ޗައިނާގެ ބިރުދެއްކުންތަކަށް ތައިވާނުން ނުސިހޭނެ ކަމަށާއި، ފަހަތަށް ޖެހުމަކީ ތައިވާނުގެ ސިފައެއް ނޫން ކަމުގައި ވިދާޅުވެ އެ ޤައުމުގެ ނައިބު ރައީސް ވިލިޔަމް ލައި ޗައިނާއަށް ގޮންޖައްސަވައި ވާހަކަފުޅު ދައްކަވައިފިއެވެ. އޭނާ މި މޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ އެމެރިކާއަށް މިހާރު ކުރައްވަމުން ގެންދަވާ ޓްރާންސްޓް ދަތުރުފުޅުގައި އެ ޤައުމުގައި ދިރިއުޅޭ ތައިވާނުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަންނަ އަހަރުގެ ޖަނަވަރީ މަހު ތައިވާނުގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަން ލައި ވަނީ އިޢުލާނު ކުރައްވާފައެވެ. އަދި، އޭނާ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކައެވެ. އޭނާ އެމެރިކާއަށް ދަތުރުފުޅެއް ކުރައްވަމުން މި ގެންދަވަނީ ޗައިނާގެ ނުރުހުމަށް ބީރު ކަންފަތެއް ދެއްވުމަށް ފަހުގައި ކަން ފާހަގަކުރެވެއެވެ. ތައިވާނުގެ ވެރިކަން ކުރާ ޑިމޮކްރެޓިކް ޕްރޮގްރެސިވް ޕާޓީ (ޑީ.ޕީ.ޕީ)ގެ ޗެއަރމަންގެ މަޤާމު ވެސް ފުރައްވަނީ ލައިއެވެ.
އޭނާ އެމެރިކާއަށް ވަޑައިގަންނަވާފައި މި ވަނީ ޕެރެގުއާއީއަށް ކުރައްވާ ދަތުރުފުޅެއްގެ ތެރެއިން ޓްރާންސިޓް މަންޒިލެއްގެ ގޮތުގައެވެ. އޭނާގެ ދަތުރުފުޅުގެ ބޭނުމަކީ ޕެރެގުއާއީގެ އައު ރައީސް ވެރިކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމެވެ. ތައިވާނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައިގަންނަ 13 ޤައުމުގެ ތެރޭގައި ޕެރެގުއާއީ ހިމެނެއެވެ.
"ތައިވާނުގެ ރައްކާތެރިކަން ކަށަވަރު ކުރެވޭހާ ދުވަހަކު ދުނިޔޭގެ ވެސް އޮންނާނީ ރައްކާތެރި ތަނެއްގެ ގޮތުގައި. ތައިވާން ސްޓްރެއިޓް (ތައިވާން ކަނޑުއޮޅި) ސުލްޙަވެރިކޮށް އޮތްހާ ދުވަހަކު، ދުނިޔެ ވެސް އޮންނާނީ ސުލްޙަވެރިކޮށް،" ތައިވާނުގެ ސަރުކާރަށް ތާޢީދުކުރާ މީހުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ލައި ވިދާޅުވިއެވެ. އަދި، ޗައިނާގެ ބިރުދެއްކުންތަކަށް ބޯނުލަނބާނެ ކަމަށާއި، ތައިވާނުން ފަހަތަށް ނުޖެހޭނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ތައިވާނަކީ ޑިމޮކުރަސީގެ ހަމަތަކުގެ މަތިން ވެރިކަން ކުރަމުންދާ ތަނެކެވެ. ނަމަވެސް، އެއީ މިނިވަން ދަޢުލަތެއް ނޫން ކަމަށާއި، އެއީ ޗައިނާގެ ބައެއްގެ ގޮތުގައި އެ ޤައުމުން ދެކެއެވެ. އަދި، ބާރުގެ ބޭނުންކޮށްގެން ތައިވާން ހިފާނެ ކަމުގެ އިންޒާރު ވެސް ޗައިނާއިން ވަނީ ދީފައެވެ. ތައިވާން ވަށައިގެން ސަރަޙައްދުގައި ޗައިނާއިން އަސްކަރީ ތަމްރީނުތައް ކުރަމުން ދަނީ އެ ކަމަށް ތައްޔާރުވުމުގެ ގޮތުން ކަމަށް ތައިވާނުން ގަބޫލުކުރެއެވެ.
