1436 ވަނަ އަހަރުގެ ޙައްޖު މޫސުމުގެ ތެރޭގައި މައްކާގެ ޙަރަމްފުޅުގެ ތެރެއަށް ކެރޭނެއް ވެއްޓި އެތައް ބަޔަކު މަރުވި ހާދިސާގައި ސައުދީ އަރަބިއްޔާގެ ބިން ލާދިންގެ ގްރޫޕްގެ މައްޗަށް ދަށު ކޯޓުން އިއްވި ހުކުމް އެ ޤައުމުގެ ސުޕްރީމް ކޯޓުން ދަމަހައްޓައިފިއެވެ.
2015 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 11 ވަނަދުވަހު ކުއްލި ގޮތަކަށް މޫސުން ގޯސްވެ އައި ބާރުގަދަ ކޮޅި ގަނޑެއްގައި ޙަރަމްފުޅުގެ ތެރެއަށް ވެއްޓިފައިވަނީ އެތަން ބޮޑުކުރުމުގެ މަސައްކަތުގައި ބޭނުންކުރަމުންދިޔަ ކެރޭނެކެވެ.
މިސްކިތުގެ ބޭރުގެ ގޯތި ތެރޭގައި އޮތް މި ކްރޭން ވެއްޓި އޭގެ ބައެއް ބައިތައް ބިންދައިގެން ގޮސް ވެއްޓިފައިވަނީ ޙައްޖުވެރިން ތަވާކުރަން ތިބޭ ސަރަހައްދަށެވެ. މި ހާދިސާގައި 110 މީހުން މަރުވެ 209 މީހުން ޒަހަމްވެ ފަރުވާ ދޭން ޖެހުނެވެ.
މި ހާދިސާއާއި ގުޅިގެން މައްކާގެ އިސްތިއުނާފު ޖިނާއީ ކޯޓުން މިއަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު އިއްވިި ހުކުމްގައިވަނީ ސައުދީގައި ކޮންސްޓަރްކްޝަން މަސައްކަތް ހިންގާ އެންމެ ބޮޑު އެއް ކުންފުނިކަމަށްވާ ބިން ލާދިން ގްރޫޕް 20 މިލިއަން ރިޔާލުން ޖޫރިމަނާ ކުރުމަށެވެ. އަދި އެކުންފުނީގެ 8 މީހަކު 3 އަހަރަށް ޖަލަށްލާ އެއިން ކޮންމެ މީހަކު 30 ހާސް ރިޔާލުން ޖޫރިމަނާކުރަންވެސް ކޯޓުން ވަނީ ނިންމާފައެވެ. މި މީހުންގެ ތެރޭގައި ހިމެނީ ބިން ލާދިން ގްރޫޕްގެ 8 ޑިރެކްޓަރުންނެވެ. އެމީހުންނަކީ އެ ކުންފޫނީގެ އެކި ޑިޕާޓްމަންޓްތައް ހިންގަން ތިބި އިސްވެރިންނެވެ.
މި މައްސަލަ އެންމެ ފުރަތަމަ ބެލި ސައުދީގެ ކްރިމިނަލް ކޯޓުން ނިންމީ އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތުނުވާކަމަށެވެ. އެ ކޯޓޤގެ ހުކުމްގައި ބުނެފައިވަނީ މީ އިންސާނުން ބާރު ނުފޯރާ ހަދިސާއެއްގައި ހިންގިކަމެއްކަމަށެވެ. މި ހުކުމާއި އެކު މައްކާގެ ސުޕްރީމް ކޯޓުން ވަނީ މި މައްސަލަ އަލުން މުރާޖާ ކުރުމަށް އިސްތިއުނާފު ކޯޓަށް އަންގާފައެވެ. އެ ކޯޓުން ވެސް ފުރަތަމަ ނިންމީ ދަށު ކޯޓްގެ ހުކުމަށް ތާއީދުކޮށްފައެވެ. އެ ނިންމުގައި ބުނެފައިވަނީ ދަށު ކޯޓްގެ ނިންމުން ބަދަލުކުރަންޖެހޭ ޤާނޫނީ އެއްވެސް ސަބަބެއް ނެތްކަމަށެވެ.
މި ނިންމުންވެސް ސައުދީގެ ސުޕްރީމްކޯޓުން ބަލެއް ނުގަނެއެވެ. އެ ނިންމުމާއި އެކު އަނެއްކާވެސް ސުޕްރީމް ކޯޓުން ވަނީ އަލުން އެ މައްސަލަ މުރާޖާ ކުރުމަށް އަންގާފައެވެ. މި ފަހަރުގެ އަމުރުގައި ބުނެފައިވަނީ އަލުން މައްސަލަ މުރާޖާ ކުރަން ވާނީ ކުރިން ތިބި އެއްވެސް ފަނޑިޔާރަކު ނުހިމަނާ އައު ފަނޑިޔާރުންގެ ބެންޗަކާއި އެކުކަމަށެވެ.
ބިން ލާދިން ގްރޫޕްގެ މައްޗަށް ކުށް ސާބިތުވީ އަލުން އެލުލަވާލި ފަނޑިޔާރުންގެ ބެންޗުން މައްސަލަ ބެލުމަށްފަހު އިއްވި ހުކުމުންނެވެ.