ ފައުންޑޭޝަނުން ވަނީ އެދިފައެވެ.
ވިލާ ފައުންޑޭޝަންގެ އެހީގައި ކިޔެވި މީހުންނަށް ލޯނު ފައިސާ މަޢާފްކޮށްދިންކަމުގެ ސިޓީ ހަވާލުކުރުން މިމަހުގެ 27 އަދި 28 ވަނަ ދުވަހު ވިލާ ފައުންޑޭޝަނުގައި ކުރިއަށް ގެންދާނެވާހަކަވެސް އެފައުންޑޭޝަނުން ބުންޏެވެ.
ލޯނު ނުވަތަ ސްކޯލަރޝިޕް މަޢާފްކުރުމާއި ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް ވިލާ ފައުންޑޭޗަންގެ ނަންބަރު 3333201 އަދި 3333202އަށް ގުޅުމުން މަޢުލޫމާތު ލިބޭނެކަމަށްވެސް ވިލާ ފައުންޑޭޝަނުން ބުންޏެވެ.
ވިލާ ފައުންޑޭޝަންގެ އެހީގައި 8000އަށްވުރެ ގިނަ ދަރިވަރުން ކިޔަވާފައިވާކަމަށް ޤާސިމް އިބްރާހީމް ވަނީ ވިދާޅުވެފައެވެ. އޭގެ ތެރޭގައި ހިލޭ އެހީ އާއި ސްކޮލަޝިޕާއި ލޯނުގައި ކިޔަވާފައިވާ ދަރިވަރުން ހިމެނެއެވެ. އެގޮތުން ބިލިއަނަކާއި ގާތަށް ޚަރަދުކުރެވިފައިވާނެކަމަށްވެސް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.