ތައިވާނުގެ މިނިވަންކަމާ ގުޅޭ މައްސަލައަކީ ޗައިނާއާއި އެމެރިކާއާ ދެމެދު ޚިޔާލު ތަފާތުވުން އުފެދިފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ. ޗައިނާއިން ދެކޭ ގޮތުގައި އެއީ އެ ޤައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ޚާރިޖީ މައްސަލައެވެ. އެމެރިކާއިން ތައިވާނަށް ހަތިޔާރު ފޯރުކޮށްދިނުމަކީ ޗައިނާއިން ނުރުހުންވާ ކަމެކެވެ.
ތައިވާނަށް 345 މިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި އަސްކަރީ އެހީގެ ޕެކޭޖެއް ފޮނުވަން ނިންމާފައިވާ ކަން އެމެރިކާއިން ދާދިފަހުން ވަނީ އިޢުލާނު ކޮށްފައެވެ. އެ ޕެކޭޖުގެ ދަށުން ފޯރުކޮށްދޭނީ ކޮން ކަހަލަ ހަތިޔާރުތަކެއް ކަން ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. އެމެރިކާގެ ކޮންގްރެސްއިން ވަނީ "ޕްރެޒިޑެންޝަލް ޑްރޯޑައުން އޮތޯރިޓީ"ގެ ބާރުގެ ދަށުން 1 ބިލިޔަން ޑޮލަރުގެ އަގުހުރި އަސްކަރީ އެހީގެ ސާމާނު ތައިވާނަށް ފޯރުކޮށްދިނުމުގެ ހުއްދަ ބައިޑަންއަށް ދީފައެވެ.
މި ފަހަރު އެމެރިކާއިން ތައިވާނަށް ފޯރުކޮށްދޭން ނިންމާފައިވާ އަސްކަރީ ހަތިޔާރުގެ ތެރޭގައި "އެމް.ޔިޔު-9އޭ" މަރުކާގެ ހަތަރު ޑްރޯން ހިމެނޭ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ނަމަވެސް، އެމެރިކާއިން މި ކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ތައިވާނަށް އަސްކަރީ އެހީގެ އައު ޕެކޭޖެއް ފޮނުވަން އެމެރިކާއިން ނިންމުމާ ގުޅިގެން ތައިވާނުގެ ދިފާޢީ ވުޒާރާއިން ވަނީ އެމެރިކާއަށް ޝުކުރު އަދާކޮށްފައެވެ.
އެމެރިކާއަށް ލައި ކުރައްވަމުން ގެންދަވާ މި ދަތުރުފުޅާ ދިމާކޮށް ތައިވާން ވަށައިގެން ކަނޑާއި ވައިގެ ސަރަޙައްދުތަކުގައި ޗައިނާއިން އަނެއްކާ ވެސް ވަރުގަދަ އަސްކަރީ ތަމްރީނުތަކެއް ބާއްވާނެ ކަމަށް ބެލެވެއެވެ. އޮގަސްޓު 8 ވަނަ ދުވަހު ވެސް ޗައިނާއިން ވަނީ އަސްކަރީ ތަމްރީނުތަކެއް ބާއްވާފައެވެ. އެ ތަމްރީނުތަކުގެ ތެރެއިން ޗައިނާގެ އަސްކަރީ އުޅަނދުފަހަރު ތައިވާނުގެ ވައިގެ ސަރަޙައްދަށް ވަދެފައިވާ ކަމުގައި ތައިވާނުން ބުނެއެވެ.
އޭޕްރިލް މަހުގެ ތެރޭގައި ވެސް ޗައިނާއިން ވަނީ ތައިވާން ވަށައިގެންވާ ކަނޑާއި ވައިގެ ސަރަޙައްދުގައި ވަރުގަދަ އަސްކަރީ ތަމްރީނުތަކެއް ބާއްވާފައެވެ. އެ ތަމްރީނުތަކުގެ ތެރެއިން ޗައިނާގެ އަސްކަރީ އުޅަނދުފަހަރު ވަނީ ތައިވާން ވަށައިލާފައެވެ. އެ ތަމްރީނުތައް ބާއްވާފައި ވަނީ ތައިވާނުގެ ރައީސް ޓައި އިންގް-ވެން އެމެރިކާއަށް ވަޑައިގަންނަވައި، އެ ޤައުމުގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސް ކެވިން މެކާތީއާ ބައްދަލުކުރެއްވުމާ ގުޅިގެން، އެ ކަމާ ނުރުހުން ވެގެންނެވެ.