ޚަބަރު

ކަނޑު ހުރަސްކޮށް ފުރަތަމަ ފަހަރަށް ރާއްޖޭގައި ކަރަންޓް ކޭބަލެއް އަޅައިފި


  • ކަރަންޓް ވިއުގަ ގުޅާލާފައިވަނީ ފަރެސްމާތޮޑާ އެއަރޕޯޓުން މީހުން އުޅޭ ސަރަހައްދަށް

  • އިންޖީނުގެއަކީ 10 މެގަވޮޓްގެ ކަރަންޓް އުފެއްދޭ އިންޖީނުގެއެއް

ރާއްޖެގައި ފުރަތަމަ ފަހަރަށް މީހުން ދިރިއުޅޭ ރަށަކަށް ކަނޑު ހުރަސްކޮށް ކަރަންޓް ކޭބަލެއް އަޅައިފިއެވެ.

މިކަރަންޓް ވިއުގަ ގުޅާލާފައިވަނީ ފަރެސްމާތޮޑާ އެއަރޕޯޓުގައި ޤާއިމްކުރި ޒަމާނީ އިންޖީނުގެއިން ފަރެސް މާތޮޑާއަށެވެ.

ފަރެސްމާތޮޑާ އެއަރޕޯޓުގައި ޤާއިމްކުރި އިންޖީނުގެއަކީ ދިވެހިންގެ މަސައްކަތުން ކުރު މުއްދަތެއްގެ ތެރޭގައި އިމާރާތްކުރި އިންޖީނުގެއެކެވެ. މި އިންޖީނުގެއަކީ 10 މެގަވޮޓްގެ ކަރަންޓް އުފެއްދޭ ފެންވަރަށް ޤާއިމްކޮށްފައިވާ އިންޖީނުގެއެއް ކަމަށް ފެނަކައިން ބުނެއެވެ. އަދި މި އިންޖީނުގެއަކީ ބޭރަށް އެއްވެސް އަޑެއް ނީވޭނެހެން ސައުންޑް ޕުރޫޕްކޮށް ހަދާފައިވާ ޒަމާނީ ފެންވަރުގެ އިންޖީނުގެއެކެވެ.

މިއިންޖީނުގެއިން ކުރިއަށް އޮތް 50 އަހަރަށް އެއްވެސް ދަތިކަމެއް ނެތި ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ފެނަކައިން ބުނެއެވެ. މިއިންޖީނުގެއިން ފަރެސް މާތޮޑާއަށް ކަރަންޓް ފޯރުކޮށްދެނީ ކަނޑު ހުރަސްކޮށް އަޅާފައިވާ ކޭބަލް ވިއުގައަކުންނެވެ.

ފަރެސްމާތޮޑާ އެއަރޕޯޓްގައި ހަދާފައިވާ މި އިންޖީނުގެއަކީ ޒަމާނީ ވަޞީލަތްތަކާއެކު ތަރައްޤީކޮށްފައިވާ އަދި ޖާގައިގެ ގޮތުން ތަނަވަސް ތަނެކެވެ. މި އައު އިންޖީނުގޭގެ މިހާރުގެ ކެޕޭސިޓީއަކީ 1840 ކިލޯވޮޓެވެ. ސަރުކާރުން އަންނަނީ ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ހުރި އިންޖީނުގެތައް މީހުން ދިރިނޫޅޭ ސަރަޙައްދަށް ބަދަލުކުރަމުންނެވެ.