ރާއްޖޭގެ ބައެއް ރަށްރަށަށް އުދައިގެ އަސަރު މި ތިން ދުވަހު ކޮށްފާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. މެޓް އޮފީހުން ވިދާޅުވީ އުދަ އެރުމުގެ ފުރުސަތު ބޮޑީ މެދު ރާއްޖެތެރެއާއި ދެކުނުގެ ރަށްތަކަކަށްކަމަށެވެ.
މެޓް އޮފީހުން ވިދާޅުވީ އުދަ އަރާނީ ދިޔަވަރު ބޮޑުވާ ވަގުތު ނުވަތަ އޭގެ ކުޑައިރުކޮޅެއް ކުރިން ކަމަށެވެ. އުތުރުގެ ރަށްތަކަށް ދިޔަވަރު ބޮޑުވާނީ މެންދުރު 12:00 އާ 13:00 ދެމެދުގެ ވަގުތެއްގައެވެ. މެދު ރާއްޖެ ތެރެއަށް ދިޔަވަރު ބޮޑުވާނީ 13:00 އާ 14:00 ދޭތެރޭގައެވެ.
ރާއްޖޭގެ ބައެއް ހިސާބުތަކުގައި ރާޅުގެ އުސްމިން 8 ފޫޓަށް އުފުލިގެން ދިޔުމުގެ ފުރުސަތު އޮތްކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.
ރާއްޖޭގެ މިއަދުގެ މޫސުމަށް ބަލާއިރު އާއްމު ގޮތެއްގައި މޫސުން ރަނގަޅުވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައިޖެހޭނެކަމަށާއި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.