އަވަށްޓެރި ޤައުމެއްގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ފުލުހުން 3 ތަނެއް ބަލާ ފާސްކޮށްފިއެވެ.
ފުލުހުން ވިދާޅުވީ 2017 ވަނަ އަހަރުގެ ފަހުކޮޅު 4 ދިވެއްސަކު ރާއްޖެއާއި އަވަށްޓެރި ގައުމެއްގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް ރާވައި، ރާއްޖެއިން ބޭރުގެ ޓެރަރިސްޓް ޖަމާއަތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ ޓެރަރިޒަމް އަމަލެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމުގެ ހެކި އެކުވެރި ދެދައުލަތަކުން ކޮށްފައިވާ ކަމަށެވެ. އަދި ތަޙްޤީޤުން މިކަން ހާމަވެފައިވާތީ އެގައުމުތަކުގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން ފޯރުކޮށްދީފައިވާ މައުލޫމާތާއި ހެކީގެ އަލީގައި 3 ތަނެއް މިއަދު ބަލާ ފާސްކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މިބަލާ ފާސްކުރުމަށްފަހު 3 މީހެއްގެ ޑިޖިޓަލް ޑިވައިސްތައް ތަޙްޤީޤު ބޭނުމަށް ހިފަހައްޓާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ މިމައްސަލަ ފުލުހުން އިތުރަށް ތަހްޤީގުކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މިމައްސަލައިގައި މައުލޫމާތު ފޯރުކޮށްދީފައިވާ ގައުމުތަކުގެ ތަޙްޤީޤަށް ބޭނުންވާ އެހީތެރިކަން ދިވެހި ފުލުހުންގެ ޚިދުމަތުންވެސް ފޯރުކޮށްދެއްވަމުން އަންނަ ކަމަށްވެސް ފުުލުހުން ވިދާޅުވެއެވެ.