ދުނިޔެ

ޔަމަނަށް ދިން ވައިގެ ޙަމަލާއެއްގައި 41 މީހުން މަރުވެއްޖެ


ސަޢޫދީ ޢަރަބިއްޔާ އިސްކޮށް އޮވެގެން އުފައްދާފައިވާ ޢަރަބި ކޯލިޝަންގެ ބާރުތަކުން ޔަމަނަށް ދިން ވައިގެ ޙަމަލާތަކެއްގައި އެޤައުމުގެ ޢާންމުންގެ 41 މީހުން މަރުވެ 75 މީހުން ޒަޚަމްވެއްޖެއެވެ.

ޔަމަންގެ ޞިއްޙަތާބެހޭ މަސްއޫލުވެރިއަކު ވިދާޅުވީ ޢަރަބި ކޯލިޝަނުން ޔަމަންގެ "މުސްތަބާއު" ސަރަޙައްދަށް ދިން ސިލްސިލާ ޙަމަލާތަކެއް ބާޒާރަކަށް އަމާޒުވުމުގެ ސަބަބުން 40 އަށް ވުރެ ގިނަމީހުން މަރުވެފައިވާ ކަމަށެވެ. ސަޢޫދީ ޢަރަބިއްޔާގެ ޢަސްކަރީ ތަރުޖަމާނު ބްރިގޭޑިއަރ އަޙްމަދުލްއުސައިރީ ވަނީ ޢަރަބި ކޯލިޝަންގެ ޙަމަލާތަކުގައި ޔަމަންގެ ޢާންމުންގެ ގިނަ ބަޔަކު މަރުވިކަމަށް ބުނާ މައްސަލައެއް ބަލަމުންދާ ކަމަށް ވިދާޅުވެފައެވެ.

ޢަރަބި ކޯލިޝަނުން ޔަމަނަށް ދޭ ޙަމަލާތަކުގައި ކުށެއް ނެތް އާންމުން މަރުވަމުންދާތީ އދ.އާއި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ގެންދަނީ ކަންބޮޑުވާކަން ފާޅުކުރަމުންނެވެ. ސަޢޫދީ ޢަރަބިއްޔާ އިސްކޮށް އޮވެގެން އުފައްދާފައިވާ ޢަރަބި ކޯލިޝަން ޔަމަންގެ ރައީސް މަންސޫރު ހާދީގެ ސަރުކާރުގެ ދިފާޢުގައި އެޤައުމުގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވަދެފައިވަނީ މިދިޔަ އަހަރުގެ މާޗްމަހުގެ ތެރޭގައެވެ.