ޚަބަރު

ޔާމީންގެ ޖޫރިމަނާއާ ގުޅިގެން ނެރުނު އަމުރު އިސްތިއުނާފެއް ނުކުރާނެ: ޕީޖީ


  • ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމާއެކު ހިމެނޭ 5 މިލިއަން ޑޮލަރުގެ ޖޫރިމަނާ ދެއްކުން ފަސްކުރުމަށް ވަނީ އަމުރު ނެރެފައި

އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޖޫރިމަނާ އަދަބު ތަންފީޛުކުރުން ފަސްކުރި އަމުރު އިސްތިއުނާފް ކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.

އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރަށް ޖަލަށްލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ޚުކުމް ކުރައްވާފައިވަނިކޮށް އެ ޙުކުމް ތަންފީޛްކުރުން ފަސްކުރުމުގެ އަމުރަކަށް އެދި މިމަހުގެ 7 ވަނަ ދުވަހު ހައިކޯޓަށް ހުށަހަޅާފައިވެއެވެ.

މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވަނީ ޖަލު އަދަބު ތަންފީޛްކުރުން ފަސްކުރުމުގެ އަމުރެއް ނެރެދެވެން ނެތްކަމަށެވެ. ނަމަވެސް ޖޫރިމަނާ އަދަބު ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރުއްވާފައިވެއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ ދިވެހިރާއްޖޭގެ ހައިކޯޓުން ނެރުއްވާފައިވާ އަމުރަކީ ވަގުތީ އަމުރެއްކަމަށްވެފައި, ހުށަހެޅިފައިވާ އިސްތިއުނާފީ މައްސަލައިގެ އަޑުއެހުމެއް ބުދަދުވަހަށް ތާވަލުކުރެވިފައިވާތީ, އިސްތިއުނާފީ މައްސަލައާމެދު ގޮތެއް ނިމުމުން ވަގުތީ އަމުރުވެސް ނިމުމަކަށް އަންނާނެތީ, ދިވެހިރާއްޖޭގެ ހައިކޯޓުން ނެރުއްވާފައިވާ ޙުކުމް ތަންފީޛްކުރުން ފަސްކުރުމުގެ އަމުރު އިސްތިއުނާފު ނުކުރުމަށް ނިންމާފައިވާކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.